English Edition
Dhivehi Edition

ގައުމީ ދުވަހުގެ ތަހްނިޔާ ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް އަރިސްކުރައްވާ ކުރީގެ ރައީސް މައުމޫނު ފޮނުވި ހާއްސަ ހިޠާބުގައި ވިދާޅުވެފައި ވަނީ ގައުމުގެ ކަންކަން މިހުރީ އެންމެ އެދެވޭ ގޮތަށް ނޫން ކަމަށެވެ.

މިވަގުތު ގައުމު މިދާ މިސްރާބާ މެދު ގައުމުގެ ރައްޔިތުން ތިބީ އެއްގޮތަކަށްވެސް ހިތްހަމަޖެހިފައި ނޫން ކަމަށާއި އެހެންކަމުން، ދިވެހި ރައްޔިތުންގެ ހެވާއި ލާބައަށްޓަކައި ގައުމު މިދާ މިސްރާބު ބަދަލުކުރުމަށް މަސައްކަތް ކުރުމަކީ މިވަގުތު އެންމެންގެ މައްޗަށް ލާޒިމު ވެފައިވާ ކަމެއް ކަމަށް ރައީސް މައުމޫންގެ ހިޠާބުގައި ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން އެޚިތާބުގައި މައުމޫނު ވިދާޅުވެފައި ވަނީ ރާއްޖެގައި މާތްވެގެންވާ އިސްލާމްދީން ރައްކާތެރިކޮށް، ގައުމުގެ މިނިވަން ކަމާއި ސިޔާދަތު ދަމަހައްޓައި، ދިވެހީންގެ އަތްމަތީގައި ދިވެހިރާއްޖޭގެ ގުދްރަތީ މުއްސަނދިކަން ހިފަހައްޓައި، ރާއްޖޭގައި ހަރުދަނާ ޑިމޮކްރެޓިކް ވެއްޓެއް ގާއިމްކޮށް، ރައްޔިތުންގެ އަސާސީ ހައްގުތައް ހިމާޔަތްކޮށް، މިނިވަން މުއައްސަސާތަކުގެ މުސްތަގިއްލުކަން ހަރުދަނާކޮށް، އަދުލު އިންސާފު ކަށަވަރު ކުރުމަކީ، އަޅުގަނޑުމެން އެންމެންގެ ގައުމީ ވާޖިބެއް ކަމަށެވެ.

އަދި ގައުމީ ދުވަހަކީ އަޅުގަނޑުމެން ތާރީޚުން އިބުރަތް ލިބިގަންނަން ޖެހޭ ދުވަހެއް ކަމަށާއި އަދި ގައުމުގެ ކަންކަމާމެދު ވިސްނާ ފިކުރު ކުރަންޖެހޭ ދުވަހަކަށް ވުމާއި އެކު ބޮޑުތަކުރުފާނުގެ މަތިވެރި ގައުމީ ޖިހާދާއި މެދު ދިވެއްސަކަށް ވީތީ ފަހުރުވެރިވެ، ދިވެހި ކޮންމެ ދަރިއަކީވެސް ބޮޑު ތަކުރުފާނު ފަދައިން ގައުމަށްޓަކައި، ގައުމުގެ ކޮންމެ ގޮވާލުމަކަށް އިޖާބަދޭން ތައްޔާރަށް ތިބި ބަޔަކަށް ވާން ޖެހޭނެ ކަމަށްވެސް ވިދާޅުވެފައިވެ އެވެ.

ރައީސް މައުމޫނުގެ ޚިތާބުގައި ވިދާޅުވެފައިވާ ހުރިހާ ވާހަކަ ތަކަކީ ވަރަށްވެސް މުހިއްމު ވާހަކަ ތަކެކެވެ. ނަމަވެސް މިހުރިހާ ކަމެއް އެމަނިކުފާނުގެ ޒައާމަތުގައި އެގޮތަށް ކަންތައް ކުރެވިފައިވޭތޯ ދިވެހި ކޮންމެ ފަރުދަކުވެސް ސުވާލު އުފައްދައެވެ.

ރައީސް މައުމޫނުގެ ދުވަސްވަރުގައި ރައްޔިތުން ތިބީ ހިތްހަމަ ޖެހިފައިތޯއެވެ. ރައްޔިތުންގެ ހެވާއި ލާބައަށްޓަކައި ގައުމު ދިޔަ މިސްރާބު ބަދަލުކުރުމަށް މަސައްކަތް ކުރި ކޮންމެ މީހަކަށް މެދުވެރިވި އުނދަގުލާއި ދުއްތުރާތަކަކީ އެންމެން ދަންނަ ހަގީގަތަކެވެ.

ރާއްޖޭގައި މާތްވެގެންވާ އިސްލާމްދީން މިހާރު ރައްކާތެރިވެފައިވާ ކަމީ ގަބޫލު ކުރަންޖެހޭ ހަގީގަތަކެވެ. ގައުމުގެ މިނިވަންކަމާއި ސިޔާދަތު ކަށަވަރުވެ ދެމެހެއްޓުމަށް މިހާރު ކުރެވެމުންދާ މަސައްކަތަކީ ބަލައިގަންނަން ޖެހޭ ކަމެކެވެ. ދިވެހިން އައްމަތިން ރާއްޖޭގެ ގުދުރަތީ މުއްސަދިކަން ހިފަހައްޓަފައި ނުވޭތޯއެވެ.

ރާއްޖޭގެ ބިން ބޭރުފަރާތްތަކަށް ވިއްކުމުގެ ގާނޫނުގައި އެއްވެސް ހާލެއް މިހާރު ރާއްޖޭގައި އޮތް އެއްވެސް ބިމެއް ވިއކޭކަށް ނެތެވެ. ނަމަވެސް ރާއްޖޭގެ ސަރަހައްދަކުން ބިން ހިއްކާއިގެން އެމީހަކަށް މިލްކުވާގޮތަށް މިއޮންނަނީ އެމީހަކު ހިއްކި ބިމުގެ 10 އިން ސައްތައެވެ. ދުނިޔޭގެ ހުރިހާ ގައުމަކުންވެސް ބިން ގަނެވެއެވެ. ރާއްޖޭގައި ވިއްކާލާނެ ބިމެއް ނެތެވެ. ނަމަވެސް ރާއްޖޭގެ އިގްތިސާދު ރަނގަޅު ކުރުމަށް އެކަން ކުރެވެން އޮތް އެންމެ ރަނގަޅު ގޮތަކީ އެއީއެވެ. ދުނިޔޭގެ އެއްވެސް މަހުޖަނަކު އެމީހަކަށް ފައިދާއެއް ނެތްގޮތަށް އެއްވެސް ކަމެއް ނުކުރާނެއެވެ. މިއޮތީ ރާއްޖެ ބޭރު އިންވެސްޓްމަންޓް ތަކަށް ހުޅުވާލެވިފައޭ އަދި ބުނި ކަމުގައި ވިޔަސް އެމީހުންނަށް ލިބެންއޮތް ފައިދާ އަކަށް ނޫނީ އެއްވެސް އިންވެސްޓްމަންޓެއް އެމީހުން ނުކުރާނެއެވެ.

މިހާރު ބިން ވިއްކުމުގެ އޮތް އުސޫލުން އެމީހުން ބިލިއަން ޑޮލަރު ޚަރަދުކޮށް އިންވެސްޓު ކުރާއިރު އެމީހުން ރާއްޖެއިން ހިއްކާ ބިމުގެ 10 އިންސައްތަ ލިބޭއިރު 90 އިންސައްތަ ބިމުގެ ތާއަބަދު ދިވެހިންނަށް ލިބިގެން ދާނެއެވެ. އެބިން ދުވަހަކުވެސް އެފަރާތަކަށް މިލްކެއް ވާގޮތަކަށް ނެތެވެ.

ރާއްޖޭގައި ޑިމޮކްރެޓިކް ވެއްޓެއް ގާއިމު ކުރުމަށް ރައީސް މައުމޫނު ކުރެއްވި މާބޮޑުކަމެއް ފެންނާކަށް ނެތެވެ. ރައްޔިތުން ބިރުފަހަނަޅާ ނިކުމެ ބަސްބުނަން ފެށުމުން އިސްލާހީ އެޖެންޑާއެއް ނެރުއްވިއެވެ. އެއިސްލާހީ އެޖެންޑާގެ ތެރެއިންވެސް ކިނަކަންކަން ހާސިލުވީ ފާޅުގައި ރައްޔިތުން އެކަމަށް ގޮވާލާ މަގުމައްޗަށް ނިކުތުމުންކަން ހުރިހާ ދިވެހިން ގަބޫލު ކުރައެވެ.

ރައްޔިތުންނަށް ބޭނުންވާ އަސާސީ ހައްގު ރައީސް މައުމޫނުގެ ޒައާމަތުގައި ހާސިލްވެފައި ވަނީ މާލެއަށް އެކަންޏެވެ. ރަށްފުށުގެ ރައްޔިތުން އުޅުނީ ނިކަމެތި ހާލުގައެވެ. ކޮންމެ އަސީސީ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށް ދެމުން ގެންދެވީ ކޮންމެވެސް ލަވައެއް ހައްދަވާ އެލަވަ ރޭޑިއޯ މެދުވެރިކޮށް ރައްޔިތުންނަށް އަޑު އިއްވުމުގެ ތެރެއިންނެވެ. ތައުލީމުގެ ކަންކަމަށްވެސް ހެއްދެވީ ލަވައެކެވެ. “ދަންނާށެ ތާނެ މިކިޔާދޭ އަކުރު ……” މިއީ އޭގެ ތެރެއިން އެއްލަވައެއްގެ ބައެކެވެ.

އިގްތިސާދަށް ގެންނެވި ބަދަލަކީވެސް މިކަލަހަ ބަދަލެކެވެ. “ފަތިހާ މަހަށްދަމުން ހެނދުނާ ވަލަށް ދަމުން …….” މިލަވައަކީ މީހުން މަސައްކަތު ދިއުމަށް ހިތްވަރު ދިނުމަށް ހައްދެވި ލަވައެވެ. ރަށްފުށުގެ ރައްޔިތުމީހާ ދާންޖެހުނީ މަހަށެވެ. ނުވަތަ ދަނޑުހައްދަން ވަލަށެވެ. ކިޔެވުމުގެ މަތީ ތައުލީމުގެ ފުރުސަތު ލިބިގެން ދިޔައީ ގާތްތިމާގެ ބޭބޭފުޅުންނަށާއި އަދި މާލޭގެ ވަކި އާއިލާއެއްގެ ބޭބޭ ފުޅުންނަށްކަން ދިވެހި ހުރިހާ ރައްޔިތުންނަށް އެނގެއެވެ. މީގެ އެތައް ލަވައަކުން ދިވެހިންނަށް އަޑުއިވިފައި އެބައޮތެވެ.

ރައީސް މައުމޫނުގެ ޒައާމަތުގައި މިނިވަން މުއައްސަސާއެއް ނެތެވެ. މުއައްސަސާއެއް އޮތިއްޔީ އެމުއައްސަސާއެއްވެސް އޮތީ ރައީސް މައުމޫނުގެ ފުރިހަމަ ބާރުގެ ދަށުގައެވެ. މުއައްސަސާ އެއްގެ އެއްވެސް މުސަތަގިއލު ކަމެއް ނެތެވެ.

އަދުލު އިންސާފުގެ ހުރިހާ ބާރެއް އޮތީ އެމަނިކުފާނުގެ އަތްޕުޅުގައެވެ. ޑިމޮކްރަސީއެއްގެ އެންމެ މުހިއްމު އަސާސަކީ ތިންބާރު ވަކިވެފައިވާ ސަރުކާރެއް އޮތުމެވެ. ނަމަވެސް ރައީސް މައުމޫނުގެ ޒައާމަތުގައި ކަންއޮތީ މިއުސޫލަކުންނޫނެވެ. ގައުމީ ދުވަހު ދެއްވި ޚިތާބުގައި ރާއްޖޭގައި ޑިމޮކްރަޓިކް ވެއްޓެއް ގާއިމުވާކަށް ދިދާޅުވެ ޚިތާބު ނެރުމުން ސުވާލު އުފެދެއެވެ. ދުނިޔޭގެ ގައުމުތަކަށް ޑިމޮކްރަސީ އައީކީ 2008 ވަނަ އަހަރަކު ނޫނެވެ. ރައީސް މައުމޫނު ވެރިކަމަށް ވަޑައިގެންނެވި އިރުވެސް ޑިމޮކްރަސީ ދުނިޔޭގެ ގައުމުތަކުގައި އޮތީ ހަރުދަނާ ކޮށެވެ.

އެމަނިކުފާނަށް މިހާރު ޑިމޮކްރަސީގެ ވާހަކަ ދެއްކުމުން ގިނަބައަކު ހަމަ މިގޮތަށް ސުވާލު އުފައްދާނެއެވެ.