މި ފަސްގަނޑުގައި މީހުން ދިރިއުޅޭހާ ހިނދަކު އެބޯޓު ނުވަތަ ޓޭންކަރުގެ ވާހަކަ ދައްކާނެއެވެ. އެއީ “ބްރިޓިޝް ރޮޔަލްޓީ” އެވެ. ދުނިޔޭގެ ބޮޑުހަނގުރާމައިގެ ތެރޭގައި އިނގިރޭސީންގެ އުޅަނދު ފަހަރަށް ތެޔޮއުފުލައި ދިނުމަށް ހަރަކާތްތެރިވި އެއް މަދަދުގާރެވެ.
ބްރިޓިޝް ލޮޔަލްޓީ ބަނދެފައިވަނީ ނިއުކާސްލްގެ ޕަލްމާސް އެންޑް ކޮމްޕެނީ އިންނެވެ. އެމީހުންގެ ޖެރޯ ބޯޓް ޔާޑުގައި ބޯޓު ބަނުމަށްފަހު މޫދަށް ބާލާފައިވަނީ 1927 ވަނަ އަހަރުގެ ސެމްޕްޓެމްބަރމަހުގެ 26 ވަނަ ދުވަހުއެވެ. ބޯޓުގެ ޓެސްޓް ދަތުރުތައް ނިންމާލާފައިވަނީ 1928 ވަނަ އަހަރު ޖެނުއަރީމަހު 12 ވަނަ ދުވަހުއެވެ. ބޯޓުގެ ވެރިފަރާތަކީ ސައުތު ވޭލްސްގައި ގާއިމްކޮށްފައިވާ “ބްރިޓިޝް ޓޭންކަރ ކޮމްޕެނީ ލިމިޓެޑް” އެވެ. ދުނިޔޭގެ ބޮޑުހަނގުރާމަ ފެށުނީ މިބޯޓު ދަތުރުކުރަން ފެށިތާ އެގާރަ ވަރަކަށް އަހަރުފަހުންނެވެ. 1939 ވަނައަހަރު ދުނިޔޭގެ ބޮޑުހަނގުރާމަ ފެށުމުން އެ ބޯޓު ހަމަޖައްސާފައިވަނީ ހަނގުރާމައާ ބެހޭ މިނިސްޓްރީގެ ޓްރާންސްޕޯޓް އުޅަނދެއްގެ ގޮތުގައެވެ.
ޓްރާންސްޕޯޓު އުޅަނދެއްގެ ގޮތުގައި ހަމަޖެއްސުމަށްފަހު އެބޯޓު ހަރަކާތްތެރިވާން ފެށީ އެކި ކަންކޮޅުގައި ހަރަކާތްތެރިވާ އިނގިރޭސި މަނަވަރުފަހަރާއި އެކި ބަނދަރުތަކަށް ތެޔޮއުފުލައި ދިނުމަށެވެ. ބޯޓުގެ މަސައްކަތުގައި، މަޑަގަސްކަރައިގެ ޑިއެގޯ ސުއަރޭޒު ބަނދަރުގައި މި ބޯޓު އޮއްވައި ޖަޕާނުގެ ސަބްމެރީން ހަމަލާއަކާ ކުރިމަތިލާން ޖެހުނެވެ. އެހަމަލާގައި ބޯޓު އަޑިއަށް ދިޔައެވެ. އެހެންނަމަވެސް 67 ފޫޓުގެ ފުނުން ބޯޓުނަގައި މަރާމާތަށްފަހު އަލުން ޚިދުމަތަށް ނެރުނެވެ. އެއަށްފަހު އެބޯޓު އައްޑުއަށް ފޮނުވައިލިއެވެ. އައްޑުއަށް އައުމަށްޓަކައި އެބޯޓު ފުރީ 1943 ވަނައަހަރު އޮކްޓޯބަރ 7 ވަނަދުވަހު ކަމަށްވެއެވެ. އައްޑޫގައި މި ބޯޓު ބޭނުން ކުރަން ނިންމާފައިވަނީ ހަމައެކަނި ތެޔޮ ރައްކާކުރާ ޓޭންކަރެއްގެ ގޮތުގައެވެ.
ބްރިޓީޝް ލޮޔަލްޓީ އައްޑުއަށް އައިސް އޮތީ، ގަމު ކަނޑާ ދިމާއަށް ވިލިގިލި ކައިރީގައެވެ. އެތާގައި ބޯޓު އޮއްވައި ޖަރުމަނު ވިލާތުގެ ސަބްމެރީނަކުން އެ ބޯޓުފާހަގަ ކޮށްފިއެވެ. އިނގިރޭސީންގެ ސަލާމަތީ ކަންތައްތައް ފުރިހަމައަށް އިންތިޒާމް ކޮށްފައި ހުއްޓައި ޖަރުމަނުގެ ސަބްމެރިން ޔޫ-183 އިން ވަނީ ހަނި ދޭތެރެއަކުން ހަމަލާދީ ބޯޓަށް ބޮޑެތި ގެއްލުން ދީފައެވެ. މިހާދިސާ ހިނގާފައިވާ ތާރީޚެއް ކަމަށް ލިޔެފައިވަނީ 9 މާޗް 1944 ވަނަ އަހަރު މާރިޗު މަހުގެ 9 ވަނަ ދުވަހު ހެނދުނުގެ ވަގުތެއްގައެވެ. މިހަމަލާގައި އެ ބޯޓުގެ ބައެއް ތެޔޮ ޓޭންކްތައް ފަޅައިގެންދިޔައެވެ. އަދި އަލިފާންވެސް ރޯވި ކަމަށްވެއެވެ. މިހަމަލާގައި ބޯޓަށް ކިތަންމެ ބޮޑު ގެއްލުމެއްވިޔަސް އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ.
ހަމަލާއަށްފަހު ބޯޓު ބޭނުން ކުރަމުން ގެންދިޔައީ ތެޔޮ ރައްކާކުރާ އެއްޗެއްގެ ގޮތުގައެވެ. ދެވަނަ ބޮޑުހަނގުރާމަ ނިމިއްޖެއެވެ. އެއަށްފަހު އެބޯޓު ގެންދިޔައީ ހިތަދުއާއި މަރަދުއާ ދެމެދަށެވެ. އަދި އެތަނަށް ބޯޓު ފެއްތިއެވެ. ބޯޓު ފައްތާލައިފައިވާ ކަމަށްވަނީ 1946 ވަނައަހަރުގެ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ. ބޯޓު ފައްތާލުމުން އެސަރަހައްދު ވަރަށް ބޮޑަށް ތަޣައްޔަރުވިއެވެ. ބޯޓުގައި ނުނެގިހުރި ތެޔޮ އެތައް އަހަރެއްވަންދެން އެސަރަހައްދަށް ލީކުވި ކަމަށްވެއެވެ.
މިހާރުވެސް އެބޯޓު އެއޮތީއެވެ. މިހާރު އެއީ މަޝްހޫރު ޑައިވް ސްޕޮޓެކެވެ. ދުނިޔޭގެ އެތަންމިތަނުން އެތަނަށް ޑައިވްކުރުމަށް އަންނަމުންދެއެވެ. އެބޯޓު މިހާރުވެފައިވަނީ މަސްމަހާމެހީގެ ހާއްޔަކަށެވެ. އެންދެރިއާއި މުރަކައިގެ ބަގީޗާ ތަކުގެ ގޯއްޗަކަށެވެ. ވެލާ، ކަހަނބުގެ ހިތްގައިމު މަންޒިލަކަށެވެ. ތަފާތު ވައްތަރުގެ މަޑީގެ ހާއްޔަކަށެވެ.
ބުނެވޭ ގޮތުގައި މިއީ ރާއްޖެއަށް ފެތުފައިވާ ބޯޓުފަހަރުގެ ތެރެއިން އެންމެ ބޮޑު ބޯޓުވެސް މެއެވެ. މި ބޯޓުގެ ދިގުމިނުގައި 134.3 މީޓަރު ހުއްޓެވެ. އަދި ފުޅާމިނުގައި 17.4 މީޓަރު ހުރިކަމަށްވެއެވެ.
މިބޯޓު ހިމެނޭ ޑައިވްސްޕޮޓަކީ އައްޑޫސިޓީ ކައުންސިލުން ހިމާޔަތް ކުރަން ކަނޑައަޅާފައިވާ ތަންތަނުގެ ތެރޭގައި ހިމެނޭ މުހިންމު ސަރަހައްދެކެވެ.