English Edition
Dhivehi Edition

މިދިޔަ އާދީއްތަ ދުވަހު ސްރީލަންކާގެ އެކި ހިސާބުތަކަށް ދިން ނިރުބަވެރި ހަމަލާތަކާއި ގުޅިގެން އެ ގައުމުގައި އުޅޭ ދިވެހީން ހަފްތާ ބަންދުގައި މީހުން ގިނަވެ އުޅޭ ތަންތަނަށް ނުދިއުމަށް ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން އިލްތިމާސްކޮށްފި އެވެ.

ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީން ރޭ ކުރި ޓޫވީޓެއްގައި ބުނެފައިވަނީ، ލަންކާގައި ހިނގާދިޔަ ހާދިސާއާއި ގުޅިގެން ލަންކާގައި ދިރިއުޅޭ ދިވެހިން ހަފްތާ ބަންދުގައި މީހުން ގިނަވެ އުޅޭ ތަންތަނަށް ނުދިއުމަށާއި، ކާފިއު ގަޑި ތަކުގައި ގޭގައި މަޑު ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

މިދިޔަ އާދީއްތަ ދުވަހު ލަންކާގައި ދިން ނިރުބަވެރި ހަމަލާއާއި ގުޅިގެން އަދިވެސް ސަލާމަތީ ކަންކަން ހަމަޔަކަށް އެޅިފައިނުވާތީ މާދަމާ ލަންކާގައި ހުކުރު ކުރަން މިސްކިތްތަކަށް ނުދިއުމަށްވެސް ލަންކާގެ މުސްލިމު އެފެއާޒް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.

އެގޮތުން މުސްލިމު އެފެއާޒް މިނިސްޓްރީން ބުނީ އެ ގައުމުގެ މިސްކިތްތަކަށް ހަމަލާއެއްދީފާނެ ކަމުގެ މައުލޫމާތު ލިބިފައިވާތީ، މާދަމާ އެއްވެސް މިސްކިތެއްގައި ހުކުރު ނަމާދު ނުކުރުމަށް އެދޭ ކަމަށެވެ.

ލަންކާގައި ހުންނަ އަޅުކަންކުރާ ތަންތަނަށާއި ހޮޓެލް ތަކަށް ދިން ހަމަލާތަކުގައި މިހާތަނަށް 359 މީހުން ވަނީ މަރުވެ 500 އަށްވުރެ ގިނަ މީހުންނަށް ވަނީ އެކި ވަރުގެ ގެއްލުން ތައް ލިބި ހަސްފަތާލުތަކުގައި ފަރުވާދީފައެވެ.

މި ހަމަލާތަކާއި ގުޅިގެން މިހާތަނަށް 60 ހަށް ވުރެ ގިނަ މީހުން ހައްޔަރުކުރެވިފައިވާއިރު، ތުހުމަތުކުރެވޭ އިތުރު ބަޔަކު ހޯދަންވެސް ލަންކާ ފުލުހުން ވަނީ އިއުލާނުކޮށްފަ އެވެ. ހަމަލާތައް ހުއްޓުވަން ސަލާމަތީ ބާރުތައް ނުކުޅެދުނުކަމުގެ ތުހުމަތުތަކާއެކު، އެގައުމުގެ ސަލާމަތީ ބާރުތަކުގެ އިސް ދެ ވެރިއަކު އިސްތިއުފާދެއްވުމަށް ރައީސް މައިތިރިޕާލަ ސިރިސޭނަ ވަނީ އެދިވަޑައިގެންައެވެ.