English Edition
Dhivehi Edition

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ފާޑުވިދާޅުވަމުން، ނޭވާ ހައްޓަށް ނުފެތިގެން އުޅުއްވަން ޖެހިވަޑައިގަންނަވަނީ ސިޔާސީ ކަންކަމާ އަދިވެސް އުޅުއްވާތީ ކަމަށާ މިކަމާ (ސިޔާސީ) ކަންކަމާ ނޫޅުއްވާ މަޑުން ހުންނެވުމަށް ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

ހަމަ ނޭވާ ލެއްވޭނީ މަޖިލީސް ލިބިގެން ކަމަށް ޔާމީން ވިދާޅުވެފައިވާ ވިދާޅުވުމަށް ފާޑު ކިޔުއްވަމުން ކެމްޕޭން ޖަލްސާއެއްގައި ރޭ ނަޝީދު ވިދާޅުވީ ރައީސް ޔާމީނު މަސައްކަތް ކުރެއްވީ އެމަނިކުފާނުގެ މުށްފުޅަށް ހުރިހާ ބާރެއް ޖަމާ ކުރައްވައިގެން ރައްޔިތުން ބިރު ގަންނަވައިގެން ވެރިކަން ކުރެއްވުމަށް ކަމަށެވެ.

މައްޗަންގޮޅި ދާއިރާތަކަށް ވާދަ ކުރާ އެމްޑީޕީގެ ކެންޑިޑޭޓުންގެ ކެމްޕޭނު ޖަލްސާގައި މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ނަޝީދު އިތުރަށް ވިދާޅުވީ ‘މިހާރު މިޔުޒިކު ނިމިއްޖެ ކަމަށާ ރައީސް ޔާމީނު ދެން އިށީނދެ ވަޑައިގަންނަވަން’ ވީ ކަމަށެވެ.

ރައީސް ޔާމީނަށް ތާއީދު ނެތްކަން ހާމަ ކުރައްވަމުން ނަޝީދު ވިދާޅުވީ ވެރިކަމުގެ އާރާ ބާރުގައި ހުންނަވައިގެން އިންތިހާބަށް ވަޑައިގަތުމުން ވެސް މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މެޖޯރިޓީ ނަންގަވާފައި ކަމަށެވެ.

މި ޖަލްސާގައި ނަޝީދު ވަނީ އެމްޑީޕީގެ އެޖެންޑާ 19 ކާމިޔާބު ކުރުމަށްޓަކައި އެޕާޓީން ނުކުމެ ތިބި ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފައެވެ.