އަދީބު ބޭސްފަރުއާއަށް ފޮނުވާތީ ކުއްލި މައްސަލައެއް މަޖިލީހަށް ހުށަހަޅައިފި
3 މަސް ކުރިން
އަޙްމަދު

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވަން ނިންމި މައްސަލައާއި ގުޅިގެން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

އަދީބުގެ ސިއްހީ ހާލަތު ހުރި ގޮތުން މެޑިކަލް ބޯޑުން ބޭސްފަރުވާއަށް އޭނާ ރާއްޖެއަށް ބޭރަށް ފޮނުވާލުމަށް ލަފާދީފައިވާތީ، މޯލްޑިވްސް ކަރެކްޝަންސްއިން ވަނީ އަދީބު ރާއްޖެއިން ބޭރަށް ފޮނުވާލުމަށް ނިންމާފައެވެ.

Advt

Advertisement

މިއަދުގެ ޖަލްސާއަށް އަދީބުގެ  މައްސަލަ ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. މައްސަލަ ހުށަހަޅުއްވަމުން މީކާއިލް ވިދާޅުވީ ކުއްލި މައްސަލަ ހުށަހެޅުއްވީ ރޭގެ ވަގުތެއްގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އިން އަދީބު ވަރަށް ކުއްލި ގޮތަކަށް ބޭސްފަރުވާއަށް ކަމަށް ބުނެ، ބޭރަށް ފުރުވާލަން ހުއްދަ ދީފައިވާކަމަށް އެ މުއައްސަސާއިން އިއުލާން ކޮށްފައި ވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރުމަށް ކަމަށެވެ.

އޭނާ ވިދާޅުވީ މިދިޔަ ދުވަސްތަކުގެ ތެރޭގައި ވަރަށް ކުއްލިގޮތަކަށް އަދީބުގެ އެތަކެއް މައްސަލަތަކެއް ކޯޓުތަކުން ވަނީ ނިންމާލާފައި ކަމަށެވެ. އެގޮތުން ޗުއްޓީގައި ހުންނެވި ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާއު އުސްމާނު އޮފީހަށް ނުކުމެވަޑައިގެން އަހުމަދު އަދީބު 77 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައެއް ނިންމަވާލައްވާފައިވާ ކަމަށެވެ.

މީގެ އިތުރުން މީކާއީލް ވިދާޅުވީ ކުރީގެ މެމްބަރު ޑރ އަފްރާޝީމް އަލީ އާއި ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން މަރާލިކަމަށް ތުހުމަތުކުރެވޭ މީހުން ރާއްޖޭން ބޭރަށް ފުރުވާލިކަމުގެ ތުހުމަތު އަދީބުގެ މައްޗަށް ކުރެވޭ ކަމަށެވެ.

އަދީބު ބެސްފަރުވާއަށް ބޭރަށް ދިއުމަށް ހުއްދަ ދިން މައްސަލައިގައި، މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަންނަން ފެނޭތޯ ނެގި ވޯޓުގައި ބައިވެރިވި 58 މެންބަރުންގެ ތެރެއިިން 56 މެންބަރުން ވަނީ އެ މައްސަލަ ބަލައިގަންނަން ވޯޓު ދީފައެވެ. މި މައްސަލަ ބަލައި ނުގަންނަން ދެ މެންބަރަކު ވޯޓު ދީފައިވެއެވެެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނީ، އަދީބުގެ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް މެޑިކަލް ބޯޑުން ލަފާދީފައިވާތީ ކަރެކްޝަންސް އިން އެ ހުއްދަ ދީފައިވާ ކަމަށެވެ.

އަދީބުގެ މައްޗަށް އިއްވާފައިވާ 33 އަހަރުގެ ޖަލު ހުކުމްތައް ކޯޓުން ބާތިލުކޮށްފައިވާއިރު، އެ މައްސަލަތައް އަލުން ބެލުމަށް ވަނީ ނިންމައިފައެވެ. އަދީބު މިހާރު ތަންފީޒު ކުރައްވަމުން ގެންދަވަނީ ކޯޓު ހުރުމަތް ކަނޑައިގެން އިއްވާފައިވާ 15 ދުވަހުގެ ޖަލު ހުކުމެކެވެ. އެ ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ގޭ ބަންދުގައި ހުންނަވައިގެންނެވެ. ހުކުމް މާދަމާއަށް ނިމުމުން އަދީބު އެކޮށް މިނިވަން ވާނެއެވެ.