އެޕްރީލް މަހުގެ 6 ވަނަ ދުވަހު ރާއްޖޭގެ ހުރިހާ ހިސާބެއްގައި ބޭއްވޭ 19 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބަށް މުޅި ރާއްޖެ މިވަނީ ތައްޔާރުވެފައެވެ. ކެންޑިޑޭޓުންނާއި ސަޕޯޓަރުން އަދި ސިޔާސީ ޕާޓީތަކުން ތަފާތު ސްލޯގަން ތަކުގައި ކެނޑިނޭޅި މަސައްކަތް ކުރަމުން ގެންދަނީ އެންމެ ފަހު ވަގުތާއި ހަމައަށް ވެސް ހިތްވަރާއެކު ފޯރިގަދަ ކެމްޕެއިނެއް ކޮށް އިންތިޚާބުގައި ކުރި ހޯދުމެވެ. މަޖިލިސް ގޮނޑި ކާމިޔާބު ކުރުމެވެ.
އިންތިޚާބުގެ ފޯރި އެންމެ ގަދަވެފައިވާ އިރު މި ބަލާލަނީ ހިތަދޫ ދެކުނު ދާއިރާއިން މަޖިލިހުގެ ގޮނޑިއަށް ވާދަކުރައްވަވާ ކެންޑިޑޭޓް އިބްރާހިމް ނާޒިލަށެވެ. “އެންމެން އެކުގައި” ގެ ސްލޯގަން އާއެކު އެމްޑީޕީގެ ޕްރައިމަރީގައި ކާމިޔާބު ކޮށް މަޖިލިސް އިންތިޚާބަށް “އެޖެންޑާ 19” ކާމިޔާބުކޮށް ދެއްވުމަށް މަސައްކަތް ކުރައްވަވަމުން ގެންދަވާ ސ.ހިތަދޫ ނާއިލީ މަންޒިލް ނާޒިލުގެ ވަނަވަރަށެވެ.
ނާޒިލް އަކީ އައްޑޫސިޓީ ހިތަދޫގެ ގިނަ ބަޔަކަށް އާ މޫނެއް ނޫނެވެ. ސްކޫލު ދުވަސްވަރުން ފެށިގެން ތަފާތު ގިނަ ހަރަކާތްތަކުން ފެންނަ ނާޒިލް އަކީ އެމް.ޑީ.ޕީގެ އައްޑޫ ހިތަދޫ ދެކުނު ދާއިރާގެ ރައީސެވެ. ޕާޓީގެ އިސް ސަފުގައި، ސިޔާސީ ކަންކަމުގައި ބުރަކޮށް މަސައްކަތް ކުރައްވަވަމުން ގެންދަވާ ހީވާގި ބޭފުޅެކެވެ. ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާގައި ކުޅަދާނަ ހުނަރުވެރި، ޒުވާން ވިޔަފާރިވެރިއެކެވެ. އެންމެނާ ގުޅޭ، ހިތް ހެޔޮ، މަޑުމައިތިރި ޒުވާނެކެވެ.
ނާޒިލްގެ ތަޢުލީމީ ޙަޔާތް ފެށިފައިވަނީ އަމިއްލަ ރަށުންނެވެ. ސ.އަތޮޅު ތަޢުލީމީ މަރުކަޒުން ފަށައިގެން، ސަދަން ސެކަންޑްރީ ސްކޫލުން ސާނަވީ ތަޢުލީމު ނިންމާލިއިރު، އެއީ އެ ސްކޫލުގެ ބެސްޓް އޯލް ރައުންޑް ކެޑޭޓެވެ. ސްކޫލު ނިމިގެން ނާޒިލް ނިކުތީ ސްކޫލް ކެޑޭޓުން ދެވޭ އެންމެ ފަޚުރުވެރި ލަގަބާއެކުގައެވެ. ނާޒިލްގެ ލީޑަރޝިޕްގެ ފެށުމަކީ އެއީއެވެ!
“އެއަށްފަހު މާލެއަށް މިސްރާބު ބަދަލުކުރީ. މަތީ ތަޢުލީމާއި ވަޒީފާއާއި ހުރިހާ ކަމެއް އޮތްތަނަކީ އެއީ ކަމަށް ވީމާ. އަބަދުވެސް ކޮންމެވެސް ކަހަލަ ތަފާތު ދާއިރާއަކުން ކުރިއަށް ގޮސް އަމިއްލަ ފައިމައްޗަށް ތެދުވުމުގެ އުއްމީދު ކުރަމުން ދިޔައީ. ބައެއްގެ ވަޒީފާއަށް ބަރޯސާ ވެގެން ހުރުމަށް ވުރެ އަމިއްލަ މަސައްކަތެއް ފެށުމުގެ ހުވަފެން ދެކެމުން ދިޔައީ” އާއިލާގައި ގިނަ ކުދިން ތިބިއިރު އެންމެ ދޮށީ ބޭބެ އެއްގެ ހައިސިއްޔަތުން ނާޒިލް ކުރަމުންދިޔަ އުއްމީދަކީ އެއީއެވެ. ބުރަކޮށް މަސައްކަތްކޮށް ކާމިޔާބު މީހަކަށްވެ، އާއިލާ ބެލެހެއްޓުމުގައި މަންމައާއި ބައްޕައަށް އެހީވުމެވެ.
މި އުއްމީދުގައި ނާޒިލް ފެއްޓެވި މަސައްކަތުގައި އާމްދަނީ ހޯދުމަށް އެންމެ ފުރަތަމަ ނާޒިލް އަދާކުރެއްވީ ރާއްޖޭގެ ރިސޯޓެއްގެ ފައިނޭންސް އޮފީހުގެ މަސައްކަތެވެ. އޭގެ ފަހުން ނިއުޒިލޭންޑްން ލިބުނު ސްކޮލަރޝިޕުގެ ފުރުޞަތުގެ ދަށުން ކޮންސްޓްރަކްޝަން ޓެކްނޮލޮޖީގެ ދާއިރާއިން ނާޒިލް ވަނީ މާސްޓާސް ހައްދަވާފައެވެ.
” އަމިއްލަ މަސައްކަތެއް ކޮށް އަމިއްލައަށް ކުރިއަރަން ބޭނުންނަމަ ޓޫރިޒަމަށް ވުރެ ކޮންސްޓްރަކްޝަން ދާއިރާ މުހިއްމު ކަމަށް ވިސްނުނީ. އެއީ ފުދޭވަރެއްގެ ޗެލެންޖެއް. އެއްވެސް ތަޖުރިބާއެއް ނެތި މި ދާއިރާއިން ތަޢުލީމު ހޯދަން ޖެހުން. އެކަމަކު މިއަދު ވަރަށް އުފާވޭ އެގޮތަށް ކުރިއަށް ދާން ނިންމުނީތީ” ހިތްވަރާއެކު ފެށި އެ މަސައްކަތުން ނާޒިލް ވަނީ މިދާއިރާގައި ރާއްޖޭގެ ކާމިޔާބު އެހެން ވިޔަފާރިތަކާ ވާދަކުރެވޭ ފެންވަރުގެ ފަރާތަކަށް ވެފައެވެ.
ކޮންސްޓްރަކްޝަން ދާއިރާއިން ރާއްޖެއިން ބޭރުގައި ލިބިލެއްވި ތަޢުލީމާއެކު އެނބުރި ރާއްޖެ އައިސް، އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީގައި، ކޮންސްޓްރަކްޝަން މެނޭޖަރެއްގެ ވަޒީފާ އަދާކުރައްވަން ނާޒިލް ފެށްޓެވިއެވެ. އެ ވަޒީފާގައި ހީވާގިކަމާއެކު 3 އަހަރު ދުވަހު ކުރި ކާމިޔާބު މަސައްކަތަށް ފަހު އަމިއްލަ ކުންފުންޏަކާ ދިމާލަށް ނާޒިލްގެ މިސްރާބު ބަދަލުކޮށްލިއެވެ.
އެގޮތުން ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތް ކުރުމަށް ކުންފުންޏެއް އުފައްދައި އެމަސައްކަތް ނާޒިލް ފެއްޓެވިއެވެ.
“ކޮންމެ ޕްރޮޖެކްޓެއްވެސް ނިންމާލާފައިވާނީ ކާމިޔާބުކަމާއިއެކު” އާދައިގެ ގޮތަކަށް ފެށި ކުންފުނީގެ މަސައްކަތް ހިއްވަރާއެކު ކާމިޔާބުކޮށް ނާޒިލް ވަނީ މިދާއިރާގައި ގާބިލް މީހަކަށް ވެ އޭނާގެ ހުވަފެން ހަޤީޤަތަކަށް ހަދާފައެވެ.
” ސިޔާސީ ހަރަކާތްތައް ރާއްޖޭގައި ފެށުނު ހިސާބުން ފެށިގެން ވެސް އެމް.ޑީ.ޕީއަށް ވަރަށް ސަޕޯޓް ކުރަން. އެމް.ޑީ.ޕީ ސަރުކާރު ވެއްޓީ އުފެދުނު ސިޔާސީ ހަމަނުޖެހުމުގެ ދުވަސްވަރު ބައިވޯޓާރ އިން އައްޑޫގައި ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާ ނިޒާމުގެ ޕްރޮޖެކްޓްގެ ތެރެއިން ކުރަން ޖެހުނު މަސައްކަތެއްގައި އައްޑޫގައި ހުއްޓާ އެއްވެސް ކަމަކާ ނުލައި ސިޔާސީ ކުއްވެރިއެއްގެ ގޮތުގައި ފުލުހަށް ގެންދިޔަ ހިސާބުން އިތުރު ހިތްވަރެއް ލިބުނީ. އޭރު ބަންދުން ސަލާމަތް ކޮށްދޭން ވެސް އެންމެ ގާތުން މަސައްކަތް ކޮށްދިނީ އެމް.ޑީ.ޕީގެ އައްޑޫގެ އިސްފަރާތްތަކުން. ފުލުހުންގެ އަތްދަށުން މިނިވަންވެގެން އައިސް ވަގުތުން ޕާޓީގެ ހަރަކާތްތަކުގައި އިސްވެ ހުރެ ޕާޓީ ރޫހުގައި މަސައްކަތް ފެށީ”
އެހާ ހިސާބުން ނާޒިލްގެ ފަރާތުން ގިނަ ޚިދުމަތްތަކެއް އެމް.ޑީ.ޕީއަށް ކޮށްދެއްވަން ފެއްޓެވިއެވެ. ޖަގަހަތައް ނެތް ބައެއް ތަންތަނުގައި ޖަގަހަ ހަދައި ދެއްވުމާއި އެތަންތަނަށް ބޭނުންވާ ސާމާނު ހޯއްދަވައި ދެއްވުމުގެ އިތުރުން ޕާޓީ ޕްރޮމޯޓުކޮށް ކެމްޕެއިން ހަރަކާތްތަކުގައި ކުރީ ސަފުން ނާޒިލް ފެންނަން ފެށިއެވެ.
މިގޮތުން ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބުގައި ބުރަކޮށް ކުރެވުނު މަސައްކަތަކީ ޕާޓީގެ ކަންކަން ރަނގަޅަށް އެނގި ދަސްވެ، ޕާޓީގެ މީހުންނާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރެވުނު ދުވަސްތަކެއްކަމަށް ނާޒިލް ކިޔައިދެއްވިއެވެ.
“އެހާ ހިސާބުން އެމް.ޑީ.ޕީގެ ހިތަދޫ ދެކުނު ދާއިރާގެ ރައީސެއްގެ ގޮތުގައި މަސައްކަތް ފެށީ. ދޭތެރެ ދޭތެރެއިން އައްޑޫއަށް އައި ނަމަވެސް މަސައްކަތުގެ ގޮތުން އުޅެން ޖެހެނީ މާލޭގައި. މާލޭގައި އުޅެމުން ދާއިރާ ރައީސެއްގެ ގޮތުގައި މަސައްކަތް ކުރަން މާ ބޮޑަށް ފަސޭހަ. ޕާޓީގެ ގައުމީ މަޖިލިހުގެ ކަންކަމުގައި ފަސޭހަ ކަމާއެކު މަސައްކަތް ކޮށް އެކަންކަމަށް ވަގުތު ދެވޭ” ނާޒިލް ކިޔައިދިނެވެ.
އަމިއްލަ ވިޔަފާރީގައްޔާއި ސިޔާސީ ދާއިރާގައި ކުރަމުންދާ ކާމިޔާބު މަސައްކަތްތަކާއި ތަޖުރިބާ ތަކާއެކު މިހާރު ނާޒިލްގެ މިސްރާބު ހުރީ 19 ވަނަ ރައްޔިތުންގެ މަޖިލިހަށެވެ. މަޖިލިހުގެ އިންތިޚާބުގައި އެމްޑީޕީގެ ޕްރައިމަރީން ލިބިލެއްވެވި ކާމިޔާބީ އާއެކު އަމިއްލަ އުފަން ރަށުގެ އަމިއްލަ ދާއިރާ ކަމަށްވާ ހިތަދޫ ދެކުނު ދާއިރާއިން މަޖިލީހުގެ ގޮނޑިއަށް ވާދަކުރައްވައި އުފަން ފަސްގަނޑަށް އިތުރަށް ޚިދުމަތްކޮށް ދިނުމުގެ ހެޔޮ ނިޔަތާއެކުގައެވެ. ދާއިރާގެ މަޖިލިސް ގޮނޑި ކާމިޔާބު ކުރެވިއްޖެނަމަ ސަރުކާރުތެރެއިންނާއި އަމިއްލަ ގޮތުންވެސް، ގިނަ ކުރިއެރުންތަކެއް ހޯދައިދެވޭނެ ކަމުގެ ޔަގީންކަމާ އެކުގައެވެ. އެފަދަ ފުރުސަތެއްގެ އުއްމީދުގައެވެ. އުމުރާނީ ގޮތުން އައްޑޫއަށް ކުރިއެރުން ބޭނުންވަނީ ކޮންކޮން ގޮތަކުންތޯ ބަލައި އެމަސައްކަތް ކޮށް، އައްޑޫއަށް ތަރައްޤީ ހޯދައިދެވޭނެ ގޮތަށް މަސައްކަތް ކުރުމުގެ ތަޖުރިބާ ވެސް ހުރުމުންނެވެ.
ކެންޑިޑޭޓް ނަމްބަރު 3، ނާޒިލް ބޭނުންވަނީ ފުރުސަތެކެވެ! ގައުމަށް ޚިދުމަތް ކުރުމަށެވެ..! ރައްޔިތުންނަށް ޚިދުމަތް ކުރުމަށެވެ..! އަދި ހަމަ އެހެންމެ އަމިއްލަ ރަށާއި އަމިއްލަ ދާއިރާއަށް ފަހި މުސްތަގުބަލެއް ހޯދައިދިނުމެވެ..!