English Edition
Dhivehi Edition

ކޮންމެ އަހަރެއްގެ ވެސް މިނިވަން ދުވަހާ ދިމާކޮށް ހުޅުދޫގައި ބާއްވަމުން އަންނަ މިނިވަންކަޕް މުބާރާތުގެ މިއަހަރުގެ މުބާރާތް ބޮޑުއީދާ ދިމާކޮށް އަންނަ އޯގަސްޓް މަހުގައި ފަށާގޮތަށް ހަމަޖެހިފައިވާ ކަމަށް މިމުބާރާތް އިންތިޒާމް ކުރާފަރާތްތަކުން ބުނެފިއެވެ.

މިމުބާރާތް މިއަހަރު އޯގަސްޓް 02ގައި ފެށުމަށް ހަމަޖެހިފައިވާއިރު ނިމޭނީ އޯގަސްޓް 13ވަނަދުވަހު އެވެ.

މިހާރު މިމުބާރާތުގައި ބައިވެރިވުމަށް ވަނީ ފުރުސަތު ހުޅުވާލައިފައެވެ. މިހިނގާ ޖޫން މަހުގެ 15 އިން 25ހަށް ޓީމްތަކުން ބައިވެރި ވުމުގެ ފުރުސަތު ހުޅުވަލާފައި ވާއިރު މިމުބާރާތަށް މިއަހަރުވެސް ވަނީ 10 ޓީމަކަށް ފުރުސަތުދީފައެވެ.

މިއަހަރުގެ މުބާރާތުގައި ޗެމްޕިއަން ޓީމަށް 40000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވާއިރު ރަނަރަޕް ޓީމަށްވަނީ 20000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައެވެ.

“މިމުބާރާތަށް މެދުކެނޑުމެއް ނެތި އެހީތެރިވަމުން އަންނަ ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. މި މުބަރާތް އަޅުގަނޑުމެން މިނިވަންކަޕް މެދުކެނޑުމެއްނެތި ބާއްވަމުން އަންނަތާ މިހާރު މިއީ 10 ވަނަ އަހަރު، އެހެންވީމަ މިއަހަރުގެ މުބާރާތަކީ 10 ވަނަ މުބާރާތް. ވަރަށް ހާއްސަވާނެ. ތަފާތުވާނެ، އެހެންވީމަ 10 އަހަރުފުރުން ފާހަގަ ކުރުމާއެކު މުޖްތަމައު އެކިއެކި ކަންކަމަށް ހޭލުން ތެރިކުރުމަށް މިފަހަރުވެސް ތަފާތު އާކަންތައްތަކާއެކު މިމުބާރާތް ކުރިއަށް ގެނދިޔުމަށް ރޭވިފައި ވަނީ” މިމުބާރާތް އިންތިޒާމް ކުރަމުން އަންނަ ފަރާތް ކަމަށްވާ ހެލްޕިންގ ޑްސޯޝަލް ކެއާގެ ފަރާތުން ކްލަބްގެ ރައީސް ކަމުގެ މަގާމުގައި ހުރި އިބްރާހިމް ސަމީއު (މެރޭ) އޭއޯނިއުސް އަށް މައުލޫމާތު ދެމުން ބުންޏެވެ.

ހެލްޕިންގ ސޯޝަލް ކެއާގެ ފަރާތުން އިންތިޒާމް ކޮށްގެން ބާއްވަން ހަމަ ޖެހިފައިވާ މިމުބާރާތް މިއަހަރުވެސް އޮންނާނީ ހުޅުދޫ ފުޓްސެލް ދަނޑުގައެވެ.