ދުނިޔޭގެ ކުރި އަރަމުންދާ ޓެކްނޮލޮޖީގެ އަރާމާއި އަދި ހިތްގައިމު ދިރިއުޅުމުގެ ސަބަބުން ދުނިޔެ މިދަނީ އެއް ދުވަހުން އަނެއް ދުވަހަށް ވަރަށް ބޮޑަށް ތަޣައްޔަރު (ޕޮލިއުޓް) ވަމުންނެވެ.
މިއަދު ދުނިޔޭގައި ވަޔާއި ފެނާއި އަދި ސާފު މާހައުލެއް ހޯދުން ވަނީ ވަރަށް ދަތި ކަމަކަށް ވެފަ އެވެ. ހުރިހާ ދިމާލަކުން މި ފެންނަނީ ދުނިޔެ ޕޮލިއުޓް ވަމުންދާ ކަމުގެ ނިޝާންތަކެވެ.
ދުނިޔޭގެ ހުރިހާ ގައުމަކުން ވެސް ކާބަން ފްރީ މާހައުލެއް ހޯދުމުގެ ވާހަކަ އެކި ފޯރަމް ތަކުގައި އަންނަނީ ދައްކަމުންނެވެ. ދިވެހިރާއްޖެ ވެސް މި ލިސްޓުގައި ހިމެނެ އެވެ. ނަމަވެސް އެއްވެސް ގައުމަކުން މިކަމާ ބެހޭ ގޮތުން ވާހަކަ ދެއްކުން ފިޔަވައި އެއްވެސް އަމަލީ މަސައްކަތެއް ކުރާ ތަނެއް ނުފެނެވެ.
ދުނިޔޭގެ ޗެންޕިއަން ގައުމުތައް ކަމަށްވާ ޔޫރަޕުގެ ގައުމު ތަކާއި އަދި އެމެރިކާއިން މިކަމަށް އެއްވެސް މަސައްކަތެއް ނުކުރެވިގެން އުޅެނިކޮށް މާކުޑަ ގައުމަކުން މިކަން މިހާރު ފަށައިފި އެވެ. އެއީ އަބޫދާބީ އެވެ.
އެ ގައުމު ގަދައަޅާ މިހާރު މަސައްކަތް ކުރަމުން ދަނީ ޒީރޯ ކާބަން ސިޓީއެއް ބިނާ ކުރުމަށެވެ. އެއީ “މަސްދަރު” ސިޓީ އެވެ.
މި ޕްރޮޖެކްޓަކީ އަބޫދާބީގެ “މުބަދަލާ ޑިވެލޮޕްމެންޓް ކޮމްޕެނީ” ގެ ވަރަށް ފުރިހަމަ ޕްރޮޖެކްޓަކެވެ. މިސިޓީ ބިނާ ކުރުމުގެ މަސައްކަތް އެގައުމުން ފަށާފައި ވަނީ 2006 ވަނަ އަހަރުގެ ތެރޭގައެވެ.
އެ ސިޓީގެ ފުރަތަމަ ފޭހުގެ މަސައްކަތް ނިންމުމަށް އެމީހުން ކަނޑައަޅާ ފައިވާ ތާރީޚަކީ 2009 ކަމުގައި ވިޔަސް މިހާރު އެޕްރޮޖެކްޓުގެ މަސައްކަތް ވަނީ ދުނިޔެއަށް ކުރިމަތި ވެފައިވާ އިގްތިސާދީ މައްސަލަ ތަކުގެ ސަބަބުން ދިގުލައިގެން ގޮސްފައެވެ.
އެ ސިޓީ ބިނާ ކުރަމުންދާ ކުންފުނިން މިހާރު މަސައްކަތް ކުރަމުން ދަނީ ފުރަތަމަ ފޭހުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ނިއްމާ ލެވޭތޯ އެވެ.
މި ސިޓީ ޑިޒައިން ކޮށްފައިވަނީ އިނގިރޭސި ވިލާތުގެ އާކިޓެކްޗަރަލް ފާމެއް ކަމަށްވާ “ފޯސްޓާ އެންޑް ޕާޓްނާސް” އިންނެވެ.
މި ސިޓީ ބިނާކުރުމަށް ކަނޑައަޅާފައިވާ ބަޖެޓަކީ 20 މިލިއަން އެމެރިކާ ޑޮލަރެވެ. މި ސިޓީ ބިނާ ކުރެވެމުން ދަނީ ހަ އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ގައެވެ.
އެއީ އަބޫދާބީގެ މެޓްރޯޕޮލިޓަން ޑިސްޓްރިކްޓު ގައެވެ. މިތަން ނިމިގެން ދާއިރު މިތަނުގެ 50،000 މީހުންގެ އާބާދީއެއް ފަސޭހަ ކަމާއި އެކު އުޅެވޭނެއެވެ. އަދި އެތަނުގައި 1500 ބިޒްނަސް ސެންޓަރު ހުންނާނެއެވެ.
“މަސްދަރު” ސިޓީ ފަރުމާ ކުރެވިފައިވަނީ މުޅި ސިޓީ ވަރަށް ފިނިވާ ގޮތަށެވެ. އާއްމު ގޮތެއްގައި ފިނިހޫނުމިން 20-15 ޑިގްރީ ސެލްސިއަސްގައި ހުންނަ ގޮތަށެވެ. އެތަނަކީ ސަހަރާ ހުސްބިމުގައި ބިނާ ކުރެވޭ ތަނެއް ނަމަވެސް އެ ސިޓީގެ އިންޖިނިއަރިން މަސައްކަތް ވަރަށް ފުރިހަމައެވެ. އެސިޓީގައި ގާއިމު ކުރެވި ފައިވާ 148 ފޫޓުގެ އުސް ވިންޑް ޓަވާގެ ސަބަބުން ފިނިވައި މުޅި ސިޓީގެ ހުރިހާ ސަރަހައްދަކަށް ފެތުރިގެން ދެއެވެ.
މުޅި ސިޓީ ބިނާ ކުރެވިފައި ވަނީ ހަމަ ބިމަށް ވުރެ އުސްކޮށެވެ. އޭގެ ބޭނުމަކީ ހޫނިމިން ދަށްކޮށް ބެހެއްޓުމެވެ. އަދި ހުރިހާ އިމާރާތްތަކެއް ހުންނަނީ ވަރަށް ކައިރި ކައިރީގަ އެވެ.
އެއީ މަގުމަޗަށް އެޅިގެންދާ އިރުގެ އަލިކަން ދަށް ކުރުމަށެވެ. މުޅި ސިޓީގެ ވަށައިގެން ވަނީ “ޓެއްރާކޮއްޓާ” ފާރެއް ލެވިފައެވެ. އޭގެ ސަބަބުން ވަށައިގެންވާ ހަނަފަސް ބިންތަކުން އަންނަ ހޫނު ވަޔާއި އަދި ހިރަ ފުހުން މުޅި ސިޓީ ރައްކާ ތެރި ކޮށްދެއެވެ.
ސިޓީ ތެރޭގެ ދަތުރު ފަތުރު ހަމަޖެހިގެން ދާނީ “ޕަބްލިކް ރެޕިޑް ޓްރާންސިޓް (ޕީއާރުޓީ)” ސިސްޓަމަކުންނެވެ. ފުރަތަމަ ޕްލޭން ކުރެވިފައި އޮތީ އެއްވެސް އަމިއްލަ އުޅަދެއް ބޭނުން ނުކުރެވޭ ގޮތަށެވެ. ނަމަވެސް “ޕީއާރުޓީ” ސިސްޓަމް އަގުބޮޑު ވެދާނެތީ މިހާރު ޕްލޭނަށް ވަނީ ބަދަލު ގެނެވިފައެވެ. އެގޮތުން ސިޓީ ތެރޭ ބޭނުން ކުރެވޭނީ ކަރަންޓް އަދި ސާފު ހަކަތަ ބޭނުން ކުރާ އުޅަނދު ފަހަރެވެ. އެއީ މުޅިން ޒީރޯ ކާބަން އެއްޗިއްސެވެ.
“މަސްދަރު” ސިޓީ ގައި މުޅިންހެން ބޭނުން ކުރެވޭނީ އިރުގެ އަލިން އުފައްދާ ހަކަތައެވެ. ނުވަތަ އިއާދަ ކުރެވޭ ހަކަތައެވެ. އެތަނުގެ އިމާރާތް ތަކުގެ ފުރާޅުތައްވެސް ހުންނަނީ ސޮނާ ޕެނަލްއިންނެވެ.
މީގެ އިތުރަށް 54 އޭކަރުގެ ބިމެއްގައި 87،777 އިތުރު ސޯލާ ޕެނަލް މިހާރުވެސް ވަނީ ހަރު ކުރެވިފައެވެ.
މި ސިޓީގައި އެއްވެސް ޒާތެއްގެ ކަރަންޓް ސްވިޗް އަދި ފެން އިސްކުރު ފާޑުގެ އެއްވެސް އެއްޗެއް ނުހުންނާނެ އެވެ. މިހުރިހާ މަސައްކަތެއް ކުރުމަށް ވަނީ މޯޝަން ސެންސާތައް ހަރު ކުރެވިފައެވެ.
މީގެ ސަބަބުން އުފައްދާ ހަކަތާއިގެ %50 ސަލާމަތް ކުރެވޭނެ އެވެ.
މި ސިޓީ ފަރުމާ ކުރުމުގެ އެންމެ އިސް އާކިޓެކްޓް ގެރާޑު އެވެންޑެން “މި ޕްރޮޖެކްޓުގެ މަސައްކަތް އަހަރުމެން ފަށައިގަތް އިރު މިހާ ފުޅާ ގޮތަކަށް މިފަދަ ކަމެއް ކުރުމަށް ބަޔަކު މީގެ ކުރިން ވިސްނާފައެއް ނެތް. އެހެން ކަމުން ފުރަތަމަވެސް ވިސްނާފަ އޮތީ ސިޓީގެ މެދުގައި ސޯނާ ފީލްޑެއް ތައްޔާރު ކުރުމަށް.” ބުންޏެވެ. “ކޮންމެ ދުވަހަކުވެސް އެފީލްޑް ސާފުކޮށްލީމަ އެނިމުނީ. މުޅި ސިޓީގެ ހުރިހާ ބިލްޑިން ތަކުގެ މަތީގަ ސޯލާޕެނަލް ހަރު ކުރުމަށް ވުރެ މި ގޮތް މާ ބޮޑަށް ފަސޭހަވެގެންދޭ އެ ރައްކާ ތެރިކޮށް ބަލަހައްޓަން. ހުރިހާ ފުރާޅަކަށް އަރާ ސާފު ކުރުމަކީ ފަސޭހަ ކަމެއް ނޫން. މީގެ ސަބަބުން އުފެއްދޭ ހަކަތަ އޭގެ އެންމެ މަތީ މިނުގައި ހިފެހެއޓޭނެ.”
ހަކަތަ ރައްކާ ކުރެވޭ ގޮތަށް ބިނާ ކުރެވޭ މި ސިޓީގައި ބޭނުން ކުރެވޭ ހުރިހާ ފެނެއްގެ %80 ރީސައިކަލް ކޮށް ބޭނުން ކުރެވޭނެއެވެ.
ދުނިޔޭގެ ތިމާވެށި ރައްކާ ތެރިކުރުމަށް މަސައްކަތް ކުރާ ހުރިހާ ޖަމިއްޔާ އަކުންވެސް މި ޕްރޮޖެކްޓަށް ވަރަށް ބޮޑަށް ތަރުހިބު ދެއެވެ. އެ ޖަމިއްޔާ ތަކުން މިސިޓީ ޕްރޮމޯޓް ކުރަނީ “ވަން ޕްލެނެޓް ލިވިން ކޮމިއުނިޓީ” ގެ ނަމުންނެވެ.
މި ސިޓީއަށް މިހާރުވެސް އަންނަނީ އެވޯޑްތައް ލިބެމުންނެވެ. އެގޮތުން 2012 ވަނަ އަހރު އޭލިއަންސްގެ ފަރާތުން ވަނީ “އީއީ ވިޝަނަރީ އެވާޑް” އަރުވާ ފައެވެ. އެމެރިކާއިންވެސް މި ޕްރޮޖެކްޓަށް ވަނީ ސަޕޯޓް ކޮށްފައެވެ.
ގްރީންޕީސް އިން މި ޒީރޯ ކާބަން ސިޓީއަށް ވަރަށް ބޮޑަށް ތަރުހީބު ދިން ކަމުގައި ވިޔަސް އެޖަމިއްޔާއިން ބުނަމުން އަންނަނީ މިހާރު މީހުން އުޅެމުން އަންނަ ސިޓީތަކުގައި ވެސް މިފަދަ ނިޒާމެއް ގާއިމު ކޮށް ދުނިޔެ ޕޮލިއުޓްވަމުން މިދާ ކަންކަމުން މުޅި ދުނިޔެ ސަލާމަތް ކުރުމަށް ގޮވާލަމުންނެވެ.
މި ފަދަ ސިޓީ ދުނިޔޭގެ ކަންކޮޅު ތަކުގައި ބިނާ ކުރަން އެބަޖެހެއެވެ. އަހަރުމުން އިންސާނުން ދިރި މިއުޅޭ ދުނިޔެ ޕޮލިއުޝަނުން ސަލާމަތް ކުރުމަށެވެ. އަދި ގެއްލުން ދެނިވި އެކި ޒާތުގެ ކެމިކަލްއިން ދުނިޔެ ސަލާމަތްކޮށް ދުނިޔެއަކީ އިންސާނުންނަށް އުޅެވޭ ފަދަ ތަނަކަށް ހެދުމަށެވެ. ދުނިޔޭގެ ވަޔާއި ފެން މިހާރު ނުސާފު ވަމުން މިދާ މިންވަރު ނުހުއްޓުވޭނަމަ އިންސާނުންނަށް މި ދުނިޔޭގައި އުޅެން ދަތިވެ މުޅި އިންސާނިއްޔަތު ނެތި ދިއުމަކީ ވެދާނެ ކަމެކެވެ.
މުއްސަނދިން އުޅެން ބޭނުންވާ އަރާމު ދިރިއުޅުން ލިބި ގަތުމަށް ފަހަށް ވިސްނައި ނުލައި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުން މި އަންނަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.