English Edition
Dhivehi Edition
2021 ވަނަ އަހަރު ބޭއްވި ޒުވާނުންގެ ޙަފްލާގެ ތެރެއިން

މި އަހަރުގެ ޒުވާނުންގެ ދުވަހާއި ގުޅުވައިގެން ދޭ ޒުވާނުންގެ އެވޯޑް 2023 އަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

މި އަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރ 22 ގައެވެ.

ޒުވާނުންގެ އެވޯޑް މިއަހަރު ތަފާތު 16 ދާއިރާއަކުން ދިނުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ވަނީ ނިންމަވާފައެވެ. ޒުވާނުންގެ އިނާމަކީ ތަފާތު ދާއިރާތަކުން ގައުމުގެ ތަރައްގިއަށް ޒުވާނުންކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދެވޭ އިނާމެއް ކަމަށެވެ.

އަދި މި އިނާމަކީ ގައުމުގެ ތަރައްގީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ޒުވާނުންނަކީ މުޖުތަމައުއަށް ފައިދާހުރި، އުފެއްދުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށް ބާރުއަޅައި، ވާގި ދިނުމުގެ ގޮތުން ދެވޭ އިނާމެއް ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

މިއަހަރު މި އެވޯޑް ދޭން ނިންމާފައިވާ ދާއިރާތަކުގެ ތެރޭގައި، ވިޔަފާރިއާއި އިޤްތިޞާދު،އާޓްސް އެންޑް ކަލްޗަރ ނުވަތަ ފަންނުވެރިކަމާއި ސަގާފަތް ދިރުވުން، މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރުން،ދަރުމަވެރިކަން، ވޮކޭޝަނަލް ޓްރެއިނިން ދަސްކޮށްދިނުން، ނަފްސާނީ ގޮތުން ދުޅަހެޔޮ ސިއްޙަތެއް ބިނާ ކުރުމަށް މަސައްކަތް ކުރުން، ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރުން، މަސްވެރިކަމުގެ ދާއިރާ، ދަނޑުވެރިކަމުގެ ދާއިރާ، މިންތީގެ ހަމަހަމަކަން ގާއިމް ކުރުމަށް މަސައްކަތް ކުރުން، ހިމެނެއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރި ކުރުމަށް މަސައްކަތްކުރުން، ޒުވާނުންގެ ބާރުވެރިކަން އިތުރުކުރުމަށް މަސައްކަތްކުރުން، ހަށިހެޔޮ ދުޅަހެޔޮ ޞިއްޙަތެއް ބިނާކުރުމަށް މަސައްކަތްކުރުން، ދިވެހިބަސް ދިރުވުމަށް މަސައްކަތް ކުރުން، ކުޅިވަރުގެ ދާއިރާއިން އާދަޔާއި ޚިލާފު ހުނަރެއް ދައްކާފައިވާ ފަރާތްތަކުގެ އިތުރުން ޚާއްސަ އިނާމުގެ ގޮތުގައި ދެއްވާ ޝަހީދު ޖަވާދު ޢުމަރުގެ ހަނދާނީ ފިލާ ދިނުމަށްވެސް ވަނީ ނިންމާފައެވެ.

ޒުވާނުންގެ އެވޯޑު ލިބޭ ފަރާތްތަކަށް އިނާމުގެ ގޮތުގައި ޒުވާނުންނަށް ދެވޭ ހާއްސަ އެވޯޑާއި އަދި ސެޓްފިކެޓް ލިބޭނެއެވެ.

އެ އިއުލާނުގައިވާގޮތުން މި އިނާމަށް ނަން ހުށަހަޅުއްވުމަށް ޝަރުތު ހަމަވާ ފަރާތްތަކުން އަންނަ މަހުގެ 25 ވަނަ ދުވަހުގެ ކުރިން އެޕްލިކޭޝަން ފޯމް ހުށަހަޅަން ޖެހޭނެއެވެ. އެޕްލިކޭޝަން ހުށަހަޅަން ޖެހޭނީ ގޫގުލް ލިންކް މެދުވެރިކޮށެވެ. ނުވަތަ ޒުވާނުންގެ މަރުކަޒު (ސޯޝަލް ސެންޓަރ) އަށެވެ.

.