English Edition
Dhivehi Edition

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވެސް ޝައުގުވެރިކަން ފާޅުކުރައްވައިފި އެވެ.

ރޮޒައިނާ އެ މަގާމަށް ޝައުގުވެރިކަން ފާޅު ކުރައްވާފައި އެކަން ހާމަ ކުރައްވާފައިވަނީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުންނެވެ.

މި އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި މަދު އަންހެން މެމްބަރުންނަށް ކާމިޔާބު ވެފައިވާއިރު ރޮޒޭނާ ވިދާޅުވީ މިމަގާމަށް އަންހެން ބޭފުޅަކު ކުރިމަތި ލާން މިއީ އެންމެ ރަނގަޅު ވަގުތުކަމަށެވެ. އެެހެން ކަމުން އެ މަގާމަށް ކުރިމަތިލައްވަން ޝައުގުވެރިކަން އެބަ ހުންނެވި ކަމަށް ރޮޒޭނާ ވަނީ ވިދާޅުވެފައެވެ. “މަޖިލީހުގެ ނައިބު ރައީސް ކަމަށް އެންމެ ރަނގަޅު ބޭފުޅެއްގެ ގޮތުގައި އައްޔަން ކުރަން ފެންނަނީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ . މަޖިލީހުގެ ރައީސް ކަމަށް އެމްޑީޕީ ކުރިމަތިލާނެ ބޭފުޅަކު ހޮވުމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގައި ނަގަން ޖެހޭނީ ސިއްރު ވޯޓެއް، ސަބަބަކީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރާއި ޑެޕިއުޓީ ލީޑަރު ވެސް ހޮއްވަވަނީ ސިއްރު ވޯޓަކުން” ރޮޒޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ރޮޒޭނާ ވިދާޅުވީ މަޖިލީހަކީ ރައްޔިތުންނަށް އިތުބާރު ކުރެވޭތަނަކަށް ހެދުން މުހިންމު ކަމަށާއި އެމްޑީޕީ އަަށް ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ދިނީވެސް އެއުންމީދުގައި ކަމަށް އެކަމަނާ ގަބޫލުކުރާކަމަށެވެ.

ރޮޒައިނާގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ފަސް ބޭފުޅަކު މިހާތަނަށް ވަނީ ޝައުގުވެރިކަން ފާޅު ކުރައްވާފަ އެވެ. އެއީ އެމްޑީޕީގެ މިހާރުގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމާއި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާއި ވިލިފުށި ދާއިރާއަށް އިންތިހާބުވެފައިވާ ހުސެއިން އަފީފާއި ކާށިދޫ ދާއިރާއަށް އިންތިހާބުވެފައިވާ އަބްދުﷲ ޖާބިރެވެ. ރޮޒެއިނާ މަޖިލިހުގެ ރައީސްކަމަށް ޝައުގުވެރިވެވަޑައިގެންނެވުމާ އެކީ އެ މަގާމަށް ވާދަކުރައްވާ ބޭފުޅުންގެ އަދަދު މިހާރު ވަނީ ހަޔަކަށް އަރައިފަ އެވެ.

އަންނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެފައިވަނީ ރޮޒައިނާގެ އިތުރުން ތިން އަންހެން ބޭފުޅެކެވެ. އޭގެ ތެރެއިން އީވާ އަބްދުﷲ މިހާރު ވަނީ މަޖިލީހުގެ ނައިބު ރައީސް ކަމަށް ޝައުގުވެރިކަން ފާޅު ކުރައްވާފަ އެވެ.

ރޮޒެއިނާ އަކީ މަޖިލިހުގެ ރައީސްކަމަށް ޝައުގުވެރިކަން ފާޅުކުރެއްވި ފުރަތަމަ އަންހެން ބޭފުޅެވެ.