English Edition
Dhivehi Edition

އައްޑޫ ސިޓީއަކީ މާލެ ފިޔަވައި ރާއްޖޭގައި އެންމެބޮޑު އާބާދީއެއްއޮތް ސިޓީއެވެ. އާބާދީއާ އެއްމިނުން އެއްގަމުގައި ދުއްވާ އުޅަނދުފަހަރުވެސް މި ސިޓީގައި ގިނައެވެ. އެހެންކަމުން އައްޑޫގެ މަގުތައް އަމާންތަންތަނަށް ހަދަންޖެހެއެވެ.

ރާއްޖޭގެ ނިސްބަތުންވެސް އެންމެ ގިނަ ނުރައްކާތެރި މަގުމަތީ އެކްސިޑެންޓްތައް ހިނގާފައި ވަނީ އައްޑޫ ސިޓީގައިކަން ރިކޯޑް ތަކުން ދައްކައެވެ. ރެކޯޑުތަކަށް ބަލާއިރު 2012 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރުގެ ނިޔަލަށް ނުރައްކާތެރި 375 އެކްސިޑެންޓް އައްޑޫގައި ހިނގައިފައިވެއެވެ. މި އެކްސިޑެންޓްތަކުގައި 15 އަށް ވުރެ ގިނަ މީހުން ނިޔާވެފައިވެއެވެ. އައްޑޫސިޓީގައި 2015 ވަނަ އަހަރު ހެދި ދިރާސާއަކުން ދައްކާގޮތުން އެވްރެޖްކޮށް ކޮންމެ މަހެއްގައި 09 އެކްސިޑެންޓް އައްޑޫގައި ހިނގައެވެ. އެ ކްސިޑެންޓުތަކުގައި އަހަރަކު އެވްރެޖްކޮށް 05 މީހުން މަރުވަމުން ދިޔަކަން އެ ރިކޯޑްތަކުން ދައްކައިފައިވެއެވެ. މި އެކްސިޑެންޓުތަކުގައި 200 އަށްވުރެ ގިނަ އުޅަނދުފަހަރަށް އެކި ވަރުގެ ގެއްލުން ވެފައިވެއެވެ. އެ އުޅަނދު މަރާމާތު ކުރުމަށް އަހަރަކު މިލިއަނަކަށްވުރެ ގިނަ ދިވެހި ރުފިޔާ ހޭދަކޮށްފައިވާ ކަމަށް އެ ރޮކޯޑުތަކުން ދައްކައެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އައްޑޫގައި އެންމެގިނަ އެކްސިޑެންޓް ހިނގާފައިވައިވަނީ 2015 ވަނަ އަހަރުއެވެ. އެކްސިޑެންޓްތައް މަދުކުރުމަށްޓަކައި ތަފާތު އެކި މަސައްކަތްތައް އެކި ފަރާތްތަކާ ގުޅިގެންވަނީ ކޮށްފައެވެ. ފުލުހުން އިސްނަގައިގެން އައްޑޫގައި ބޭއްވި “ރައްކާ ރޯޑް ޝޯ” އާއި، ތާރަ އަޅައިގެން ހަދައިފައިވާ މަގުތަކުގައި ސްޕީޑް ބްރޭކަރ އެޅުމާއި، މަގުތަކުގައި ނިޝާންތަކާއި، ޓްރެފިކް ކުރެހުންތައް ކުރަހާފައިވެއެވެ. އެ މަސައްކަތުގެ ސަބަބުން ޖެހިގެން އައި އަހަރު ހިނގާފައިވާ އެކްސިޑެންޓްތަކުގެ އަދަދު މަދުކުރެވިފައިވެއެވެ.

އައްޑޫ ސިޓީގެ މަގުތަކަކީ އަމާން ރައްކާތެރި މަގުތަކަކަށް ހެދުމަށްޓަކައި ކަމާބެހޭ އެންމެހައި މުވައްސަސާތަކާ ގުޅިގެން ގިނަ މަސައްކަތަކެއް މިހާރުވެސް ގެންދަނީ ކުރަމުންނެވެ. މީގެ އިތުރަށް މިކަން ހާސިލް ކުރުމަށްޓަކައި އައްޑޫ ސިޓީގެ ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަން އިންތިހާ އަށް މިހާރެކޭ އެއްގޮތަށް ފުލުހުންނަށް ލިބެމުންދާނެ ކަމަށް އުންމީދު ކުރެވެއެވެ.