English Edition
Dhivehi Edition

ސަރުކާރުން ކޮންމެ އަހަރަކު ދެމުން އަންނަ ގައުމީ އިނާމު، މި އަހަރުން ފެށިގެން ގައުމީ ދުވަހު ދެއްވާގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ހަމަޖައްސަވައިފިއެވެ.

މިކަން ހާމަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ މިގޮތަށް ހަމަޖެއްސަވާފައިވަނީ ޤައުމީ އިނާމަކީ ޤައުމަށް ތަފާތު އެކި ރޮނގު ރޮނގުން ޚިދުމަތް ކުރައްވާ ބޭފުޅުންގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ދެއްވާ އިނާމަކަށްވާތީ، މިއިނާމު ދެއްވުން އެންމެ އެކަށީގެންވާ މުނާސަބަތަކީ ޤައުމީ ދުވަހުގެ މުނާސަބަތު ކަމަށްވާތީކަމަށެވެ.

1979 ވަނަ އަހަރު ގައުމީ އިނާމު ދެއްވަން އޭރުގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުން ފެށްޓެވިއިރު މި އިނާމު ދެއްވަމުން ގެންދެވީ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަމުން ގެންދެވި ރަސްމީ ޖަލްސާގަ އެވެ. އޭގެފަހުން މިއަދާ ހަމައަށް މިއިނާމު ދެއްވަމުން ގެންދެވީ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގަ އެވެ.

ރައީސް އޮފީހުން ވަނީ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 10 ވަނަ ދުވަހާ ހުޅުވާލާގޮތަށް ނިންމައިފަ އެވެ.

ގައުމީ އިނާމު މިހާރު ދެވޭ މައިގަނޑު ދާއިރާތަކާއި، ރޮނގުތަކާ ގުޅޭގޮތުން ކަމާބެހޭ އިދާރާތަކުގެ ހިޔާލު، އެ ކޮމިޓީން މިހާރުވަނީ ހޯދާފައި ކަމަށާއި، ގައުމީ އިނާމުގެ އުސޫލުތަކަށް ގެންނަވަންޖެހޭ އިތުރު ބަދަލުތައް ގެންނެވުމުގެ މަސައްކަތް، އެ ކޮމިޓީން ކުރަމުން އަންނަ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ގައުމީ ދުވަހަކީ ކޮންމެ އަހަރެއްގެ ރަބީއުލް އައްވަލް މަހުގެ 1 ވަނަ ދުވަހެވެ. އެ ދުވަސް ފާހަގަކުރަނީ ޕޯޗްގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރެއްވި އައްސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމްގެ ޒިކުރާ އާ ކުރުމަށެވެ.