އަވައްޓެރި ސްރީލަންކާގައި އެގައުމުގެ ފުލުހުންނާއި ހަތިޔާރުއެޅި ގްރޫޕަކާ ދެމެދު ބަޑީގެ ހަމަލާތަކެއް ބަދަލުކުރަމުން އެބަދެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހަމަލާތައް ބަދަލުކުރަމުން ގެންދަނީ ލަންކާގެ އިރުމަތީ ޕްރޮވިންސް ކަލްމުނައި ސިޓީގައެވެ. އެ ސިޓީ އަކީ މުސްލިމު މެޖޯރިޓީ އާބާދީއެއް އޮންނަ ސިޓީއެކެވެ.
މި ސިޓީ ކައިރީ އޮންނަ ސަމަންތުރައި ޓައުން ގައި ހުންނަ ގެއެއްގައި ގޮވާތަކެތި އުފައްދަން ބޭނުން ކުރާ ސާމާނުވެސް ފުލުހުން ވަނީ އަތުލައިގެންފައެވެ. ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މި ތަކެތި އަތުލައިގެންފައިވާއިރު ލަންކާގެ ފުލުހުންގެ ތަރުޖަމާނު ވިދާޅުވީ ސަމަންތުރައި އިން އައިއެސްގެ ޔުނިފޯމާއި އައިއެސްގެ ލޯގޯޖެހި ފޮތިގަނޑުތަކެއްގެ އިތުރުން 100،000 މެޓަލް ބޯލް އާއި ޑްރޯން ކެމެރާއެއްގެ އިތުރުން ގޮވާ ޒާތުގެ އިތުރު އެއްޗެހިވެސް ފެނިފައިވާ ކަމަށެވެ.
ލަންކާގައި މިރޭވެސް ކާފިއު އިއުލާންކުރާނެ ކަމަށް އެ ގައުމުގެ މީޑިއާ ތަކުން ބުނެއެވެ. އެގޮތުން ލަންކާގެ ފުލުހުންނާއި ހަވާލާދީ ލަންކާގެ މީޑިއާ އަކުން ބުނެފައިވަނީ، ކުއްލި ނުރައްކަލުގެ ހާލަތު ހިންގުމަށް ހަމަޖެހިފައިވަނީ މިރޭ، ލަންކާ ގަޑިން 10 އިން ފެށިގެން މާދަމާ ފަތިހު 4 ޖެހުމާ ހަމައަށް ކަމަށެވެ. ލަންކާ ގައި އާދިއްތަ ދުވަހު ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން ފާއިތުވި ފަސް ދުވަހުވެސް ވަނީ ލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ.