English Edition
Dhivehi Edition
އިންޑިއާގެ ބޮޑުވަޒީރަށް މަރްޙަބާ ދެންނެވުމުގެ ރަސްމިއްޔާތުގެ ތެރެއިން /ފޮޓޯ ރައީސް އޮފީސް

ފުރަމާނަ ދަތުރުފުޅެއްގައި ދިވެހިރާއްޖެއަށް މިއަދު ވަޑައިގެންނެވި އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީއަށް ރަސްމީގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މަރުޙަބާ ދަންނަވައިފިއެވެ.

އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީ މާލެއަށް ފައިބައިވަޑައިގަތުމާއެކު، ރަސްމީ ފާލަމުން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާއާއި އިންޑިއާގެ ބޮޑުވަޒީރު ޑަޔަސްއަށް އަރާވަޑައިގަތުމާއެކު، 21 ބަޑީގެ ސަލާމެއް އެރުވުނެވެ. އަދި އިންޑިއާއާއި، ދިވެހިރާއްޖޭގެ ޤައުމީ ސަލާމް ކުޅުނެވެ. އެއަށްފަހު، އިންޑިއާގެ ބޮޑުވަޒީރުގެ ޝަރަފްގައި އޮތް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ގާޑް އޮފް އޮނަރެއް، އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވިއެވެ.

އެއަށްފަހު، އެބޭފުޅުން ވަނީ ދިވެހި ސްކޫލް ކުދިން ހުށަހަޅައިދިން ޘަޤާފީ އައިޓަމެއް ބައްލަވައިލައްވައިފައެވެ. އިންޑިއާގެ ބޮޑުވަޒީރަށް މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތު އޮތީ، ‏މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ދިވެހި ދައުލަތުގެ ވަޒީރުންނާއި، ސަރުކާރުގެ އިސް ބައެއް ބޭފުޅުން، އިންޑިއާގެ ބޮޑުވަޒީރަށް ތަޢާރުފުކޮށް އެރުވިއެވެ. އަދި އިންޑިއާގެ ބޮޑުވަޒީރުގެ އަރިހުގައި ވަޑައިގެންނެވި ވަފްދުގައި ހިމެނިވަޑައިގަންނަވާ އިސްބޭފުޅުން، ރައީސުލްޖުމްހޫރިއްޔާއަށް ތަޢާރުފުކޮށް އެރުވިއެވެ.

މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތަށްފަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޑައިގަތީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އެމަނިކުފާނު ވަޑައިގެންނެވީ ހަތްކޮޅުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޑައިގަތުމަށްފަހު ޢިއްޒަތްތެރީން ސޮއިކުރައްވާ ފޮތުގައި އިންޑިއާގެ ބޮޑުވަޒީރު ވަނީ ސޮއިކުރައްވާފައެވެ.