English Edition
Dhivehi Edition

“ނަކްބާ ދުވަސް” ފާހަގަ ކުރަން ފަލަސްތީނުގެ ރައްޔިތުން މާދަމާ ބޮޑު މުޒާހަރާއަކަށް ނުކުންނަން ތައްޔާރުވެއްޖެއެވެ.

އެއީ ފަލަސްތީނުގެ ބިންތަށް ފޭރިގެން 1948 ވަނަ އަހަރު ފެށިގެން އެބިމުގައި އިސްރާއީލުގެ ދައުލަތެއް އުފެއްދުމާ ގުޅިގެން ނުރުހުން ފާޅުކޮށް ކޮންމެ އަހަރަކުވެސް ފަލަސްތީނުގެ ރައްޔިތުން ފާހަގަކުރާ ދުވަހެކެވެ.

މާދަމާ އަކީ ފަލަސްތީނުގެ ބިންތައް ފޭރިގަނެ އިސްރާއީލުން އެމީހުންގެ އަމިއްލަ ދައުލަތެއް ގާއިމު ކުރިތާ 71 އަހަރު ފުރޭ ދުވަހެވެ.

ރިޕޯޓްތައް ބުނާ ގޮތުން މިއީ ފަލަސްތީނުގެ ރައްޔިތުން އެންމެ ބޮޑަށް ފާހަގަކުރާ “ނަކްބާ” ދުވަހަށް ވާނެ ކަމަށެވެ. އެގޮތުން މާދަމާ ބާއްވާ ބޮޑު މުޒާހަރާގައި ފަލަސްތީނުގެ އެއްމިލިއަން މީހުން ބައިވެރިވާނެއެވެ. މިކަމަށް ތައްޔާރު ވުމުގެ ގޮތުން ފަލަސްތީނުގެ ސަރުކާރުގެ އިދާރާތަށް ވެސް ވަނީ ތައްޔާރީ ހާލަތަށް ގެނެސްފައެވެ.

މީގެ ކުރިން ބޭއްވުނު މި މުޒާހަރާގައި އެތަށް ބަޔަކު ޝަހީދުވެ އެތަށް ބަޔަކު ވަނީ ޒަހަމުވެފައެވެ. އެހެން ނަމަވެސް ކޮންމެ މެއި 15 ވަނަ ދުވަސް ފަލަސްޠީނު ރައްޔިތުން އަންނަނީ އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ތެދުވެ އައު ހިތްވަރެއް ދައްކަމުންނެވެ. އަދި މާދަމާގެ ބޮޑު މުޒާހަރާގައި ފަލަސްތީނުގެ ރައްޔިތުނާއި ދެކޮޅަށް އިސްރާއީލުން ބާރުގެ ބޭނުން ކުރާނެ ކަމަށް ބެލެވެއެވެ.

މާދަމާ ގެ ބޮޑު މުޒާހަރާ އަށް ފަލަސްތީނުގެ މީހުން ތައްޔާރު ވަމުން ދާއިރު ދާދި ފަހުން އިސްރާއީލުން ވަނީ ފަލަސްތީނަށް ވައިގެ ހަމަލާތަކެއް ދީފައެވެ. މިއީ ފަލަސްތީނުން އިސްރާއީލަށް ރޮކެޓް ހަމަލާތަށް ދިން ކަމަށް ބުނެ ދީފައިވާ ވައިގެ ހަމަލާ ތަކެވެ. މިހަމަލާ ތަކުގައި ފަލަސްތީނުގެ 27 ރައްޔިތުން ވަނީ ޝަހީދު ކޮށްލާފައެވެ.