English Edition
Dhivehi Edition

އިކޮނޮމިކްސް މާއްދާ އިން ފުރިހަމަ %100 ޕަސެންޓާ އެކު ސިބާ ސައީދު ވަނީ ފޭދޫ ސްކޫލާއި އަމިއްލަ ރަށާއި އާއިލާގެ އިތުރުން އައްޑު އަށް ރީތި ނަމާއި ޝަރަފް ހޯދައި ދީފަ އެވެ. ފޭދޫ ސްކޫލަށާއި އަދި މުޅި އާއިލާއަށް ވެސް ދުވަހަކު ވެސް އަދި މި ވީހާތަނަށް ލިބިފައި ނުވާފަދަ ރަންވަނަ އެއް ހޯދައި ދިން ދަރިވަރަކީ ފޭދޫ ދުންނިކަގޭ ފާތިމަތު ސިބާ ސައީދެވެ. ފޭދޫ ސްކޫލުގެ ނިމިގެން ދިޔަ ދައުރުގެ ކެޕްޓަނެވެ.

މުޅި ސްކޫލުވެސް ސިބާ ހޯދި ކާމިޔާބީއަށްޓަކައި ފަޚުރުވެރިވާ އިރު ސިބާ ބުނީ މިކާމިޔާބީގެ އެންމެ ބޮޑު ހިއްސާއެއް ދެވޭ ފަރާތަކީ ފޭދޫ ސްކޫލުގެ ހީވާގި ޕްރިންސިޕަލް އަލީ މުސްޠަފާ ކަމެވެ. ލިބުނު އިނާމާ އަދި ޝަރަފާ އެކު އެ ވާހަކަތައް “އައްޑޫ އޮންލައިން” ނޫހާ ހިއްސާ ކުރި އިރު ހެއްދެވި ފަރާތަށް ޝުކުރު އަދާ ކުރަމުން ސިބާ ދެން އެންމެ ފުރަތަމަ ވެސް ޝުކުރު އަދާ ކުރަން ބޭނުންވީ ޕްރިންސިޕަލް އަލީ މުސްތަފާ އަށެވެ.

ފޭދޫ ދުންނިކަގޭ އައިޝަތު ޒުލްފާ އާއި މުޙައްމަދު ސައީދުގެ ހަމައެކަނި ދަރިފުޅު ސިބާ އަކީ ތޫނުފިލި ކުއްޖެކެވެ. ކެރޭ ހީވާގި ދަރިވަރެކެވެ. ކުޅަދާނަ ވާހަކަ ދެއްކުންތެރިއެކެވެ. އަދި ވަކިން ޚާއްޞަކޮށް ނިމިގެން ދިޔަ އޯލެވެލް އިމްތިޙާނުގައި އިކޮނޮމިކްސް އިން ދުނިޔޭގެ އެއްވަނަ މަގާމާއި ގައުމީ ގަދަ 10 އެއްގެ އެއްވަނަ މަގާމު ސިބާ ހޯދި ހޯދުން ވެގެން ދިޔައީ މުޅި ޢާއިލާއަށް ވެސް އެފަދަ ޝަރަފެއް ލިބިގެން ދިޔަ ފުރަތަަމަ ފަހަރުކަމެެވެ.

7293_dsc_9372

މަންމަޔާ ބައްޕަގެ ފަރާތުން ލިބިގެން ދިޔަ ހިތްވަރާއިއެކު ގްރޭޑް 1 އިން ފެށިގެން ގްރޭޑް 10 ނިމެންދެން ފޭދޫ ސްކޫލުން ތައުލީމު ހާސިލް ކުރި ސިބާ ބުނީ އޯލެވެލްގައި ހޯދާ ބްރިލިއަންސްގެ ވާހަކަ އެންމެ ފުރަތަމަ ސިބާއަށް އެނގިގެން ދިޔައީވެސް ޕްރިންސިޕަލް އަލީ ސަރ ގެ ފަރާތްޕުޅުން ކަމަށެވެ.

“ގްރޭޑް 8 ދިޔަ އިރުވެސް ނޭނގޭ ބްރިލިއަންސް އަކީ ކޮންއެއްޗެއް ކަމެއްވެސް. ޕްރިންސިޕަލް އެންކަރޭޖް ކޮށްގެން އެކަމަށް މަސައްކަތް ކުރީ. އެކްސްޓްރާ ކްލާސްތައް ވެސް ބާއްވާ އަދި ގްރޭޑް 9 ގައި ވެސް އޯލެވެލްގައި ބައިވެރިވުމަށް ވެސް ހިތްވަރު ދެއްވެވީ ޕްރިންސިޕަލް. ޕްރިންސިޕަލްގެ ހިތްވަރުން މިހާބޮޑު ކާމިޔާބީއެއް ލިބުނީ,” ސިބާ ބުންޏެވެ.10678206_1478953679024396_1354530218_o (1)

ސިބާ ވަނީ ގްރޭޑް 9 ގައި ކިޔަވަމުންވެސް އޯލެވެލްގެ 2 މާއްދާއިން އިމްތިހާނު ހަދާ އެ މާއްދާތަކުންވެސް އޭ ހޯދައިފަ އެވެ.

“ބްރިލިއަންސް ހޯދުމަށް ބޮޑަށް މަސައްކަތް ކުރީ މެތްސް އާއި ޓްރެވެލް އެންޑް ޓޫރިޒަމަށް. އެ 2 މާއްދާއިން ގްރޭޑް 9 ގައިވެސް އިމްތިހާނު ހެދިން. އޭރު މެތްސް އިން އޭ ސްޓާރ އެއް އަދި ޓޫރިޒަމުން އޭ އެއް ލިބުނު. އިކޮނޮމިކްސް އަކަށް އެހާ ބޮޑަކަށް މަސައްކަތެއް ނުވެސް ކުރެވޭ. އެމާއްދާއިން މިފަދަ ވަނައެއް ލިބިދާނެ ކަމަކަށް ކުރީގައި ހީކުރެވިފައިވެސް ނެތް.” ސިބާ ބުންޏެވެ.

ސިބާ ބުނީ މި ކާމިޔާބީގެ ފަހަތުގައި އޭނަގެ މަންމައާއި ބައްޕަގެ އެހީތެރިކަންވެސް ވަރަށް ބޮޑު ކަމަށެވެ.

“އަސްލު މަންމަ އެހާގިނައިން ނުއެއް ބުނާނެ ކިޔަވާށޭ. އެކަމަކު މަންމަ އަބަދު އުޅޭނީ ކާންދެވޭތޯ އަދި ސްޓްރެސް ރިލީޒް ކޮށްދެވޭތޯ. ބައްޕަ ވަރަށް ގިނައިން ބުނާނެ ކިޔަވާށޭ. ބައްޕަ އިމްޕްރެސް ކުރުވަން ވެގެން ވަރަށް ކިޔަވަން،” ސިބާ ބުންޏެވެ.

ސިބާ ބުނީ އޯލެވެލް ދުވަސްވަރު ރަޙްމަތްތެރިންނާއެކު ގްރޫޕް ސްޓަޑީ ހަދާ ކިޔަވަން ހޭދަކުރި ވަގުތުތަކަކީ ވަރަށް މުހިއްމު ވަގުތަކެއް ކަމަށާއި އެއިން ވަރަށް ބޮޑަަށް ފައިދާ ކުރި ކަމަށެވެ.

ހުރިހާ މާއްދާއަކުން ޓިއުޝަން ނެގުން އެއީ ނަތީޖާ ރަނގަޅު ކުރުމަށް ވަރަށް މުހިއްމު ކަމެއްކަމުގައި ބައެއް ކުދިން ގަބޫލު ކުރިނަމަވެސް ސިބާގެ ވާހަކަ ވަރަށް ތަފާތެވެ.

ސިބާ ބުނީ ޓިއުޝަން ނަގަން ޖެހެނީ ކްލާހުގައި މުދައްރިސް ބުނެދެއްވާ ވަގުތު އެނގެން ޖެހޭވަރަށް ނޭނގޭނަމަ އެ މާއްދާއަކުން އެކަނި ކަމަށެވެ. އެހެންނޫންނަމަ ޓިއުޝަނަކީ ކޮންމެހެން މަޖުބޫރު އެއްޗެއް ނޫންކަމަށް ވެސް ސިބާ ބުންޏެވެ.

ފޭދޫ ސްކޫލުގައި ދަރިވަރުން އިމްތިހާނަށް ތައްޔާރުކުރުވަން މަސައްކަތް ކުރުވާ ގޮތްތަކަކީ މިފަދަ ކާމިޔާބީއެއް ދަރިވަރުންނަށް ހޯދުމުގެ އެއްސަބަބު ކަމަށް ސިބާާ ގަބޫލުކުރެއެވެ. އިމްތިހާނަށް ތައްޔާރުވުމަށް ކުރިއަށް ގެންދިޔަ އެކްސްޓްރާ ކްލާސްތަކަކީ ދަރިވަރުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު އެހީތެރިކަމެއް ކަމަށް ސިބާ ދެކެއެވެ.

ގްރޭޑް 7 ގައި ޖޫނިއާ ކެޕްޓަން ކަމުގެ މަގާމުގައި ހުރި ސިބާ ފޭދޫ ސްކޫލު ނިންމާލީ އެސްކޫލުގެ ކެޕްޓަން ކަމުގެ މަގާމުގައި ހުރެގެންނެވެ. އަދި ސިބާގެ އުއްމީދަކީ މިހާރު ކިޔަވަމުންދާ އައްޑޫހައިސްކޫލުގައިވެސް އެފަދަ ފާހަގަ ކުރެވޭ މޮޅު ކުއްޖަކަށް ވުމެވެ.

“އަޅުގަނޑު އަބަދުވެސް ރޯލް މޮޑެލެއްގެ ގޮތުގައި ބަލާކުއްޖެއް ހުރޭ. އެކުއްޖާގެ ރެކޯޑްސް ބްރޭކް ކުރެވޭތޯ އަބަދުވެސް މަސައްކަތް ކުރަނީ. މިހާރު އެކުއްޖާ ވަނީ އޭލެވެލް ގެ ފަސްޓް ޕްލޭސްވެސް ހޯދާފައި. އެހެންވީމަ އެކަމަށް ދެން މަސައްކަތް ކުރާނީ،” ސިބާ ބުންޏެވެ.10685308_1478953522357745_265236875_n

ހުސް ވަގުތު ވާހަކަ ކިޔައި އަދި ވާހަކަ ލިޔުމަށް ޝައުގުވެރިވާ ސިބާ މިހާރުވެސް އެންމެ ފަޚުރުވެރިވާ ކާމިޔާބީ އަކީ ގްރޭޑް 9 ގައި ކިޔެވި އިރު ސިޓީ ކައުންސިލުން ބޭއްވި އިންޓަރ ސްކޫލް އޮރޭޓަރީ ކޮމްޕެޓިޝަނުން މުޅި މުބާރާތުން ހޯދި އެއްވަނަ އެވެ.

“އެއީ އެންމެ އުފާވި ދުވަސް. މިހާރުވެސް އެންމެ ފާހަގަކުރެވޭ ދުވަހަކަށް ވަނީ އެ ދުވަސް،” ސިބާ ބުންޏެވެ.

މުސްތަގުބަލްގައި ޗާޓަޑް އެކައުންޓިންގެ ދާއިރާގައި ފެނިގެންދާނެ ސިބާގެ އުއްމީދަކީ އައްޑޫހައިސްކޫލުން ވެސް ނިމިގެން ދާއިރު “ޓޮޕް ވަން”ގެ ގޮތުގައި ސްކޫލު ނިންމާފައި ދިއުމެވެ.

އައްޑޫ އޮންލައިން ނޫހުގެ ފަރާތުން ސިބާއަށް ކާމިޔާބު ދުވަސްތަކަކަށް އެދެމެވެ.