ދުނިޔޭގެ ހުރި އެންމެ މުއްސަނދި މީހާގެ ވާހަކަ ދައްކާއިރު ކޮންމެ މީހެއްގެ ސިކުނޑިއަށް އެންމެ ފުރަތަމަވެސް އަންނާނީ ބިލްގޭޓްސްގެ ނަމާއި މެދު ޝައްކެއް ނެތެވެ. އޭނަގެ މިލްކިއްޔާތުގައި 100 ބިލިއަން ޑޮލަރު ހުންނާނެ ކަމަށް ރިކޯޑްތަކުން ދައްކައެވެ.
ބިލްގޭޓްސްގެ މުއްސަނދިކަން ހާމަވުމުގެ ކުރިން ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ ގޮތުގައި ފޮތްތަކުގައި ލިޔެވިފައިވަނީ ޖޯން ޑީ ރޮކެފެލާ އެވެ. އޭނަގެ މިލްކިއްޔާތުގައި ގާތްގަނޑަކަށް 250 ބިލިއަން ޑޮލަރު ހުރިކަމަށް އަންދާޒާ ކުރެވިފައި ވެއެވެ. މިދެމީހުންނަކީވެސް އެމެރިކާގެ ދެރައްޔިތުންނެވެ.
އެހެންނަމަވެސް ދުނިޔޭގައި މިހާތަނަށް އުޅެފައިވާ އެންމެ މުއްސަނދި މީހަކީ އެފްރިކާގެ ރައްޔިތެއް ކަމަށްވާ މަންސާ މޫސާ ކިޔާ މީހެކެވެ. މީނަގެ ނަން ފަހަރުގައި މަދު ބަޔަކަށް ނޫނީ އަޑުއިވިފައި ނޮއޮވެދާނެއެވެ.
އޭނަގެ އަސްލު ނަމަކީ މޫސާ ކެއިތާ އެވެ. އޭނައަކީ އެފްރިކާގެ ރަސްކަލެއް ކަމުން އޭނައަށް މަންސާގެ ނަން ދެވިފައި ވަނީއެވެ. މަންސާގެ މާނައަކީ ކިންގް ނުވަތަ ރަސްގެފާނެވެ. އޭނަގެ މިލްކިއްޔާތުގެ އަގު ގުނާ ވަޒަން ނުކުރެވޭ ކަމަށް ފޮތްތަކުގައި ލިޔެވިފައި ވެއެވެ. އަދި މިހާތަނަށް މޫސާގެ މިލްކިއްޔާތުގައި ހުރި މުދާވެރިކަމެއް އެކަކަށްވެސް ލިބިފައި ނުވާކަމަށް ވެއެވެ.
މޫސާ އެންމެ ފުރަތަމަ ރަސްކަމަށް ތަޚްތު ކުރެވުނީ 1312 ވަނަ އަހަރުގައެވެ. އޭނަގެ ރަސްކަމުގައި ޖުމުލަ 24 ސަހަރެއް މޫސާގެ ރަސްކަމުގެ ބާރުގެ ދަށަށް ގެނެވުނެވެ. ކޮންމެ ސަހަރެއްގައިވެސް އެތަކެއް ރަށްތައް އެކުލެވިފައި ވެއެވެ. ކޮންމެ ރަށެއްގައިވެސް ދަނޑުވެރިކަމުގެ މުއްސަނދިކަމާއި އެހެނިހެން ގުދުރަތީ ވަސީލަތްތައް އޮތެވެ.
ރަސްގެފާނު މޫސާގެ ބާރުގަ ދަށުގައި އޭރު ސަހަރު ތަކުގެ ތެރޭ މޮރިޓޭނިއާ، ސެނެގަލް، ގެމްބިއާ، ގެނީ، ބުރުކިނާ ފަސޯ، މާލީ، ނިގަރު އަދި ޗެޑް ހިމެނެއެވެ.
އެހެންނަމަވެސް މޫސާ އެނބުރި ގައުމަށް އައުމާއި ވިދިގެން އެހެން ސަހަރުތަކަށް މެދުވެރި އިގްތިސާދީ ހީނަރުކަން ކުރިމަތިވީ މޫސާގެ ދީލަތި ސަދަގާތް ތަކުންކަމަށް ގިނަ ބަޔަކު ގަބޫލު ކުރިއެވެ. މިސްރާއި މައްކާގެ އިތުރުން މަދީނާގައިވެސް ރަނުގެ އަގުވެއްޓި ދަނގަޑަށްވުރެ ރަނުގެ އަގު ދަށްވިއެވެ. މީގެ އަސަރު ގާތްގަނޑަކަށް 10 ވަރަކަށް އަހަރަށް ދެމިގެން ދިޔައެވެ.
އެހެން ހުރިހާ މުދަލެއްގެ އަގުތައް އުފުލުނެވެ. ރަންގިނަ ވުމުގެ ސަބަބުން އިގްތިސާދަށް އައި ހީނަރުކަން ހައްލު ކުރުމަށް މޫސާ ފައިސާ ދީފަ އަނބުރާ ނެގެން ހުރި ހުރިހާ ރަނެއް އަނބުރާ ނެގިއެވެ. މީގެ ސަބަބުން މޫސާ ވެގެން ދިޔައީ މުޅި މެޑިޓެރޭނިއަންގެ ރަނުގެ ބާޒާރު ކޮންޓްރޯލް އޮން މީހާގެ ގޮތުގައެވެ.
ރަސްކަމުގައި 25 އަހަރު ކަޑައްތު ކުރުމަށްފަހު މަންސާ މޫސާ ނިޔާވެފައި ވަނީ 1337 ވަނަ އަހަރުގައެވެ. އޭގެ ފަހުން ރަސްކަމަށް އިސްކުެވުނީ އޭނަގެ ދަރިއެއް ކަމަށްވާ މަޣާން އެކެއް އެވެ. މޫސާގެ މުއްސަނދިކަން އެތަކެއް ޖީލުތަކަށް ވާސިލުވެ މިއަދުވެސް އެމުއްސަނދިކަމުން ނަފާ ލިބިފައިވާ މީހުން ދުނިޔޭގައި އެބައުޅެއެވެ.
މީގެ އިތުރުން އޭނަ ބިނާކޮށްފައިވާ އެކިކަންތަންތަނާއި، ލައިބްރަރީ ތަކާއި މިސްކިތްތައް މީހަރުވެސް އެފްރިކާގެ އެކިހިސާބު ތަކުގައި އާސާރީ ބިނާ ތަކުގެ ގޮތުގައި އެބަހުއްޓެވެ.
މަންސާ މޫސާގެ މުދާ އަގުކޮށް ބަލާއިރު ގާތްގަނޑަކަށް އޭނަގެ މިލްކިއްޔާތުގައި 400 ބިލިއަން ޑޮލަރު ހުރިކަމަށް އަންދާޒާ ކުރެވެއެވެ.
މަންސާ މޫސާގެ ހަޔާތާއި ގުޅޭ ފިލްމެއްވެސް ވަނީ އުފައްދާފައެވެ. އެފިލްމުގެ މޫސާގެ ރޯލް އަދާކޮށްފައިވަނީ ޖޯން ފިލިޕްސް އެވެ.