English Edition
Dhivehi Edition

ޓެރަރިޒަމްގެ ހަމަލާއެއް ދީފާނެކަމުގެ އެއްވެސް ނުރައްކަލެއް އޮތްނަމަ ސިއްރު ނުކޮށް ރައްޔިތުންނަށް އެކަން އަންގާނެ ކަމަށާއި ބިރުވެރިކަން ފެތުރޭ ގޮތަށް މައުލޫމާތު ނުފެތުރުމަށް ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލް، ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު އިލްތިމާސްކުރައްވަފި އެވެ.

މިގޮތަށް އިލްތިމާސް ކުރައްވަވާފައިވަނީ ސަލާމަތީ ބާރުތަކުން މާލޭގައި ރޭ ތަމްރީނުތަކެއް ފެށީ ރާއްޖެ އަށް ޓެރަރިޒަމްގެ ހަމަލައެއްގެ ބިރުވެރިކަން އައުމާ ގުޅިގެން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ފެތުރި މައުލާމާތާ ގުޅިގެން ނެވެ.

ސިފައިންނާއި ފުލުހުން ކުރިއަށް ގެންދާ ތަމްރީންތަކާއި ގުޅިގެން އެކަމަކީ ޓެރަރިސްޓް ހަމަލާއެއްގެ އިންޒާރަކާއި ގުޅިގެން ކުރިއަށްގެންދާ ތަމްރީންތަކެއްކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ މައުލޫމާތު ފަތުރަމުންނެވެ.

މިކަމާއި ގުޅިގެން މަންސޫރު ވިދާޅުވީ ސިފައިންނާއި ފުލުހުންގެ ތަމްރީނަކީ އެ ތަމްރީންތައް ފެށުމުގެ ކުރިން އާންމުކޮށް އެކަން އަންގާފައިވާ ތަމްރީންތަކެއް ކަމުގައެވެ.

ސޯޝަލް މީޑިއާގައި ފަތުރަމުން ގެންދާ ވާހަކަ ތަކާ ގުޅިގެން ފުލުހުންގެ އިތުރުން އެމްއެންޑީއެފުން ނެރުނު ބަޔާނެއްގައި ވެސް ބުނެފައި ވަނީ އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނާ ހަމައަށް ކުރިއަށް ގެންދާ ތަމްރީނުތައް ފެށީ ވަކި ކަމަކާ ގުޅިގެން ނޫން ކަމަށެވެ.

“މިދިޔަ މަހުގެ 21 ވަނަ ދުވަހު ސްރީ ލަންކާގައި ދިން ބޮމުގެ ހަމަލަތަކާ ގުޅިގެން ރާއްޖޭގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށްޓަކައި އެމްއެންޑީއެފާއި ފުލުހުން ގުޅިގެން މި މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ސިލްސިލާ ތަމްރީނުތަކެއް ވަނީ ފަށާފައި. އަދި މިރޭ 10:00 ން ފެށިގެން ކުރިއަށް ގެންދަނީ އެ ތަމްރީނުތަކުގެ ދެވަނަ ބައި . މިއީ އެއްވެސް ދިމާލަކުން ލިބުނު އިންޒާރަކާ ގުޅިގެން ހިންގަން ފެށި ފަރިތަކުރުންތަކެއް ނޫން ކަން ދަންނަވަމެވެ. އަދި މިއީ މޯލްޑިވްސް ޕޮލިސް ސާޥިސްގެ 2019-2024 އަށް އެކުލަވާލެވުނު ސްޓްރެޓީޖިކް ޕްލޭންގެ ޕްރައޯރިޓީއެއް ކަމުގައި ‘އޮޕަރޭޝަނަލް ރެޑީނެސް’ ގެ ދަށުން ކުރަން އިސްކަން ދީފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަން ފާހަގަކުރަމެވެ،” ފުލުހުންގެ ބަޔާނުގައި ވެ އެވެ.

ފުލުހުން ވަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޝައްކު އުފެދޭ ޒާތުގެ އެއްވެސް ކަމެއް ފާހަގަކުރެވޭ ނަމަ ފުލުހުންގެ ހޮޓްލައިން 119 ނުވަތަ ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރުގެ ހިލޭ ގުޅޭ ނަމްބަރު 1615 އަށް ރިޕޯޓު ކުރުމަށްވެސް އެދިފަ އެވެ.