ރީތި ދަތްޕިލައެއް ހުރުމަކީ އިންސާނާގެ ރީތިކަން މޫނުމަތިން އެންމެ ފުރަތަމަ ފެނިގެންދާނެ އެއްސަބަބެވެ. އެހެން ކަމުން އަބަދުވެސް ދަތްތައް ރީތިކޮށް ބެހެއްޓުމަށް އާދަކުރަންޖެހެއެވެ. ސާފު ރީތި ދަތްޕިލައެއް ބޭނުންނަމަ ކޮންމެ ދުވަހަކު މަދުވެގެން ދެފަހަރު ދަތް އުނގުޅަން ޖެހެއެވެ. އަބަދުވެސް ނިދުމުގެ ކުރިން ދަތް އުނގުޅަން އާދަކޮށްފިނަމަ ދަތްތައް ފަނިި ކެއުމާވެސް ދުރުވެއެވެ. އަޅުގަނޑު މެންގެ ތެރޭގައި ދިމާ ވާ އެންމެ ގިނަ އެއްމައްސަލަ އަކީ އަނގައިގައި ހުންނަ ދަތްތަކުގައި ރިއްސުމާއި ބައެއްކަހަލަ އެއްޗިހި ކެއުމުން ނުވަތަ ބުއިމުން ދަތްތަކަށް އުނދަގޫ ވެ ހީލިވުމެވެ. ދަތުގެ ޑޮކްޓަރުން ބުނަނީ ދަތްތަކަށް ތަދުވެ އުނދަގޫވަނީ، ދަތުގެ އެނަމެލްގެ ބާރު ދެރަވެ ނޫނީ ދަތުގެ މޫތައް ފެންނަން ހުރުމުންނެވެ. އެހެން ކަމުން ދަތުގައި ރިއްސާ އުނދަގޫވާނަމަ ތިރީގައި މިވާ ރެމެޑީތައް ބޭނުން ކޮށްލާށެވެ.
– ފޭރުފަތް
ދަތްތަކުގައި ރިއްސާ އުނދަގޫވާނަމަ ދެތިން ފޭރުފަތް ހަފާލާށެވެ. 2017 ވަނަ އަހަރު ކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވަނީ ފޭރުފަތުގައި ހުންނަ އެންޓި-އިންފްލެމެންޓަރީ އަދި އެންޓި މައިކްރޯބިއަލް މާއްދާއިން ދަތުގައި ރިހުމަށް ފަރުވާ ލިބެއެވެ.
– ލޮނުމެދު
ލޮނުމަދަކީ އޭގައި ވިޓަމިންބީ6، ސީ އަދި ކޮޕާ އޭގައި ހިމެނޭ އެއްޗެކެވެ. ދެ ތިން ލޮނުމެދު ހަފާލުމުން އޭގައި އެކުލެވޭ އެލިސިން ކިޔަމާއްދާ އެއް އުފެދެއެވެ. އަދި މިމާއްދާގައި އެންޓި މައިކްރޯބިއަލް ހުރުމުން ހިރުގަނޑުގައި އުފެދޭ ބެކްޓީރިއާ ތައް މަރުވެ އަދި ރިއްސާ ދަތްތަކަށް ފަރުވާ ލިބެއެވެ.
– ލޮނު
ލޮނުފެނުން އަނގަ ދޮވުމުން އަނގައިގައި ހުންނަ ބެކްޓީރިއާ މަރުވެ އަނގައިގެ އެތެރެ ސާފުވެއެވެ. 2017 ވަނަ އަހަރު ޑެންޓިސްޓުން ހޯދާފައިވާ ހޯދުމެއްގައި ބުނެފައިވަނީ ލޮނުގައި ހިމެނޭ މާއްދާ ތަކަކީ ދަތުގައި ނޫނީ އަނގައިގައި އުފެދޭ ބެކްޓީރިއާ ތައް ނައްތާލަން އޮތް އެންމެ ރަނގަޅު ހައްލު ކަމަށެވެ. ލޮނުފެނުން އަނގަ ދޮތުމަށް ތާފަނާ ފެނަށް ލޮނުކޮޅެއް ލުމަށްފަހު ތައްޔާރު ކުރި ލޮނުފެނުން އަނގަ ދޮންނާށެވެ.
– ރީނދޫ
ރީނދޫއަކީ ކޮންމެ ގެޔަކުވެސް ފަސޭހައިން ލިބެންހުންނަ ސްޕައިސް އެކެވެ. ރީނދުލަކީ ކުރީޒަމާނުއްސުރެ ބޭސްފަރުވާ އަށް ބައެއް ގައުމުތަކުގައިވެސް އެންމެ ގިނައިން ބޭނުންކޮށް ފައިވާ އެއް ސްޕައިސް އެވެ. ރީނދޫގައި ހިމެނޭ ކާކިއުމިން ކިޔާ މާއްދާ އަކީ ދަތުގައި ރިއްސުމަށް ވަރަށް ރަނގަޅުފަރުވާ އެކެވެ. އެއްސަމްސާ ރީނދޫ ފެންފޮދާކާ އެއް ކުރުމަށްފަހު ޕޭސްޓް ތައްޔާރު ކޮށްފައި ދަތް އުނގުޅާ ބުރުހަކުން ހިރުގަނޑުގައި އަދި ދަތްތަކުގައި މިޕޭސްޓް އުނގުޅާށެވެ. ދަތުގައި ރިއްސާނަމަ ވަރަށް އަވަހަށް ރަނގަޅުވާނެއެވެ.
މަތީގައި އެވަނީ ދަތުގައި ރިއްސާ އުނދަގޫވާނަމަ ގޭގައި ދެވިދާނެ ފަރުވާ ތަކެވެ. ގޭގައި އަމިއްލަ އަށް މި ފަރުވާތައް ދިނުމުން ދަތުގެ މައްސަލަ ހައްލު ނުވާނަމަ ދަތުގެ ޑޮކްޓަރަކަށް ދެއްކުން މުހިންމެވެ.