މޭބިސްކަދުރަކީ އޭގައި ގިނަ އަދަދެއްގެ ސިއްހީ ފައިދާތައް އެކުލެވިގެންވާ މޭވާއެއްކަން އިނގޭހެއްޔެވެ؟
މޭބިސްކަދުރު އަޅަނީ ވެލެއްގައި ކަމާއި، ރަތް ކުލަ، ދަނބުކުލަ އަދި ފެހި ކުލަ ފަދަ ތަފާތު ކުލަތަކުގައި މޭބިސްކަދުރު ހުންނަކަންވެސް ދިވެހިންނަށް ނޭގިނުވާނެއެވެ.
މޭބިސްކަދުރަކީ މޭވާ ތަކުގެ ތެރެއިން ގިނަ އަދަދަކަށް ފައިދާހުރި މާއްދާތައް އެކުލެވޭ ކަމަށް މަޝްހޫރުވެފައިވާ މޭވާއެކެވެ. މިގޮތުން އޭގައި މަތީ މިންވަރަކަށް ޕޮޓޭޝިއަމް، ކާބޯހައިޑްރޭޓްސް، ޕްރޮޓީން، ކެލްޝިއަމް، އަޔަން، މެގްނީޝިއަމް، ވިޓަމިން އޭ، ވިޓަމިން ސީ، ވިޓަމިން ބީ ސިކްސް އެކުލެވިގެންވެއެވެ. މި ކުޑަކުޑަ މޭވާއަކީ ފައިދާތަކުން ފުރިގެންވާ މޭވާއެއްކަން މިކަމުންވެސް ދޭހަވެގެންދެއެވެ. އެހެންކަމުން ކޮންމެ ދުވަހަކު މޭބިސްކަދުރު ކާނަމަ ފެންނާނެ ބައެއް ބަދަލު ތަކަށް ބަލާލުން ކިހިނެއްވާނެ ތޯއެވެ؟
ހަށިގަނޑުގައި ހަކަތަ ހުންނަ މިންވަރު މަތިކޮއްދޭ…
މޭބިސްކަދުރަކީ އޭގައި މަތީ މިންވަރަކަށް ކާބޯހައިޑްރޭޓް އަދި ސެލިއުލޯސް އެކުލެވިގެންވާ މޭވާއެކެވެ. މި ދެ މާއްދާއަކީވެސް މީހާގެ ގައިގައި ވަރު ޖައްސުވައި، ހަކަތަ އިތުރުވުމަށް މެދުވެރިކުރުވާ މާއްދާތަކެކެވެ. މޭބިސްކަަދުރު ކާ ވަގުތުގައިވެސް މީހާއަށް ކުއްލިއަކަށް ހަކަަތަ ލިބޭނެއެވެ. އެއަށްވުރެވެސް މޮޅު ކަމަކީ، މޭބިސްކަދުރުގައި ގިނައިން ފައިބަރ އެކުލެވިފައިވުމުގެ ސަބަބުން އެ ބައިތައް ހަށިގަނޑުގައި ގިނައިރު ހުރެއެވެ. ނަތީޖާއެއްގެ ގޮތުން ގިނައިރު ހަށިގަނޑުގައި ހަކަތަ އަދި ވަރު ހުރެއެވެ. އެހެންކަމުން ރޯދަ މަހުގައި ކެއުމަށް ވަރަށް ފުރިހަމަ މޭވާއެކެވެ.
ހަޖަމްކުރުމުގެ ނިޒާމުގެ ސިއްހަތު ރަނގަޅުވުން…
މޭބިސްކަދުރުގައި މަތީ މިންވަރަކަށް ފައިބަރ އެކުލެވިގެންވެއެވެ. މިއީ ހަޖަމްކުރުމުގެ ނިޒާމު ކުރިއަށް ގެންދިޔުމުގައި އެހީވެދޭ މާއްދާއަކަށް ވަނީ ވެފައެވެ. މި މޭވާގައި އެކުލެވިގެންވާ ފައިބަރގެ މާއްދާއަކީ އެހެން ބައެއް ކާނާތަކާއި ތަފާތުކޮށް، ގިނައިރު އެހެން މާއްދާތަކާއި އެކުވުމެއް ނެތި ގޮހޮރުގައި ދެމިހުންނަ ފައިބަރ އެކެވެ. މި ގޮތުން ގިނައިރު ގޮހޮރުގައި ގާއިމްވެ ހުރެ، ގޮހޮރުގެ ބޭރު ފަށަލަތައް ދުޅަހެޔޮކަންމަތީ ބަހައްޓަން މޭބިސްކަދުރު އެހީވެދެއެވެ. މޭބިސްކަދުރުގައި އެކުލެވިގެންވާ ފެނަކީވެސް ހަޖަމްކުރުމުގެ ނިޒާމު ރަނގަޅަށް ކުރިއަށް ގެންދިޔުމުގައި މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ.
ގިނަ ވައްތަރުގެ ކެންސަރުތަކުން ދިފާއުކޮށްދޭ..
މޭބިސްކަދުރަކީ އޭގައި ގިނަ އަދަދެއްގެ އެންޓިއޮކްސިޑެންޓްތައް އެކުލެވިގެންވާ މޭވާއެކެވެ. މި ގޮތުން ޓޮކްސިންއާއި ހަށިގަނޑަށް ނޭދެވޭ އަސަރު ފޯރުވާ ގިނަ މާއްދާތައް ނައްތާލުމަށް އެހީވެދޭ އެންޓިއޮކްސިޑެންޓްތައް އަބަދުވެސް މަސައްކަތްކުރަނީ ހަށިގަނޑުގެ ސިއްހަތު ދުޅަހެޔޮކަންމަތީގައި ދެމެހެއްޓުމަށެވެ. މި އެންޓިއޮކްސިޑެންޓް ދުރުކޮށްދޭ ބައެއް ކެންސަރުތަކުގެ ތެރޭގައި އުރަމަތީގެ ކެންސަރު ހިމެނެއެވެ. މޭބިސްކަދުރުގައި އެކުލެވިފައިވާ ބައެއް އެންޓިއޮކްސިޑެންޓްތަކަކީ ޕޮލީ-ފީނޯލް، ރެސްވެރަޓްރޯލް އެވެ. ކޮންމެ ދުވަހަކު ގަވާއިދުން މޭބިސްކަަދުރު ކެއުމަކީ ކެންސަރު ބަލިތައް ޖެހުމުގެ ފުރުސަތު ހަނިކޮށްދޭ ކަމެކެވެ.
ނޭވާލާން ފަސޭހަވުން…
ސައެންސިސްޓުން ވަނީ ގިނައިން ނުވަތަ މަދުން މޭވާއާއި ތަރުކާރީކެއުމާއި ނޭވާ ހިއްލުން ފަދަ ނޭވާލުމަށް ދިމާވާ ދަތިތަކާއި ހުރި ގުޅުން ދިރާސާތަކުގެ އަލީގައި ހޯދައިފައެވެ. އެގޮތުން ހޯދައިފައިވާ ހޯދުންތަކުގެ ތެރޭގައި ގިނަގިނައިން މޭވާއާއި ތަރުކާރީ ކެއުމަކީ ނޭވާލާން ފަސޭހަވެގެންދާ ކަމެއްކަން ވަނީ ހޯދައިފައެވެ. 2007 ވަނަ އަހަރުގައި ކުރެވުނު ދިރާސާތަކަކުން ދެއްކިގޮތުން ގިނައިން މޭބިސްކަދުރުފަދަ މޭވާތައް ކައިގެން ބޮޑުވާ ކުދިންނަށް ނޭވާ ލުމުގެ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު މާ ހަންޏެވެ. އެހެންކަމުން ގަވާއިދުން މޭބިސްކަދުރު ކެއުން މުހިންމެވެ.
ކިޑްނީގެ ބަލިތަކުން ދުރުކޮއްދިނުމަށް އެހީއެއް…
މޭބިސްކަދުރުގައި އެންތޮކަޔަނިންފަދަ ބާރުގަދަ އެންޓިއޮކްސިޑެންޓް އެކުލެވިގެންވެއެވެ. މިއީ މޭބިސްކަދުރަށް އޭގައިވާ ރަތްކުލަ ނުވަތަ ދަނބުކުލަ ޖައްސުވައިދޭ ސަބަބުވެސް މެއެވެ. މި މާއްދާއަކީ ހަށިގަނޑުގައި ހުންނަ މުހިންމު ސެލްތައް މަރާލައި ނައްތާލުމަށް މަސައްކަތްކުރާ ނުރައްކާތެރި އެއްޗެއްކަމަށްވާ ފްރީ ރެޑިކަލްތައް ނައްތާލުމަށް އެހީވެދޭ މާއްދާއެކެވެ. މި ފަދަ ފްރީ ރެޑިކަލް އަކީ ކިޑްނީތަކުގައި އިންފެކްޝަންތައް އުފައްދައި ބަލިތައް ޖައްސަން މެދުވެރިކުރާ އެއްޗެކެވެ. އެހެންކަމުން ފްރީ ރެޑިކަލްތައް ނައްތާލުމުގެ ބާރުހުންނަ މާއްދާ އެކުލެވޭ މޭވާ ކެއުން ބުއްދިވެރިއެވެ. މީގެ އިތުރުން ގަވާއިދުން މޭބިސްކަދުރު ކާނަމަ މީހާގެ ހަށިގަނޑު ވަރުގަދަވެ ސްޓެމިނާ އިތުރުވާނެއެވެ. އުންމީދުކުރަނީ ކުރިޔަށް އޮތްދުވަސް ތަކުގައި ގަވައިދުން މޭބިސްކަދުރު ބޭނުންކުރާނެ ކަމަށެވެ.