English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީން ހޯދި ކާމިޔާބީއާ އެކު ދިވެހިރާއްޖެ އަލިވިލެން މި ދަނީ މާ އުފާވެރި ، ރަން ރީނދުލުން ޖަރީވެފައިވާ ފަތިހަކަށް ކަމަށް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ހޯދި ކާމިޔާބީ ފާހަގަ ކުރުމަށް ލޮނުޒިޔާރަތްކޮޅު، އަޑިޕާކުގައި ބޭއްވި އުފާފާޅުކުރުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުން ހަވާލު ކުރި މަސައްކަތް މާތްﷲގެ އިރާދަފުޅާ އެކު ފުއްދަވައި ދެއްވާނެ ކަމަށާއި އެކަން ކުރާނީ “އަކުރުން އަކުރަށް، ރަނުން ރަނަށް” ކަމަށެވެ.

“މި ދިވެހިރާއްޖެ އަލިވިލެން މި ދަނީ މާ އުފާވެރި ފަތިހަކަށް. ރަން ރީނދޫއިން ޖަރީވެފައިވާ ފަތިހަކަށް. ދިވެހިރާއްޖޭގެ ރައްޔިތުންގެ އުންމީދީ ފަތިހަކަށް. އިރާދަ ކުރެއްވިއްޔާ ތިބޭފުޅުން އަޅުގަނޑުމެންނާ ހަވާލު ކުރައްވާފައިވާ މަސައްކަތް. އަކުރުން އަކުރަށް، ރަނުން ރަނަށް، ކޮށްދޭނަން،” މައްޗަންގޮޅީ މެދު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ރައްޔިތުން މިފަހަރު އިންތިޚާބުކޮށްފައި މިވަނީ ނަޒާހަތްތެރި މަޖިލީހެއްކަމަށެވެ. އަދި އެވާޖިބު އަދާކޮށްދޭނެކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި މިކާމިޔާބީއަކީ ރައްޔިތުންގެ ކާމިޔާބީއެއްކަމަށް ނަޝީދު ވިދާޅުވިއެވެ.

“ތިޔަބޭފުޅުން އަޅުގަނޑުމެންނާ ހަވާލުކޮށްދެއްވާފައިވާ މަސައްކަތް އަކުރުން އަކުރަން ރަނުން ރަނަށް ކޮށްދޭނަން. އަޅުގަނޑުމެންގެ އެންމެ އިސްވާޖިބަކީ ސަރުކާރަށް ދެމެހެއްޓެވިނި އޮމާންކަން ގެނައުން. ހަމަޖެހުން ގެނައުން. އަޅުގަނޑުމެންގެ އެންމެ މުހިންމު ބޭނުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރު އަމާންކަމާއި އޮމާންކަމާއެކު ހަމަޖެހުމާއެކީގައި ހިނގަމުންދިޔުން.” ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ރައްޔިތުން ދިން ތާޢީދާއެކީގައި އެމަސައްކަތް ރައްޔިތުންނަށް ކޮށްދޭނެކަމަށެވެ. ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވުމަށް ބޭއްވި އިންތިޚާބުގައި އެމްޑީޕީއަށް ވަނީ ސުޕަމެޖޯރިޓީ ލިބިފައެވެ.