English Edition
Dhivehi Edition

ރާއްޖެ ތަރައްގީކުރުމުގެ ނަމުގައި ތިމާވެށި ސުންނާފަތިކޮށް، މި ރާއްޖޭގެ ޖަޒީރާވަންތަކަން ނަގައިލުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިތާބުގައެވެ.

ރައީސް ވިދާޅުވީ މި އަހަރުގެ ތިމާވެށީގެ ދުވަހަށް ކަނޑައަޅާފައިވާ ޝިޢާރު ކަމަށްވާ “އެއަރ ޕޮލިއުޝަން” ނުވަތަ “ވައި ތަޣައްޔަރުވުން” މިއީ، ދުނިޔޭގެ ތިމާވެށީގެ އިތުރުން، އިންސާނުންގެ ޢާންމު ޞިއްޙަތާ ވެސް ނުހަނު ބޮޑަށް ގުޅިފައިވާ ޝިޢާރެއް ކަމަށެވެ. އަދި ތަފާތު ވިހަ މާއްދާތަކުން ތަޣައްޔަރުވެފައިވާ ވައިގެ ތެރެއަށް ނޭވާލާން ޖެހުމުގެ ސަބަބުން، ކޮންމެ އަހަރަކު ގާތްގަނޑަކަށް 4.2 މިލިއަން މީހުން، ނުޢުމުރުގައި (ޕްރިމެޗުއަރކޮށް) މަރުވެގެންދާ ކަމަށް، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔު.އެޗް.އޯ)ގެ ތަފާސްހިސާބުތަކުން ދައްކާ ކަމަށް ރައީސް ގެ ޚިޠާބުގައި ވިދާޅުވިއެވެ. މީގެ އިތުރުން ދުނިޔޭގެ އާބާދީގެ ގާތްގަނޑަކަށް 91 އިންސައްތަ ދިރިއުޅެމުން އަންނަނީ، ރައްކާތެރިކަމަށް އެ ޖަމްޢިއްޔާއިން ކަނޑައަޅާފައިވާ މިންގަނޑަށް ވުރެ، މާ ބޮޑަށް ވައި ތަޣައްޔަރުވެފައިވާ ސަރަޙައްދުތަކުގައި ކަމަށް ވެސް ރައީސް ވަނީ ފާހަގަ ކުރައްވަވާފައެވެ.

“ވައި ތަޣައްޔަރުވުމަށް މެދުވެރިވާ އެތައް ސަބަބުތަކެއް ހުރި އިރު، އަޅުގަނޑުމެންގެ ރާއްޖެވެސް ވަނީ އެފަދަ ބައެއް ކަންތައްތަކާ ކުރިމަތިލާން ޖެހިފައި. ޞިނާޢީ ބޮޑެތި ކާރުޚާނާތައް ނެތެއް ކަމަކު، އެއްގަމާއި ކަނޑާއި ވައިގެ ދަތުރުފަތުރުތަކަށް އަޅުގަނޑުމެން ބޭނުންކުރާ އުޅަނދުތަކުން، ޖައްވަށް ބޭރުވާ ވިހަ ދުމުގެ ބާވަތްތަކާއި މިންވަރު މަދެއް ނޫން. އާބާދީގެ ބޮޑު އިންސައްތައެއް، ވެރިރަށް މާލެއަށް ތޮއްޖެހިފައިވާ އިރު، އެ އެންމެން ނޭވާލާންޖެހިފައިވަނީ، އެއްގަމު އުޅަނދުތަކުގެ ވިހަ ދުމުން ތަޣައްޔަރުވެފައިވާ ވައިގެ ތެރެއަށް، މާލެ ސަރަޙައްދުގައި އެކަނިވެސް، 60000 އަށް ވުރެ ގިނަ، އިންޖީނުލީ އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްފައިވޭ” ރައީސް ވިދާޅުވިއެވެ.

ވައި ތަޣައްޔަރުވާ މިންވަރު ދަށް ކުރެވޭނީ، ޖައްވުގެ ތެރެއަށް ވިހަ ގޭސްތައް ބޭރުކުރާ މިންވަރު މަދުކޮށްގެންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ހަކަތަ އުފެއްދުމަށްޓަކައި، ތެޔޮ އެންދުމުގެ ބަދަލުގައި، އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް އިތުރުކޮށްގެންކަމަށެވެ.

“ރާއްޖެ ތަރައްޤީކުރުމުގެ ނަމުގައި ތިމާވެށި ސުންނާފަތިކޮށް، މި ރާއްޖޭގެ ޖަޒީރާވަންތަކަން ނަގައިލުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން. މި ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން ވެސް، ތިމާވެށީގެ ޙިމާޔަތަށް މުހިންމު ފިޔަވަޅުތަކެއް ވަނީ އަޅައިފައި. ތޮއްޖެހިފައިވާ މާލެ ފެހިކޮށް، ވައި ސާފު ރަށަކަށް ބަދަލުކުރުމަށްޓަކައި މާލޭގައި ހުސްޖާގަތައް ހަދައި، ޕާކް ކުރުމަށް ލުއިފަސޭހަ ގޮތްތައް މިއަންނަނީ ހޯދައިދެމުން. ތިމާވެއްޓާ ރަޙްމަތްތެރި ދަތުރުފަތުރުގެ ނިޒާމެއް ތަރައްޤީކޮށް، މަގުމަތީގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ، ސަރުކާރުގެ ވަރަށް މުހިންމު އަމާޒެއް” ރައީސް ވިދާޅުވިއެވެ.

ތިމާވެއްޓާ ރަހްމަތްތެރި ވައްޓަފާޅިއަކަށް، ދިރިއުޅުމުގެ އާދަތައް ބަދަލުކުރުމަކީ، ފަރުދީ ފެންވަރުގައި ކޮންމެ މީހަކަށް ވެސް ކުރެވިދާނެ ކަމެއްކަމަށާއި، ވައި ސާފުވުމާއި ވައި ތަޣައްޔަރުވުމަކީ، ދިރިހުރުމާ ގުޅިފައިވާ ކަމެއްކަން ގަބޫލުކޮށް، ނޭވާ ލާން ބޭނުންކުރާ ވައި، އަމިއްލަ އަތްތަކުން ތަޣައްޔަރު ނުކުރާ ބަޔަކަށްވުމަށް، ރައީސުލްޖުމްހޫރިއްޔާ ވަނީ އިލްތިމާސްކުރައްވާފައެވެ.