English Edition
Dhivehi Edition

އުރީދޫ މޯލްޑިވްސްގެ މަޤްބޫލު ދުވުން ކަމަށްވާ ކަލަރ ރަން ، ކުރިއަށްއޮތް ޖޫން މަހުގެ 21 ވަނަ ދުވަހު އައްޑޫ ސިޓީގައި ބޭއްވިގެންދާނެ ކަމަށް އެކުންފުނިން އިއުލާންކޮށްފިއެވެ.

މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އެއްބާރުލުމާއި އެކު، ބާއްވާ އުރީދޫ ކަލަރ ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުމެވެ. އަހަރުން އަހަރަށް މަޤްބޫލުކަން އިތުރުވެ، ކަލަރ ރަންގައި ވަނީ ރިކޯޑު އަދަދެއްގެ ދުވުންތެރިން ބައިވެރިވެފައެވެ.

މި ޚާއްޞަ އިވެންޓު އިއުލާން ކޮށްފައިވަނީ، މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އަހުމަދު މަހްލޫފް އަދި އުރީދޫގެ މެނޭޖިންގް ޑައިރެކްޓަރ އާއި ސީއީއޯގެ މަޤާމު އަދާކުރަށްވާ ނަޖީބް ޙާންގެ ބައިވެރިވުމާއި އެކު، މިއަދު ހެނދުނު މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުގައި ބޭއްވިފައިވާ ރަސްމިއްޔާތެއްގައިއެވެ.

” އުރީދޫ ކަލަރ ރަންގައި ބައިވެރިވުމުގެ ފުރުސަތު އަޅުގަނޑަށް ލިބުނު. މިއީ ވަރަށް އުފާވެރި މާހައުލެއްގެ ތެރޭގައި، ސިއްޙަތަށް ފައިދާ ކުރަނިވި ހަރަކާތެއްގައި ބައިވެރިވުމުގެ ފުރުސަތެއް. އައްޑޫގައި އުރީދޫ ކަލަރ ރަން ބޭއްވޭ ކަމަކީ ލިބުނު އުފަލެއް. އުއްމީދަކީ އައްޑޫގެ ހުރިހާ އުމުރުފުރައެއްގެ ރައްޔިތުން މި ހަރަކާތުގައި ބައިވެރިވުން.” މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހުމަދު މަހްލޫފް ވިދާޅުވިއެވެ.

“ރާއްޖޭގެ ތަފާތު ހިސާބުތަކުގައިވާ ރައްޔިތުންނަށް އުރީދޫ ކަލަރ ރަންގެ އުފާ ތަޖުރިބާކޮށްލުމުގެ ފުރުސަތު ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ކުރިއަށްއޮތް އުރީދޫ ކަލަރ ރަން އައްޑޫގައި ބޭއްވޭކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. އުރީދޫ ކަލަރ ރަންގެ އެންމެ ޙާއްސަ އެއްކަމީ، ބޭނުން ކޮންމެ ބޭފުޅަކަށްވެސް ބައިވެރިވެވުން. އެއީ، މުޅިން އައު ބައިވެރިއަކަށްވިއަސް ނުވަތަ ތަޖުރިބާކާރު ދުވުންތެރިއަކަށް ވިއަސް، ނޫނީ އާއިލާ އާއި ރައްޓެހިންނާއި އެކު އުފާވެރި ތަޖުރިބާއެއް ކޮށްލަން ބޭނުންވި ކަމުގައިވިއަސް. ނަލަ ނަލަ އައްޑޫގައި ވަރަށް ޙާއްސަ އިވެންޓަކަށް މިފަހަރުގެ އުރީދޫ ކަލާ ރަން ވެގެންދާނެކަމަށް އުއްމީދު ކުރަން.” އުރީދޫގެ މެނޭޖިންގ ޑައިރެކްޓަރ އަދި ސީއީއޯ، ނަޖީބް ޙާން ވިދާޅުވިއެވެ.

6 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ވެސް، މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ އިވެންޓެކެވެ. އުރީދޫ ކަލަރ ރަންގައި ކޮންމެ ކިލޯމީޓަރއެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން، ކުލަގަދަ ގޮތެއްގައި އެކަން ފާހަގަ ކުރާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެއެވެ. މި ހަރަކާތް އިތުރަށް ފޯރިގަދަ ކުރުމަށްޓަކައި، ބައިވެރިންގެ ތެރެއިން އެންމެ ފޯރިގަދަ ދުވުންތެރިޔާ އަދި އެންމެ ސަޅި ކޮސްޓިއުމް ހޮވާލެވި، ވަރަށް ޚާއްޞަ އިނާމުތަކެއް ދެވޭނެއެވެ.

މި ދުވުމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މައި އުރީދޫ ޕޯޓަލް މެދުވެރިކޮށް ފަސޭހަކަމާއި އެކު، ވަރަށް އަވަހަށް ރެޖިސްޓަރކުރެވޭނެއެވެ. މިކަމާއި ބެހޭގޮތުން އިތުރު މައުލޫމާތު، އުރީދޫގެ ވެބްސައިޓް ނުވަތަ ސޯޝަލް މީޑިއާ ޗެނަލްތަކުން ފޯރުކޮށްދެވޭނެއެވެ.