English Edition
Dhivehi Edition

އާދީއްތަ ދުވަހު އަވައްޓެރި ސްރީލަންކާގެ އެކިއެކި ސަރަހައްދުތަކަށް ދިން ނިރުބަވެރި ހަމަލާތަކުގައި ފުރާނަ ދޫކުރި ފަރާތްތަކުގެ ހަނދާނުގައި ދުބާއީގައި ހުންނަ ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމަށްވާ ބުރުޖް ޚަލީފާގައި ސްރީލަންކާގެ ދިދައިގެ ކުލަތަކުން އިއްޔެ ދިއްލާލައިފިއެވެ. މިއީ ލަންކާގެ ރައްޔިތުންނާއި އެކު ތިބިކަން ހާމަކުމުގެ ގޮތުން ދުބާއީގައި ކުރި ކަމެކެވެ.

ބުރުޖް ޚަލީފާގެ އިތުރުން އަބޫ ދާބީގެ މަޝްހޫރު ތަންތަނުގައި ވެސް ވަނީ ލަންކާގެ ދިދަ ދިއްލައި ސްރީ ލަންކާއާއި އެކު ވާ ކަމަށް އަންގަދީފައިއެވެ. އޭގެ ތެރޭގައި އެމިރޭޓްސް ޕްލޭސް، ޝެއިޙް ޒައިދް ބްރިޖް އަދި ކެޕިޓަލް ގޭޓް ހިމެނެއެވެ.

ލަންކާގައި ހުންނަ އަޅުކަންކުރާ ބައެއް ތަންތަނަށާއި ހޮޓެލް ތަކަށް ދިން ހަމަލާތަކުގައި މިހާތަނަށް 359 މީހުން ވަނީ މަރުވެ 500 އަށްވުރެ ގިނަ މީހުންނަށް ވަނީ އެކި ވަރުގެ ގެއްލުން ތައް ލިބި ހަސްފަތާލުތަކުގައި ފަރުވާދީފައެވެ.

މި ހަމަލާތަކާއި ގުޅިގެން މިހާތަނަށް 60 އަށް ވުރެ ގިނަ މީހުން ހައްޔަރުކުރެވިފައިވާއިރު، ތުހުމަތުކުރެވޭ އިތުރު ބަޔަކު ހޯދަންވެސް ލަންކާ ފުލުހުން ވަނީ އިއުލާނުކޮށްފަ އެވެ. ހަމަލާތައް ހުއްޓުވަން ސަލާމަތީ ބާރުތައް ނުކުޅެދުނުކަމުގެ ތުހުމަތުތަކާއެކު، އެގައުމުގެ ސަލާމަތީ ބާރުތަކުގެ އިސް ދެ ވެރިއަކު އިސްތިއުފާދެއްވުމަށް ރައީސް މައިތިރިޕާލަ ސިރިސޭނަ ވަނީ އެދިވަޑައިގެންައެވެ.