English Edition
Dhivehi Edition

ގެވެށި އަނިޔާއަކީ ކޮބައިތޯ؟

ޤާނޫނު ނަމްބަރު 2012/2 “ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު ގައި ބަޔާން ކޮށްފައިވާ ގޮތުން ގެވެށި އަނިޔާ އަކީ ގެވެށި ގުޅުމަކުން ގުޅިގެންވާ މީހުންގެ ތެރެއިން އެކަކު، އެގުޅުމުގެ ތެރޭގައި ހިމެނޭ އަނެކާގެ ނުވަތަ އަނެކުންގެ މައްޗަށް އަނިޔާގެ ޢަމަލު ހިންގުން” ކަމަށެވެ. އެހެން ގޮތަކަށް ދަންނަވާނަމަ ގެވެށި އަނިޔާއަކީ ޢާއިލާ ތެރޭގައި ނުވަތަ މުޖުތަމަޢުގެ ތެރޭގައި ހިމެނޭ މީހެއްގެ ނުވަތަ ބަޔަކުގެ ކިބައިން އެހެން މީހަކަށް ނުވަތަ ބަޔަކަށް ލިބިގެންދާ އަނިޔާއެވެ.ގެވެށި އަނިޔާ އަކީ ގާނޫނީ ކުށެކެވެ.

ގެވެށި އަނިޔާގެ ބާވަތްތަކުގެ ތެރޭގައި ނަފްސާނީ އަނިޔާ،ޖިސްމާނީ އަނިޔާ، މާލީ ގޮތުން ދަތިކުރުން، އެކަހެރިކުރުން، މަގާމުގެ ނާޒާއިޒު ބޭނުން ހިފުން، ޖިންސީ އަނިޔާ އަދި ބިރުދެއްކުންވެސް ހިމެނެއެވެ.

ގޭބިސީ އެއްގެ ތެރޭގައި އެކަކު އަނެކަކަށް ނަފްސާނީގޮތުންނާއި، ޖިސްމާނީގޮތުން ދެވޭ ކޮންމެ ނިކަމެތިކަމަކީ ގެވެށި އަނިޔާއެކެވެ. ގޭތެރޭގައި ބަސްމޮށުންތެރިކަން ބަހައްޓާގޮތާއި، އަނިޔާ ކުރުމާއި، ބިރުދެއްކުމާއި، ބާރުގެ ބޭނުން ކުރުމުގެ ގޮތުން ކުރެވޭ ކޮންމެ ކަމެއް ހިމެނިގެން ދާނީ ގެވެށި އަނިޔާގެ ތެރޭގައި އެވެ. ގެވެށި އަނިޔާގެ ތެރޭގައި، ޢާއިލާ އެއްގެތެރޭގައި ނުވަތަ ގޭގައި އުޅޭ އެއްބަޔަކު އަނެއް ބަޔަކާއި ދެމެދު ހިނގާ ކުރިމަތިލުންތަކާއި، ޖިންސީ ހާނިއްކަ އާއި ޖިސްމާނީ ހާނިއްކަ ކުރުމާއި، އަދި ނަފްސާނީ ގޮތުން ހިތުގައި ބިރުވެރިކަން އަށަގެންނެވުމާއި ކުރީގެ ލޯބިވެރިންގެ ފަރާތުން ލިބޭ އެކިއެކި އަނިޔާތަކާއި، އަނބި މީހާއާއި، ފިރިންގެ ފަރާތުން ކުރެވޭ އަނިޔާވެސް ހިމެނިގެންދެއެވެ.

މީގެއިތުރުން ބިރުދެއްކުމާއި، އުމުރުން ދުވަސްވެފައިވާ މައިންބަފައިންނަށް އިޙުމާލުވެ، އެ ފަދަ ފަރާތްތަކަށް ކުރެވޭ ހާނިއްކަ ނުވަތަ އަނިޔާ ތަކާއި، ކުޑަކުދިންނަށް އެކުދިންގެ ބަލަދުވެރިންގެ ފަރާތުން ލިބޭ އަނިޔާ އާއި، މައިންބަފައިންނާއި ދަރިންނާއި ދެމެދު ޖެހޭ މައްސަލަތަކުގެ ތެރެއިން އުފެދޭ ހަމަނުޖެހުންތަކުގެ ސަބަބުން ގުޅުން ހީނަރުވެ ލިބޭ އެކި ބާވަތުގެ އަނިޔާތައްވެސް ހިމެނިގެންދާނީ ގެވެށި އަނިޔާގެ ތެރޭގައެވެ.

އިންސާނުންނަށް ލިބޭ ކޮންމެ އަނިޔާއަކީ ލޮލަށް ފެންނަން ހުންނަ އަނިޔާއެއް ނޫނެވެ. ގެވެށި އަނިޔާގެ ތެރޭގައިވެސް ލޮލަށް ނުފެންނަ އެހެނަސް އަނެކާގެ ޖިސްމަށް އެއިން ބޮޑެތި ގެއްލުންތަކެއް ލިބިގެންދާ އަނިޔާތައް ހިމެނެއެވެ. ތަޅައި އަނިޔާ ކުރުމުގެ ބަދަލުގައި ހިތްދަތިކޮށް، ވޭންދެނިވި އިޙްސާސްތައް ކުރުވާޒާތުގެ ކަންކަން ކުރިމަތިކޮށް ނަފްސާނީ ބަލިމަޑުކަމެއްގެ ތެރެއަށް މުޅި މީހާގެ ދިރިއުޅުން ބަދަލުކޮށްލާފަދަ ކަންކަން ގެވެށި އަނިޔާގެ ތެރޭގައި ހުންނަނީކީ މަދަކުންނޫނެވެ.

ގެވެށި އަނިޔާގެ 1،400 އަށް ވުރެ ގިނަ މައްސަލަ ނިމިދިޔަ 2018 ވަނަ އަހަރު ހުށައެޅިފައިވާ ކަމަށާއި އޭގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނަށް އަނިޔާ ކުރާ މައްސަލަ ކަމަށް ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެފައިވެއެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު ގެވެށި އަނިޔާގެ މައްސަލަތައް ހުށަހެޅުން އިތުރު ނަމަވެސް އަދިވެސް އަޅުގަނޑުމެންގެ ސަޤާފަތަކީ ޢާއިލީ ކަންކަމާ އެހެން މީހުން ބެހުމުގެ ފުރުޞަތު ނުދީ ގެވެށި އަނިޔާގެ ޝިކާރަވެރިންގެ ގޮތުގައި އެތައް ބަޔަކު ނިކަމެތި ކަމުގައި ބޭތިއްބުމެވެ. ގެވެށި އަނިޔާއިން ޝިކާރަވެރިން ސަލާމަތް ކުރުމުގެ ބަދަލުގައި އެފަދަ ކަންކަން ހުތުރު ކަންކަމުގެ ގޮތުގައި ފޮރުވައި ސިއްރުކޮށްފައި ބޭއްވުމެވެ. ނަތީޖާ އަކަށް ވެގެންދަނީ އެތައް ބަޔަކު ދިރިއުޅުންމަތިން ފޫހިވެ މާޔޫސް ކަންމަތީގައި ދުވަސްތައް ވޭތު ކުރަންޖެހުމެވެ. ގެވެށި އަނިޔާއިން ލިބޭ އަނިޔާއަށް ކެތް ނުކުރެވި މަދުން ނަމަވެސް މި ދުނިޔެއާއި ބައެއް މީހުންނަށް އަލްވަދާޢު ކިޔަން ޖެހިފައި އެބަހުއްޓެވެ.

ތިރީގައިވާ ކަންތައްތައް ތިބާގެ ލޯބިވެރިޔާ ނުވަތަ ފިރިމީހާ ފަރާތުން ފެންނަ ކަމުގައިވާނަމަ ތިމާ ދިރިއުޅެމުންދަނީ “އެބިއުސިވް ރިލޭޝަނެއް”ގައި ކަމަށް ތަފާތު އެކި ދިރާސާތަކުން ބުނެއެވެ.

ތިބާ އާއި ދިމާލަށް ހަޅޭލަވައި މީހުންގެ ކުރިމަތީގައި އަގު ވައްޓާ ހަދާތަ؟

ތިބާގެ އަގެއް ނެތްކަން ދައްކާ އާއިލާ އާއި ރައްޓެހިން ކުރިމަތީގައި އެކަން ދައްކާތަ؟

ތިބާއަށް ލިބޭ ކުރިއެރުންތަކަށް ހުރަސް އަޅައި ތިމާ ކަންކަމުގައި ވިސްނާ ގޮތަކީ އެއްވެސް އަގެއް ހުރި އެއްޗެއް ނޫން ކަމަށް ދެކޭތަ؟

އޭނާ ތިބާއަށް އަނިޔާކުރުމުން އެކަން އެގޮތަށް ވާން ދިމާވީ ތިބާގެ ސަބަބުން ކަމަށް ބުނޭތަ؟

ތިބާ އާއިލާ މީހުންނާއި ރައްޓެހިންނާއި ބައްދަލުކުރުމަށް ހުރަސް އަޅާތަ؟

ތިބާ އޭނާ ދޫކޮށްފައި ހިނގައްޖެނަމަ އަމިއްލައަށް މަރުވާނަމޭ ބުނެ ބިރުދައްކާތަ؟

ތިބާގެ ދަރިން ތިބާއާއި ދުރުކުރާނެ ކަމަށް ބުނެ އިންޒާރުދޭތަ؟

ވަރަށް އާދަޔާ ހިލާފު ރުޅިގަނޑެއް ހުރޭތޯ؟

ތިބާއަށް އަނިޔާ ކުރާނަމޭ ބުނެ ބިރުދައްކައި ހަދާތޯ؟

ގެވެށި އަނިޔާގެ ސަބަބުން ގެއްލުން ލިބެނީ ސީދާ ގޮތުންނާއި ނުސީދާ ގޮތުންނެވެ. ސީދާ ގޮތުން ލިބޭ ގެއްލުމުގެ ސަބަބުން އަނިޔާވާ ފަރާތަށް ލިބޭ ޖިސްމާނީ އަދި ނަފްސާނީ ގެއްލުން ހިމެނެއެވެ. މީގެ ނަތީޖާ އަކީ އަނިޔާކުރާ ފަރާތް އިންސާފުގެ ކުރިމައްޗަށް ގެނައުމެވެ. ގެވެށި އަނިޔާގެ ސަބަބުން ލިބޭ ނުސީދާ ގެއްލުމުން އަނިޔާ ލިބޭ ފަރާތަށް އުފެއްދުންތެރި މަސައްކަތް ނުކުރެވެއެވެ. މިކަމުގެ ނަތީޖާ އަކީ އަނިޔާއިން އަޅާ ވޭން ދާއިމަށް ދެމިގެން ދިއުމެވެ.

ގެވެށި އަނިޔާ ހުއްޓުވޭނީ އެކަމާ މެދު އެންމެން ހޭލުންތެރިވެގެންނެވެ. ސަރުކާރާއި ޖަމިއްޔާތަކުން އެކަމާ ދެކޮޅަށް އެއްބާރުލުން ލައިގެންނެވެ. ދެމަފިރިން އެކަކު އަނެކަކަށް އިހުތިރާމްކޮށްގެންނެވެ. އެފްޕީއޭއަށް ހުށަހެޅި މައްސަލަތަކަށް ބަލާއިރު އެންމެ ގިނަ މީހުންނަށް އަނިޔާ ލިބިފައިވަނީ ރުޅި ކޮންޓްރޯލް ނުކުރެވިގެންނާއި މަަސްތުވާތަކެތި ބޭނުން ކުރާ ފިރިމީހާގެ ފަރާތުންނާއި އާއިލާގެ ފަރާތުންނެވެ.

ނިސްބަތުން ގެވެށި އަނިޔާގެ ޝިކާރައަކަށްވަނީ އަންހެނުން ކަމުގައި ވިޔަސް ފިރިހެނުންނާއި ފިރިހެން ކުދިންނަށްވެސް އަނިޔާ ލިބެއެވެ.

އެހެންވެ، މި ފަދަ މައްސަލަތައް ހުއްޓުވުމަށް ރުޅި ކޮންޓްރޯލް ކުރާށާއި އިހުތިރާމް ކުރަން ދަސްކުރަން އެބަ ޖެހެ އެވެ. މިކަމުގައި އެހީގެ އަތެއް ބޭނުންވެއްޖެ ކޮންމެ އިރެއްގައި މޯލްޑިވްސް ޕޮލިސް ސާރވިސް، ކޯޓުތައް، ސިއްހީ ދާއިރާތައް، ކައުންސިލް، އިޖުތިމާއީ ހިދުމަތްދޭ ދާއިރާތައް، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ އަދި އާންމު ރައްޔިތުން ގެ ކިބައިން އެހީއަށް އެދޭށެވެ.

Free Fire for PC