English Edition
Dhivehi Edition

ޑައިނަސޯ އަކީ މީގެ ކުރިން ދުނިޔޭގައި އުޅުނު ޖަނަވާރެއްކަން އެއީ ހަގީގަތަކެވެ. ނަމަވެސް އެނެތި ދިއުމާއި ބެހޭގޮތުން އެކިފަރާތްތަކުން ދައްކަނީ އެކި ވާހަކައެވެ. މީގެ ކުރިން ވިސްނިފައި އޮތީ ޑައިނަސޯތައް ފަނާވެ ދިޔައީ ދުނިއަށް ވެއްޓުނު ބޮޑެތި ގިނަހިލަ ނުވަތަ އެސްޓެރޮއިޑްގެ ސަބަބުން ކަމެވެ.

ޕޮޓްސްޑޭމް އިންސްޓިޓިއުޓް ފޯ ކްލައިމެޓް އިމްޕެކްޓް ރިސާޗުން ވަރަށްފަހުން ހާމަ ކޮށްފައިވާ ރިޕޯޓުގައި ވާގޮތުން ޑައިސޯ ނެތިދިޔައީ ގިނަހިލަތައް ދުނިޔެއަށް ވެއްޓި އޭގެ ސަބަބުން ދުނިޔޭގެ ހޫނުމިން ނިހާޔަތަށް ދަށްވެ އަދި ދުނިޔެމައްޗަށް ފެތުރުނު އަނދިރި ކަމެއްގެ ސަބުން ކަމަށެވެ.

ޖަރުމަނުގެ މިއިންސްޓިޓިއުންޓުން ނެރެފައިވާ “ޖިއޯފިޒިކަލް ރިސާޗް ލެޓާ” ޖާނަލްގައި ބުނެފައިވަނީ މީގެ 66 މިލިއަން އަހަރު ކުރިން ދުނިޔެއަށް ވެއްޓިފައިވަނީ 10 ކިލޯމީޓަރުގެ ބޮޑު މީޓިއޯއެއް ކަމަށެވެ. މީގެ ސަބަބުން ދުނިޔޭގެ މޫސުމަށް ވަރަށް ބޮޑިތި ބަދަލުތައް ކުރިމަތިވި ކަމަށް އޭގައި ހާމަކޮށްފައި ވެއެވެ.

މިގިނަ ހިލަ ވެއްޓި މެކްސިކޯގެ ހިސާބެއްގައި ބިޔަ ވަޅުގަނޑެއް އުފެދުނު ކަމަށާއި އޭގެ ފަހުން ދުނިޔޭގެ މައްޗަށް ފިނިކަން ވެރިވެގަތީ ވަރަށް ބޮޑަށް ކަމަށް މިދިރާސާގެ އިސްކޮށް ހަރަކާތްތެރިވި ޖޫލިއާ ބުރުއްގާ ބެނެފައި ވެއެވެ. މިއީ ޑައިނަސޯ ނެތި ދިއުމުގެ ސަބަބުކަމަށް ވެއެވެ.

ދުނިޔޭގެ ހޫނުމިން 26 ޑިގްރީގައި ހުރުމަށްފަހު ޖެހިގެން އައި ތިން އަހަރު ދުނިޔެ ފިނިވެގެން ދިޔައީ ވަރަށް ބޮޑަށެވެ. ލަފާކުރެވޭގުން ގާތްގަނޑަށް 5 ޑިގްރީއަށް ހޫނިމިން ވެއްޓިގެން ދިޔައެވެ. މީގެ ސަބަބުން ކަނޑުގެ ދިރުމަށް އަސަރުކޮށް އެތައް ގަހެއް މަރުވެގެން ދިޔައެވެ. އާދައިގެ ހާލަތައް ހޫނުމިން އައުމަށް ގާތްގަނޑަކަށް 30 އަހަރުވަރު ނެގިކަމަށް ވެއެވެ.

މީގެ ހެކި ފެނިފައިވަނީ ދުނިޔޭގެ ފަށަލަ ތަހުލީލު ކުރުމުގެ ތެރޭގައެވެ. މިގިނަ ހިލަ ވެއްޓުމާއެކު ސަލްފާ ކިޔާ މާއްދާއެއް ވައިގެ ތެރެއަށް ބޭރުވެ ސަލްފިއުރިކް އެސިޑު ވަރަށް ބޮޑަށް އިތުރުވެގެން ދިޔައެވެ. މީގެ ސަބަބުން އިރުގެ ދޯދިތައް ދުނިޔެއަށް ފޯރުން އެތަކެއް އަހަރެއް ވަންދެން ހުއްޓުނެވެ.

މިކަން ތަހުލީލު ކޮށްފައިވަނީ މިކަމަށް ޚާއްސަ ކޮމްޕިއުޓަރެއްގެ އެހީގައެވެ. ދުނިޔޭގެ ވައިގެ ފަށަލައާއި ކަނޑުތަކާއި އަދި އައިސް ހިމެނޭގޮތަށް ތައްޔާރު ކުރެވުނު މޫސުމުގެ މޮޑެލްއެއް ވަނީ ކޮމްޕިއުޓަރުގެ އެހީގައި ފަރުމާކޮށްފައެވެ. މިއިން ފާހަގަ ވެގެން ދިޔައީ ކަނޑުގެ މަތީފަށަލަ ވަރަށް ބޮޑަށް ފިނިވެ ފެންގަނޑު ޑެންސްވެ އަދި ބަރުވެގެން ދިއުމެވެ. ނުވަތަ ގަނޑު ހިފުމެވެ.

ފިނިވެފައި ހުރި ފެންފަށަލަ އަޑިއަށް ދިއުމުން ކަނޑުގެ އަޑީގެ ހޫނު ފެންފަށަލަ މައްޗަށް އަރާ އެތަކެއް މާއްދާތަކެއް މިއާއެކު މައްޗަށް އެރިއެވެ. މީގެ ސަބަބުން ފެނުގައި ވަރަށް ގަދައަށް ފެހިޖެހި އެވެ.

ޑައިނަސޯއަކީ އާދައިގެ މާހައުލަކަށް ހޭނިފައިވާ ޖަނަވާރެކެވެ. ދުނިޔެ މައްޗަށް ވެރިވި ގަދަފިންޏާއެކު ގަސްތައް ނެތިދިއުމުން އެއެއްޗިއްސަށް ބޭނުންވާ ކާނާ ނެތިގޮސް މަރުވެދިޔައީ ކަމަށް ދިރާސާކުރި ޓީމުން ބުނެފައި ވެއެވެ. މިހާދިސާގެ އެތަކެއް އަހަރުތަކެއް ފަހުން އިންސާނުން ދުނިޔޭގައި އުޅެން ފެށިއެވެ.

ދުނިޔޭގެ ދިރުން ގުޅިފައިވަނީ ދުނިޔޭގެ މޫސުން އޮންނަ ގޮތުގެ މައްޗަށްކަން އެއީ ޔަގީންވާ ކަމެކެވެ. މިހާރު ދުނިޔެއަށް މިކުރިމަތިވަނީ ފިނީގެ މައްސަލައެއް ނޫނެވެ. އިންސާނުންގެ ދިރިއުޅުމުގެ ވައްޓަފާޅީގެ ސަބަބުން ދުނިޔެ މިދަނީ ހޫނުވަމުންނެވެ. މިހޫނުކަން ނުހިފެހެއްޓި މައްޗަށް ދާނަމަ މިހާރު ދުނިޔޭގައި އުޅޭ ދިރުންތައް ފަނާވެދާނެ ކަމީ ޔަގީން ކަމަކެވެ.

ދުނިޔެ ހޫނުވަމުން އަންނަ އައުން އަދިވެސް ހިފަހައްޓާ ނުލެވެއެވެ. މިހުރިހާ ކަމެއް ކުރިމަތި ވަނީ އިންސާނުންގެ ސަބަބުންނެވެ.