English Edition
Dhivehi Edition

ޓެކްސީ ހިދުމަތްދޭނެ އޮންލައިން އެޕްލިކޭޝަނެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ޓްރާންސްޕޯޓް އެތޯރިޓީން އިއުލާންކޮށްފި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން އިއްޔެ ކުރި އިއުލާނުގައި ބުނެފައިވަނީ، އެޕްލިކޭޝަން ހަދަން ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 29 ވަނަ ދުވަހު އެ އޮތޯރިޓީ އަށް ހާޒިރުވެ މައުލޫމާތު ސާފު ކުރުމަށް ފަހު 30 ވަނަ ދުވަހު 14:00ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މީގެކުރިން ބުނެފައިވަނީ ޓެކްސީ އެޕްލިކޭޝަންގައި ދަތުރު ޚަރަދުތައް އެނގޭނެ ގޮތާއި، ކަސްޓަމަރުންނާއި، ޑްރައިވަރުންނާއި، އަދި އެމިނިސްޓްރީ އަށް ބޭނުންވާ މައުލޫމާތު ހުންނަން ޖެހޭނެ ކަމަށެވެ. އަދި ޓެކްސީ އެޕްލިކޭޝަނެއް ތައާރަފް ކުރުމުގެ ބޭނުމަކީ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ހިދުމަތް ލިބޭނެ މަގުފަހިކޮށްދިނުން ކަމަށް މިނިސްޓްރީން ބުންޏެވެ.

އޭގެއިތުރުން ޓްރާންސްޕޯޓް މިނިސްޓްރީން އަންނަނީ ޓެކްސީ މީޓަރުތައް ތައާރަފް ކުރުމަށްވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. އެގޮތުން މިނިސްޓްރީން ބުނެފައިވަނީ ޓެކްސީ މީޓަރުތަކުން ނަގާނެ އަގު މިހާރު އެމިނިސްޓްރީން ކަނޑައަޅާ ނިމިފައިވާ ކަމަށެވެ. މޮބައިލް އެޕް ތައާރަފް ކުރެވުމާ އެކު މިހާރު ޓެކްސީތަކަށް ދާ ޚަރަދަށް ވުރެ އަގުހެޔޮ ވާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. މޮބައިލް އެޕާއެކު ޓެކްސީތަކަށް ފައިސާ ދޭން ޖެހޭނީ ދަތުރުގެ ދިގުމިނަށް ބަަލައިގެން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ.

މާލޭގައި ޓެކްސީ ދަތުރަކަށް ނަގަނީ 25ރ. އެވެ. ނަމަވެސް ސިނަމާލެ ބްރިޖް ހުރަސްކުރުމަށް އެކި ޓެކްސީތަކުން ނަގަމުން ދަނީ އެކި ވަރަށެވެ. އެގޮތުން އާންމު ގޮތެގައި ބްރިޖްގެ ދަތުރަކަށް 100ރ. ނަގައެވެ.