English Edition
Dhivehi Edition

އައްޑޫ ސިޓީގެ ކުރިއެރުމާއި ތަރައްޤީއަށް މަސައްކަތްކުރާ އަންހެން ކަނބަލުން އިސްނަގައިގެން ‘އައްޑޫ އަންހެނުންގެ އަޑަ’ މި ނަމުގައި އައްޑޫ ސިޓީ ހިތަދޫގައި ފޯރަމެއް ބާއްވައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލްގައި ކުރިއަށް ދިޔަ މި ފޯރަމްގައި އައްޑޫގެ އެކި އަވަށްތަކުން 20 އަންހެނުންވަނީ ބައިވެރިވެފައެވެ. މި ފޯރަމްގައި އައްޑޫގެ އެކި އެކި މުއައްސަސާތަކުގެ އިސްމަގާމުތަކުގައި ތިއްބެވި ކަނބަލުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމަޓީ އަދި ސީޔާސީ ދާއިރާގައި މަސައްކަތްކުރައްވާ އަންހެނުންވަނީ ބައިވެރިވެފައެވެ.

މި ބައްދަލުވުން އިންތިޒާމުކޮށް ބޭއްވުމުގައި އިސްކޮށް ހަރަކާތްތެރިވި ގުލްފިޝާމް(ގުލް) ‘އޭއޯ ނިއުސް’އަށް މައުލޫމާތު ދެމުން ބުނީ މި ފޯރަމްގެ ބޭނުމަކީ ސިޔާސީ މައިދާނުގައި އަންހެނުންގެ ބައިވެރިވުން ކުޑަ ކަމަށް ފާހަނގަކުރެވި އެކަމުގައި ހުރި ގޮންޖެހުންތައް ދެނެގަތުން ކަމަށެވެ. އަދި ސިޔާސީ މައިދާނުގައި އަންހެނުންގެ ރޯލަކީ ކޮބައިތޯ ބަލާ ސިޔާސީ މައިދާނުގައި އަންހެނުންގެ ހައިސިއްޔަތު ދެނެގަތުން ކަމަށެވެ. މީގެ އިތުރުން ސިޔާސީ މައިދާނުގައި އަންހެނުން އެއްދުވަހުން އަނެއް ދުވަހަށް ހަރަކާތްތެރިވާ މިންވަރު މަދުވަމުން ދާތީ މި ކަންތައް ހައްލުކުރުމަށް ކުރެވެން ހުރި ކަންތައްތައް ދެނެގަތުން ކަމަށް ގުލްވަނީ ބުނެފައެވެ.

ނިމިދިޔަ ރައްޔަތުންގެ މަޖިލީސް އިންތިހާބުގައި އެންމެ ހަތަރު އަންހެން ކަނބަލުންނަށް މަޖިލީސް އިންތިހާބު ކާމިޔާބުކުރެވުމުން އެކަމާއި ކަންބޮޑުވުންފާޅުކޮށް ގުލް ބުނީ މި ފޯރަމްގައި އަންހެނުންނަށް ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ސިޔާސީ ޕާޓީތަކާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުން ކުރެވޭނެ ކަންތައްތަކާއި ބެހޭ ގޮތުން މަޝްވަރާކުރެވިފައިވާނެ ކަމަށެވެ.

މީގެ އިތުރުން މި ފޯރަމްގައި ބައިވެރި ހަތަރު ބައިވެރިން މި މަހުގެ 28 އަދި 29 ދެ ދުވަހު މާލޭގައި ބާއްވާ ‘ސިމްޕޯސިއަމް އޮފް ވުމެންސް ޕޮލިޓިކަލް ޕާޓިސިޕޭޝަން’ގައި ބައިވެރިވާނެ ކަމަށް ގުލްވަނީ ބުނެފައެވެ. “ޓްރާންސްޕޭރެންސީން ބާއްވާ މި ފޯރަމްގައި ޑަބްލިއު.ޑީ.ސީ ގެ ފަރާތުން ހަފީޒާ، އާމިނަތު ޝަހިބް ބައިވެރިވާނެ. މީގެ އިތުރުން އަޅުގަނޑާއި އަފާއުވެސް މި ފޯރަމްގައި ބައިވެރިވަން. މި ފޯރަމަށްފަހު ލިބޭ މައުލޫމާތުތަކާއެކު ރަމްޟާން މަސް ފެށުމުގެ ކުރިން ބައިވެރިވާން ބޭނުން ހުރިހާ ފަރާތްތަކަށް ހުޅުވާލައިގެން އަނެއްކާވެސް ފޯރަމެއް އައްޑޫގައި ބާއްވާނަން.”ގުލް ބުންޏެވެ. މީގެ އިތުރުން ގުލްބުނީ ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފޯރަމްގައި ފިރިހެނުންނަށްވެސް ބައިވެރިވެވޭނެކަމަށެވެ. އަދި ‘އައްޑޫ އަންހެނުންގެ އަޑަ’ މި ނަމުގައި ޖަމިއްޔާ އެއް ހަދުމަށް ގަސްދުކުރާކަމަށާއި ރަސްމީ ހައިސިއްޔަތަކުން މަސައްކަތް ވަރަށް އަވަހަށް ފާށާނެކަމަށް ގުލް ބުންޏެވެ. ގުލްވަނީ މި މަސައްކަތުގައި އެންމެންގެ އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް އެދިފައެވެ.