ކ. މާފުށީގައި ހުންނަ ސަރުކާރުގެ މައި ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ގެންދާ ގައިދީންނަށް މިނަރަލް ވޯޓާއާ އެއް ދަރަޖައިގެ ސާފު ބޯފެން ފޯރުކޮށްދެވިގެން ދާނެ ކަމަށް ހޯމް މިނިސްޓަރ ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އިމްރާން މިހެން ވިދާޅުވީ މާފުށީ ޖަލުގައި ތިބި ގައިދީންނަށް ސާފު ބޯފެން ފޯރުކޮށްދޭން، ޖަލުގައި ބެހެއްޓި ފެން ޕްލާންޓް މިއަދު އިފްތިތާހުކޮށްދެއްވި ރަސްމިއްޔާގަތުއި ވާހަކަފުޅު ދައްކަވަމުންނެވެ.
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ މިއަދު ހިދުމަތް ފެށި ފެން ޕްލާންޓްގެ ސަބަބުން ޖަލުގައި ތިބި ހުރިހާ ގައިދީންނަށް ސާފު ބޯފެން ފޯރުކޮށް ދެވޭނެ ކަމަށާއި، މިހާރު އެކަމަށް ސަރުކާރުން ކުރާ ހަރަދު ވެސް ވަރަށް ބޮޑުތަނުން ކުޑަވެގެންދާނެ ކަމަށެވެ.
“ކުރިން ފޯރުކޮށްދޭ ފެނަކީ ހަގީގަތުގައި ބޯން އެކަށީގެންވާ ފެނެއް ނޫން. ގިނަ ގައިދީން ބޭނުން ކުރަނީ ފެން ގަނެގެން. ނަމަވެސް މިއަދު މި ބެހެއްޓި ޕްލާންޓާއެކު ހުރިހާ ގައިދީންނަށް ވެސް ހަމަހަމަކަމާއެކު މިނަރަލް ވޯޓާއާ އެއް ދަރަޖައިގެ ސާފު ބޯފެން ފޯރުކޮށްދެވިގެން ދާނެ،” މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރ އިމްރާން އިތުރަށް ވިދާޅުވީ، ސާފު ބޯފެން ޔަގީން ކުރެވިގެން ދިއުމަކީ ބޯން އެކަށީގެންނުވާ ފެނުގެ ސަބަބުން ގައިދީންނަށް ކުރިމަތިވާ ސިއްހީ މައްސަލަތައް ވެސް ހައްލުވެގެންދާނެ ކަމަށެވެ. މިދިއަ މާޗު މަހު ފެށި މަޝްރޫއުގައި ބެހެއްޓި ފެން ޕްލާންޓުން ދުވާލަކު 80 ޓަނުގެ ފެން އުފައްދާނެ އެވެ. އަދި އެއީ ޖަލަށް ބޭނުންވާ ތިން ދުވަހުގެ ފެން އެއް ދުވަހުން ރައްކާ ކުރެވޭނެ އިންތިޒާމެކެވެ.