English Edition
Dhivehi Edition
Group of bored pupils in a classroom, during lesson.

މީހަކު ދޭ ކޮންމެ ފޮތެއް ޝައުގުވެރި ކަމާއި އެކު ކިޔާނީ ތިޔައިގެ ތެރެއިން ކިތައް ބޭފުޅުންތޯ؟ ޝައުގުވެރި ކަމެއް ނެތި ކިޔާނަންތޯ؟ ހަމަޔަގީނުންވެސް ކިޔާނީ ތިމާއާއި ގުޅުންހުރި އަދި އެއިން ފައިދާކުރާނެ ފޮތެއްކަން ޔަގީނެވެ.

ކިޔެވުމަކީވެސް މިފަދަކަމެކެވެ. ޝައުގުވެރިކަމާއި އެކު އިސްކޫލުން ކިޔަވައިގެން ނިކުންނަނީ މަދު ދަރިވަރުންތަކެކެވެ. ކިޔެވުމުގެ ޝައުގުވެރިކަން ދަރިވަރުންގެ ކިބައިގައި ނުހުންނަނީ ކީއްވެބާވައެވެ؟ ގިނަ ދަރިވަރުން ކުރިއަށް ދިއުމަށް ހިޔާރު ކުރަނީ ރަހުމަތްތެރިން ހިޔާރުކުރާ ސްޓްރީމެކެވެ. ނުވަތަ މުޖުތަމައުގައި މޮޅު ކުދިން ކިޔެވުމަށް ކަމަށް ބަޔަކު ލޭބަލް ކުރާ ސްޓްރީމެކެވެ. އަދި ކުދިން ކިޔަވަން ބޭނުންނުވަނީ މުޖުތަމައުގައި ދަށު ދަރަޖަދެވޭ މާއްދާތަކެވެ. ކީއްވެގެންބާވައެވެ؟ އުފާވެރި ދިރިއުޅުމަކަށް ނިކުމެ އަބުރުވެރި އުފެއްދުންތެރި މަސަތްކަތްތަކަށް ދަރިވަރުން ފަސްޖެހެއެވެ. ތައުލީމު އުގެނުމަކީ ރޭހެއް ނޫނެވެ. އެއީ ކުރިމަގު ބައްޓަންކޮށް އުޖާލާ ކުރުމަށް ކުރާ ދިގު އަދި އުނދަގޫ ދަތުރެކެވެ. ކާމިޔާބު ލިބުމަކީ މުސްތަގުބަލް އުޖާލާވުމެވެ. ސާނަވީ ތައުލީމު ނިންމާއިރު ދެންކުރިއަށް ދާންބޭނުންވާ މަގު ހުރަހެއްނެތި ހިޔާރުކުރަން ލިބުމެވެ. ނަމަވެސް މިކަން އޮތީ މިހެނެއް ނޫނެވެ.

ތައުލީމީ ނިޒާމުގެ ތެރެއަށް މިފަހުން ތައާރަފު ކުރެވުނީ، ބީޓެކް، ދަސްވާރު އަދި ވޮކޭޝަނަލް ތައުލީމެވެ. އިސްލާމް، ދިވެހި، އިނގިރޭސި އަދި ހިސާބާއި އެކު މުސްތަގުބަލަށް ހުރަހެއްނެތި ފިޔަވަޅު އެޅޭނެ މިދާއިރާތަކަކީ ދަރިވަރުން ގެ މުސްތަގުބަލަށް އުފާވެރިކަން ގެނުވާނެ ސްޓުރީމުތަކެކެވެ. މިސާލަކަށް ބައްލަވާށެވެ! އޯލެވެލް ހަދާ ދަރިވަރަކަށް ޑިގުރީއެއްނެގޭނީ ކިތައް އަހަރުންތޯއެވެ؟ 2 އަހަރުގެ އޭލެވެލް އަދި ޑިގުރީގެ 3 ނުވަތަ 4 އަހަރާއި އެކު ޖުމުލަ 5 ނުވަތަ 6 އަހަރު ނަގައެވެ. ނަމަވެސް ގުރޭޑު 10 ނިންމާއިރު ބީޓެކް ޑިޕުލޮމާ ނިންމާ ކޮންމެ ދަރިވަރަކަށް އިތުރު 2 ނުވަތަ 3 އަހަރުން ދުނިޔޭގެ ފެންވަރުގެ ޑިގުރީއެއް ނެގިދާނެއެވެ. ހަމަ މިފަދައިން ދަސްވާރުގައި ކިޔަވަނީ ދަރިވަރުން އިސްކޫލު ނިންމާ ކުރިއަށްދާން ބޭނުންވާ ދާއިރާ ތަކުންނެވެ. މިސާލަކަށް މެކޭނިކް ކަމުގެ ލެވެލް 3 ގެ ސަނަދެއް ނަގާ ދަރިވަރަކާ ހަމައެކަނި އޯލެވެލް ހަދައި “އޭ” ހާސިލްކުރާ ދަރިވަރަކު އެއާރޕޯޓުގެ މެކޭނިކެއްގެ ވަޒީފާއަށް ކުރިމަތި ލައިފިނަމަ ހޮވޭނީ ކޮންކުއްޖެއް ބާވައެވެ؟ ޔަގީނުންވެސް ހޮވޭނީ ގައުމީ ސަނަދުގެ އޮނިގަނޑުން ލެވަލް 3 ގެ މެކޭނިކެވެ.
ގައުމު ބިނާކުރުމަށް އުފެއްދުންތެރި މަސަތްތެރި ޖީލެއް ބޭނުންވެއެވެ. ޖަޕާނު “ޖަޕާނަކަށް” ހެދީ، ސިންގަޕޫރު “ސިންގަޕޫރަކަށް” ހެދީ އެބައި މީހުންގެ ބުރަ މަސައްކަތުންނެވެ. ތައުލީމީ ނިޒާމުގެ ތެރެއިންނެވެ. ގުރޭޑު 7 ނުވަތަ ސާނަވީ މަރުހަލާއިން ފެށޭ ވޮކޭޝަނަލް އިސްކޫލު/ ކޮލެޖުތަކަކީ މިފަދަ ގައުމުތަކުގައި ގަދަރުވެރި ތަންތަނެވެ. ކުންފުނިތަކުން އެއިސްކޫލު/ ކޮލެޖުތަކުގެ ދޮށުގައި މުވައްޒަފުން ހޯދުމަށް ފާރަމަރާ ތަންތަނެވެ. ” އޯލެވެލްއެއް ފަޅާލައި” “ޔޫ” ސެޓަކާއި އެކު ރިސޯޓްކުނި ކަހަން ދާންވީ ކީއްވެތޯ؟ ބީޓެކް ހޮސްޕިޓަލިޓީ ކިޔަވައިގެން މަތީމަގާމަކަށް ދިއުން މާރަނގަޅު ދެއްތޯއެވެ؟ 19 އަހަރުގައި ޑިގުރީއަކާއި އެކު ހިންގުމުގެ މަގާމަކަށް ނުކުތުން ކީއްތޯއެވެ؟ ވަޒީފާނެތި ކަންމަތީގައި ތިބެންޖެހެނީ ވަޒީފާ ނެތިގެނެއް ނޫނެވެ. ނަމަވެސް ތިމާ ދާން ވަޒީފާއެއް އުފައްދައި ނުދޭތީ ބާވައެވެ. މި ވިސްނުން ބަދަލުވާން އެބަޖެހެއެވެ. ތިމާ ދާނެ ވަޒީފާއެއް ކަނޑައަޅައި އެކަމަށް ތައްޔާރުވާންވީއެވެ.
ކިޔަވަން ޖެހެނީ ކުރިއަށް ދާނެ މަގަކުންނެވެ. އޯލެވަލްވެސް ހަދަން ޖެހެނީ އެދަރިވަރަކު ޝައުގުވެރިވާ އަދި ކުރިއަށް ދިއުމަށް ބޭނުންވާ ދާއިރާއަކުންނެވެ. ކިޔެވުމަކީ “އަމާ” ބުނީތީ ކުރާކަމަކަށްވެ، ވަޒީފާއަކީ “ބަފާ” ބުނީތީ ކުރާކަމަކަށް ވެގެންނުވާނެއެވެ. ތައުލީމީ ދުވަސް ތައް ފުރިހަމަކުރާ އެއްވެސް ކުއްޖަކީ ބާކީވެގެންނުދާ ކުއްޖަކަށް ހަދަންޖެހެއެވެ. ތައުލީމީ ދާއިރާ ރިފޯމް ކުރެވެމުންދާ މިދަޑިވަޅުގައި ކޮންމެ ޓީޗަރެއްގެ އަދި ކޮންމެ ބެލެނިވެރިއެއްގެ ޒިންމާ މިކަމުގައި ބޮޑެވެ. އިސްކޫލު ތައުލީމަކީ އިޖްތިމާއީ އަދި އިގުތިސާދީ ދުނިޔެއަށް ދަރިވަރުން ލޯހުޅުވައި، އަދަބު، އަހުލާގާއިއެކު މުސްތަގުބަލުގެ ތަސައްވުރެއް ދައްކުވައިދޭ އިލްމީ ތަޖުރިބާއަކަށް ވާންޖެހެއެވެ. “އެއްވެސް ކުއްޖަކު ބާކީނުވާނެ” މިއީ މުހިންމު ސިޔާސަތެކެވެ. މިކަމަށްޓަކައި މިއަދުގެ ސަރުކާރަށާއި ތައުލީމީ ވަޒީރަށް ޝުކުރު ހައްގެވެ. ތައުލީމީ ފަލްސަފާއަކީ ބަހުސްވެވި ދާނެ އެއްޗެކެވެ. އެކަމަށް އިޙްތިރާމުކުރަމުން މި ލިޔުންކޮޅު ކުރުކޮއްލަމެވެ.