އަރާރުން ވުމަކީ ބައެއް މީހުންގެ އާދައެކެވެ. އެމީހުން ބަލަމުންދާނީ އަރާރުންވާނެ ކޮންމެ ފުރުސަތެކަށެވެ.
އެއާ ޚިލާފަށް އޯގާވެރިކަމަކީ ސޮސައިޓީގެ ހިތްފަސޭހަކަމަށް ވަރަށް މުހިންމު ކަމެކެވެ. އެއްބަޔަކަށް އަރާރުން ވުމަކީ އުފަލަކަށްވާއިރު އަނެއް ބަޔަކަށް އެއީ ހިތްދަތިކަމާ ނުތަނަވަސްކަން ގެނުވާ ކަމެކެވެ. އެކަކުވެސް އޭނާއަކީ ސިފަހުތުރުމީހެކޭ ނުވަތަ މިވެނި އުނިކަމެއް ހުންނަ މީހެކޭ ބުނާއަޑު އަހާކަށް ނޭދޭނެއެވެ.
ކޮންމެ މީހަކުވެސް ދެބަސްވާނެ ކަންތައް ތަކެއް އަނެކާގެ ކިބައިން ފެނިދާނެއެވެ. އުނިކަމެއް ނުހުންނަ އެކަކުވެސް ނުހުންނާނެއެވެ. އެހެން ނަމަވެސް ފެންނަ ފެންނަ ކޮންމެތަނަކުން އެމީހެއްގެ ކިބައިގައި ހުރި އުނިކަން ފާހަގަކޮށް މީހުންގެ ތެރޭގައި މަލާމާތް ލިބޭކަށް އެކަކުވެސް ބޭނުމެއް ނުވާނެއެވެ.
ވަރަށް ގިނަ ފަހަރު މީހުންގެ ފަރާތުން އެފަދަ މަލާމާތް ލިބެން ފެށުމުން މީހާގެ ޖަޒްބާތަށް އަސަރުކޮށް ނަފްސާނީ ގޮތުން ބަލިކަށިވެ ހިތްވަރު ދެރަވާ ގޮތް ވެއެވެ. ދިރިއުޅުމުގައި ކުރިއެރުން ހުއްޓި ނާއުންމީދުވާގޮތް ދިމާވެއެވެ.
ބައެއް މީހުން އަނެކާއާމެދު އިހާނާތްތެރިވެ މަލާމާތްކޮށް ލަދުގަންނަވާ ހަދަނީ އޭނާއަށް އެކަމުން އުފަލެއް ލިބޭތީއެވެ. އަނެކަކު އޭނާގެ ކުރިމަތީގައި ނިކަމެތިވެ މިލާ މޯޅިވެގެންދާތަން ދުށުމަށެވެ. އެގޮތަށް ކަންތައް ކުރުމުން ތިމާއަކީ އަނެކާއަށް ވުރެން މަތީ އަދިބާރު ހުރި މީހެއް ކަމަށް ފެނިގެން ދާތީއެވެ. ގިނަފަހަރަށް އެފަދަގޮތަކަށް މީހުންނާމެދު އަމަލު ކުރާ މީހުންގެ ކިބައިގައި ކޮންމެވެސް އުނިކަންތަކެއް ހުންނަނީ ކަމަށް ވެސް ވެދާނެއެވެ. އެހެންކަމުން އޭނާ އެކަން ފޮރުވަނީ އެހެން މީހުން އޭނާއާ ކައިރި ނުވެވޭ ފަދަ ”ނުބައި” މީހަކަށް ވެގެންނެވެ.
ބައެއް މީހުން ބުނެވެސް ހަދައެވެ. ”ތިޔަ މީހާއާ ބެހޭކަށް ނުވާނެ.”
މިހެން އެބުނަނީ އެމީހާގެ ކިބައިން އަތުވެދާނެ ހަމަލާއަކަށް މީހުން ޖެހިލުންވާތީއެވެ.
މިފަދަ ”ނުލަފާ” މީހުންނަށް ގިނަފަހަރު އެމީހުން ބޭނުންވާ ބައެއް ކަންތައް ދަތިކަމެއް ނެތި ކުރެވޭނެ ގޮތް މެދުވެރިވެއެވެ. އެއީ އޭނާއާ ކުރިމަތިލުމެއް ހިނގާނެ ފުރުސަތެއް ލިބިގަންނާކަށް މީހުން ނޭދޭތީއެވެ. އެގޮތަށް މީހުން އެކަންތައް ކުރަނީ ހަގީގަތުގައި އޭނާ ދެކެ ރުހޭތީއެއް ނޫނެވެ. ހަގީގަތުގައި އޭނާ ދެކެ ގަންނަ ބިރަކުންނެވެ. ހަގީގަތުގައި އޭނާދެކެ މީހުން ވަރަށް ނުރުހޭނެއެވެ. ނަފްރަތު ކުރާނެއެވެ.އެއާ ޚިލާފަށް އަނެކާއާ މެދު ހަމްދަރުދީވާ މީހުންނަކީ މީހުންގެ ލޯތްބާއި އިހްތިރާމު ލިބޭނެ ބައެކެވެ.
އަރާރުންވެ ނުލަފާކަމުން ލިބޭ ކާމިޔާބަށް ވުރެން ހަމްދަރުދީއާއި އެހީތެރިކަމުން ލިބޭ ކާމިޔާބު މާބޮޑެވެ. އެހީތެރިކަމެއް މީހެއްކިބައިން އެދޭ ހިނދު އެފަދަ މީހުންނަށް ހީވެސް ނުކުރާ މީހުންގެ ކިބައިން އެހީތެރިކަން ލިބެއެވެ.
އިންސާނާ ނުލަފާ މީހަކަށް ނުވަތަ ހެޔޮ މީހަކަށް ވުން ގިނަފަހަރު ބިނާވެފައި އޮންނަނީ އޭނާގެ ކިބައިގައި ހުންނަ ހަމްދަރުދީއެއްގެ މައްޗަށް ބިނާކޮށެވެ. ހިތުގައި ހަމްދަރުދީ ނުވާނަމަ މައާފު ކުރުމަކީވެސް ކުރެވޭ ވަރުގެ ކަމަކަށް ނުވާނެއެވެ.
ސައެންސްވެރިން ބުނާ ގޮތުގައި ގަދަ ރުޅިއަންނަނީވެސް ހަމްދަރްދީގެ ބައި ސިކުނޑީގައި ކުޑަވީމައެވެ.
ރުޅި އައުމަކީ އިންސާނާގެ ތަބިއަތުގައިވާ ކަމެއް ފަދައިން ހަމްދަރްދީއަކީވެސް އިންސާނާގެ ކިބައިގައިވާ ތަބީއީ ކަމެކެވެ. އިންސާނުން ފިޔަވައި ޖަނަވާރުތަކުގެ ތަބީއަތުގައިވެސް މިދެކަންތައް އެކުލެވެއެވެ.
ސައެންސްވެރީން ދެކޭ ގޮތުގައި މި ޖަޒްބާތަކީ ޖެނެޓިކް ގޮތުން އިންސާއަށް ވާރުތަ ވެފައިވާ ކަމެކެވެ.
ބައެއް މީހުން ދެކޭ ގޮތުގައި ހަމްދަރުދީއަކީ އިންސާނާގެ އަމިއްލަ އެދުމުގެ ތަބީއަތާ ގުޅިފައިވާ ކަމެކެވެ. އެއީ އަނެކާއަށް ހަމްދަރުދީ ވުމުގެ ސަބަބުން ތިމާއަށް އޭނާގެ ކިބައި ފަހުން ލިބިދާނެ ފައިދާއަކަށްޓަކައި ކުރާ ކަމެކެވެ. މިއީ މިކަން އޮންނަ ގޮތް ކަމަށް ވެދާނެވެސް މެއެވެ. އެކަމަކު އިންސާނާ އަމިއްލަ އިޚްތިޔާރުވެސް މިކަމުގެ މައްޗަށް އޮވެއެވެ. އެއީ ތިމާގެ ފައިދާއަށް ވުރެން އަނެކެއްގެ ފައިދާއަށް ވިސްނުމަށް އަޒުމު ކަޑައަޅައިގެންނެވެ. މިފަދަ މީހުން ފަހަކަށް އައިސް ދުނިޔޭގައި ގިނަވަމުންވެސް ދެއެވެ. ސައިކޮލޮޖިސްޓް ޑެނިއަލް ގޯލްމެން ބުނަނީ “ސިކުނޑީގެ ނިއުރޯންސްތައް އެތުރިފައި ހުންނަނީ އޮޓޮމެޓިކުން އަނެކާއަށް އެހީތެރިވުމަށް.” މިގޮތަށް ހުރިހާ އެންމެން ކަންތައް ނުކުރާ އެތަކެއް ސަބަބުތައް އެކުލެވޭކަމަށް އޭނާ ބުނެއެވެ. “އޭގެ ތެރޭގައި މީހުންގެ ދިރިއުޅުމަށް މިހާރަކަށް އައިސް އަންނަ ބަދަލުތައް ވެސް ހިމެނޭ. “ އޭނާ ބުނެއެވެ. އެހެންނަމަވެސް އަނެކާގެ އުފަލަށް އެދޭ މީހާއަށް އުފާވެރިކަން ލިބުމަކީ ތަބީއީ ކަމެކެވެ.
ތިމާގެ އަމިއްލަ އުފަލަށްޓަކައި ތިމާގެ ކިބައިގައި ހުންނަ މި ހަމްދަރުދީގެ ސިފަ ދެނެގަނެ އާލާ ކުރުމަކީ ވަރަށްވެސް މުހިންމު ކަމެއް މެއެވެ.
ހަމްދަރުދީއަކީ ތިމާއަށް ތަނަވަސް ދިރިއުޅުމަކަށް މަގުފަހި ކުރުވާ ކަމެއް ކަމަށް ވެސް ދިރާސާތަކުން ދައްކައެވެ.
މައުލޫމާތު Ted.com