English Edition
Dhivehi Edition

އަހިވަކަކީ ނިސްބަތުން ރާއްޖޭގައި ތިޔާގި އެއްޗެކެވެ. އެހެންނަމަވެސް އޭގެ ދުވާ ނުބައި ވަހެއްގެ ސަބަބުން އެނުކައި އުކާލައެވެ. އެކަމަކު އެއީ އުކައިލާން ހެޔޮވާވަރުގެ މޭވާއެއް ނޫންނެވެ. އެއީ އެއަށްވުރެ ފައިދާ ބޮޑު މޭވާއެކެވެ.

ހުތްފޮނި އަދި ކުޅި ރަހައެއްދޭ މި މޭވާ ހާބަނޑާހުރެ ކޮންމެ ދުވަހަކު ބޭނުން ކުރާ ކަމަށްވާނަމަ ހަށިގަނޑުގެ އެތެރޭގައި އުފެދޭ ވައިގެ އުދަގޫތައް ލުއިކޮށްދެއެވެ. އޭގައި ހުންނަ ރަހައާއި ޒާތެއްގެ ކުޅިކަން ފިލުވާލުމަށް ބައެއް މީހުން ހަކުރުއަޅައިގެން މޮޑެގެން ބޭނުންކުރެއެވެ. އަނެއްބައި މީހުން ޖޫސްގިރައިގެން ބޭނުންކުރެއެވެ.

އަހިވައް ޖޫސް ގަވާއިދުން ބޭނުންކުރާ މީހުންގެ ހަޖަމްކުރާ ނިޒާމް ރަނގަޅުކޮށްދެއެވެ. ރާއްޖޭގެ ބައެއް ރަށްރަށުގައި މިހާރުވެސް ގަވާއިދުން އަހިވަށް ބޭނުންކުރާ މީހުން މަދުން ނަމަވެސް އެބައުޅެއެވެ. އެމީހުން ބުނެފައިވަނީ އަހިވަކުގެ ސަބަބުން ވަރަށް ބޮޑަށް ލުއިލިބި ފަސޭހަވާ ކަމަށެވެ.

އަހިވަކުގެ 100 ގްރާމުން ދުވާލަކަށް މީހަކަށް ބޭނުންވާ ފައިބަރުގެ 55 އިންސައްތަ ލިއްބައިދެއެވެ. މީހަކަށް ދުވާލަކަށް ބޭނުންވާ ޕްރޮޓީންގެ 12 އިންސައްތަ ހިމެނެއެވެ. އޭގެ އިތުރަށް ވިޓަމިންއޭ، ވިޓަމިން ބީ، ވިޓަމިން ސީ، ޕޮޓޭސިއަމާއި، ކެލްސިއަމްއާއި، ސޯޑިއަމްއާއި، ދަގަނޑުގެ މާއްދާ އަހިވަކުގައި ހިމެނެއެވެ.

އަހިވަކާ ބެހޭ ދިރާސާއެއް ކުރުމަށްޓައި އެދިރާސާގެ ބައިވެރިންވަނީ މަހެއްހާދުވަސް ވަންދެން އަހިވައްޖޫސް ބޭނުންކޮށްފައެވެ. އެ ބޭނުންކުރުމުން ހަށިގަނޑުގައި ހިމެނޭ ސަރުބީގެ މިންވަރު ދަށްވެފައިވެއެވެ. މިފަދަ ދިރާތައް އެމެރިކާގެ ބައެއް ޔުނިވަރސިޓީތަކުގައިވެސް ހަދާފައިވެއެވެ.

އަހިވަކުގައި ހިމެނޭ މާއްދާއެއްގެ ސަބަބުން ލޭ ހޮޅިތައް ހުޅުވައިދެއެވެ. އޭގެ ސަބަބުން ލޭގެ ޕްރެޝަރ ދަށްކޮށްކުރުމަށް އެހީވެދެއެވެ. އަދި ގައިގެ ބައެއް ކަހަލަ ރިހުންތަކާއި، ދުޅަތައް ތިރިކޮށްލުމަށް އެހީވެދެއެވެ.

އަހިވަކަކީ ނާރުގެ ނިޒާމްވެސް ހަމައަކަށް އަޅުވާލައި އެ ނިޒާމަށް ދިމާވާ ބައެއް ކަންކަން ރަނގަޅުކޮށްލާ އެއްޗެކެވެ. އެގޮތުން ވިހެއުމުންނާއި އޮޕަރޭޝަން ކުރުމުން އިހުސާސްކުރަންޖެހޭ ތަދު ކުޑަކޮށްދެއެވެ. ބައެއް ކަހަލަ ބަލިތަކުގެ ސަބަބުން ނާރަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށްވެސް އަހިވަށް އެހީވެދެއެވެ. އަހިވަށާ ބޭނުންކުރުމުން ސިކުނޑީގެ މަސައްކަތަށްވެސް ލުއިކަމެއް ގެނެސްދޭ ކަމަށް ބައެއް ދިރާސާތަކުންވަނީ ދައްކައިފައެވެ. އަހިވައް ބޭނުންކުރުމުން މާޔޫސްކަމާއި، ހާސްކަމާއި، ކަންބޮޑުވުމާއި ބޮލުގައި ރިހުމާއި، އެލްޒީމާ ގެ އުދަގުލުން ސަލާމަތް ކޮށްދެއެވެ.

މިއީ ކުޑަކަމުދާ ނިޒާމްގެ ބަލިތަކަށްވެސް ލުއި ލިއްބައިދޭ މޭވާއެކެވެ. އޭގެ އިތުރަށް ޖިންސާ ގުޅުމުން އަރާ ބަލިތައް (ސިފިލިސް، ކިހުނު) ފަދަ ބަލިތަ ރަނގަޅު ކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. އެހެންނަމަވެސް އެފަދަ ކަމެއް ދިމާވެއްޖެނަމަ ހަމައެކަނި އަހިވަކަށް ބަރޯސާ ވުމުގެ ބަދަލުގައި ޑޮކްޓަރަށް ދައްކައިގެންވެސް ފަރުވާކުރާށެވެ.

އޭގެ އިތުރަށް ރަހިމުގެ ބައެއް މައްސަލަތަކާއި ޕްރޮސްޓޭޓް ބޮޑުވާ ބަލީގެ ސަބަބުން ޕްރޮސްޓޭޓްގެ ދުޅަތިރިކޮށް ލުމަށްވެސް އެހީވެދެއެވެ. އޭގެ އިތުރަށް މައްސަރު ކަންތައް ޖެހުމުން ކުރިމަތިލާންޖެހޭ ބަނޑުގެ ރިހުންތައް ލުއިކޮށްދެއެވެ. އޭގެ އިތުރަށް ލޭހޮޅިތަކާ ގުޅުންހުންނަ ބަލިތަކަށް ފަރުވާ ކުރުމަށްވެސް އަހިވަށް އެހިތެރިވެއެވެ. އޭގެ ތެރޭގައި ލޭމައްޗަށްދިއުމާއި، ވިންދު އަވަސްވުމާއި، އޭގެ ތަރުތީބުގެއްލުމުން އެކަމަށްވެސް އަހިވަށް އެހީތެރިވެދެއެވެ.

އަހިވަކަކީ އަރިދަފުސް ރޯގާ، ކެއްސުން، ކަރުތެރެ ހަލާކުވުން، އެލާރޖީ، އަދި ނޭވާހިއްލުން ފަދަ ބަލިތައް ތަހައްމަލް ކުރަމުންދާ މީހުންނަށް ލުއިލިބޭ އެއްޗެއް ކަމަށްވެއެވެ. އޭގެ އިތުރަށް ހަށިގަނޑުގެ ދިފާއީ ނިޒާމް ވަރަ=ުގަދަކުރުމުގެ މާއްދާއެއްވެސް އޭގައި ހިމެނޭ ކަމަށްވެއެވެ. އަހިވަކުގައި ހިމެނޭ މާއްދާއެއްގެ ސަބަބުން ހަށިގަނޑުގައި ހުދ ސެލްތައް އުފެއްދުން އިތުރުކޮށްދެއެވެ. އެއީ ބަލިތަކުން ދިފާޢުވުމުގެ ބާރު އިތުރުކޮށްދޭ ކަމެކެވެ.

އަހިވަކުން ޖުމްލަގިތެއްގައި ހަކުރުބަލި، ކެއްސުން، ކުޑަކަމުދާ ނިޒާމުގެ މައްސަލަތައް، މަސްވަރު ކަންތަކުގެ މައްސަލަތައް، ހުން، މޭގެ ބަލިތައް، މާބަނޑު ދުވަސްވަރު ރަހިމުން ބޭރުވާ ޑިސްޗާރޖްތައް، ބޯއެނބުރުން،ހަށިގަނޑު ދުޅަވުން، އާތުރައިޓިސް، ކެންސަރ، މައިގްރޭން،ބަނޑު ހަރުވުން ފަދަ ބަލިތައް ރަނގަޅު ކުރުމަށް އެހީތެރިވެދެއެވެ.

އަހިވަށް އެކަންޏެއްނޫނެވެ. އޭގައި ފަތާއި، މުލާއި، ތޮށްޓަކީވެސް ތަފާތު ބަލިތަކަށް ފަރުވާ ކުރުމަށް ބޭނުންކުރާ އެއްޗެކެވެ.