English Edition
Dhivehi Edition

ދަރިފުޅު އުފަންވުމާއެކު އެއިވޭ މަޑުމަޑު ރުއިމުގެ އަޑަކީ އެ ދަރިފުޅަށްޓަކައި އުފުލިހާ ބުރައަކާއި ވޭނެއް ހަނދާން ނެތޭ ފަދަ ހިތްހަމަޖެހުމެއް ލިބޭ އަޑެކެވެ. ދަރިންނަކީ ދުނިޔެ މަތީގައި ތިމާއަށް ލިބޭ އެންމެ ބޮޑު އުފާކަމުގައިވާ އިރު އެދަރިން ދުވެ، ހީ ސަކަރާތްޖަހާ މަންޒަރަކީ މައިންބަފައިންގެ ފުރާނައަށް އިތުރު ދިރުމެއް ގެނެސްދޭ އުފަލެކެވެ. އެހެން ނަމަވެސް މި އުފަލުން މަހްރޫމްވެ ދަރިފުޅު އެންމެ ފަހަރަކު މަންމާއޭ ކިޔާފައި ގޮވާލާނެ ވަގުތަކަށް އިންތިޒާރުކުރަމުންދާ އެތައް މައިންނެއް މިއަދު އަޅުގަނޑުމެންގެ ތެރޭގައި އުޅެމުން ދެއެވެ.

ސ.މީދޫ ރޯނުގޭ އައިޝަތު ޒާހިރާ(ރަޝީދާ) އާއި ސ.މަރަދޫފޭދޫ ސިނަމާގެ މުހައްމަދު އިބްރާހީމްގެ ކައިވެންޏަށް ލިބުނު ތިންވަނަ ފިރިހެން ދަރިފުޅަށް ބަލިވެއިންކަން އެނގުނު ދުވަހުން ފެށިގެން ގަވާއިދުން ޑޮކްޓަރަށް ދައްކަމުން އައި ރަޝީދާ އަށް ކުއްލި ސިހުމެއް ލިބިގެން ދިއައީ ބަނޑުގައިވާ ދަރިފުޅުގެ ސިކުނޑިއާއި ވަރަށް ގާތުގައި ސިސްޓެއް އުފެދެމުން އަންނަކަން އެނގުނު ދުވަހުގައެވެ. އޭރު ބަނޑަށް އަށްމަހެވެ. ބަލިވެއިންކަން އެނގުނު ދުވަހުން ފެށިގެން އެ ދަރިފުޅާމެދު އެތައް ފޮނި އުއްމީދުތަކެއް ކުރަމުން އައި އެ މަންމަގެ ހިތް ހުއްޓުނު ކަހަލައެވެ. އެކަމުގެ ސަބަބުން ދަރިފުޅުގެ ފުރާނައަށް ނުރައްކާވެދާނެ ކަމުގެ ބިރާއެކު އެ މަންމަގެ ހުރިހާ ހަމަޖެހުމެއް ގެއްލިގެން ދިޔައެވެ. އެހެން ކުދިން ދުނިޔެއަށް އުފަންވުމާއެކު އެންމެ ފުރަތަމަވެސް މަންމަގެ ކަންފަތަށް އިވޭ އަޑަކީ އެދަރިފުޅުގެ ރުއިމުގެ އަޑެވެ. ނަމަވެސް އެ ތުއްތު ކުއްޖާގެ ރުއިމުގެ އަޑު އެހުމުގެ ނަސީބެއް ރަޝީދާއަކަށް ނުލިބުނެވެ. އެއްވެސް ހަރަކާތެއް ނެތި ހަމަ ހިމޭންވެފައިވާ އެ ކުޑަކުޑަަ ހަށިގަނޑު އެންމެ ފުރަތަމަވެސް ލާން ޖެހުނީ ނާސަރީ އަށެވެ.

ޒައުލް އަށް ދިމާވެފައިވާ ސިއްހީ މައްސަލައަކީ، ސިކުނޑި ކައިރީގައި އުފެދުނު ސިސްޓެއްގެ ސަބަބުން ސިކުނޑީގެ ނާރުތައް ރަނގަޅަށް އުފެދިފައި ނެތުމުން ދިމާވެފައިވާ މައްސަލަތަކެއް ކަމަށް ޑޮކްޓަރުވަނީ ބުނެފައެވެ. މިކަމުގެ ސަބަބުން ޒައުލްވަނީ ސިއްޙީ އެތައް މައްސަލަތަކަކާއި ކުރިމަތިވެފައެވެ. ފައިތިލަ އެނބުރި އަތުގެ އިނގިލިތައް ނުހުޅުވޭ އިރު ސިކުނޑި ބޮޑުވާން ވާ ވަރަށް ބޮޑުވެފައި ނެތް އެ ތުއްތު ޒައުލް ދުވާލަކު އެތައް ފަހަރު ފިޓްޖެހުމުންދާއިރު ގައިގައި އަޅާވޭނާއި ތަދު އެ މޫނުމަތިން ފެންނަމުން ދެއެވެ.

” ދުވާލަކު އެތައް ފަހަރު ފިޓްޖެހޭ. އަބަދު ކައިރީގަ މީހަކު ހުންނަންޖެހޭ. ރޭގަނޑު ރަނގަޅަށް ނުވެސް ނިދޭ.” ޒައުލްގެ މަންމަ ބުންޏެވެ. މި އަހަރު ޖޫން މަހު ދެއަހަރުފުރޭ ޒައުލްގެ ކަނދުރާ އަދިވެސް ހަރެއްނުލައެވެ. އަމިއްލައަށް ތަނެއްގައި އީށީނދެ ނީދެވޭ އެ ތުއްތު ދަރިފުޅު ތަނެއްގައި ބާއްވާފައި އޮންނަ އިރު އެއްވެސް ހަރަކާތެއް ނުކުރެއެވެ. އުފަންވި ދުވަހުން ފެށިގެން މިއަދާއި ޖެހެންދެން އެ ދަރިފުޅުގެ ކިބައިން ފެންނަމުންދަނީ ހަމަހިމޭންކަމެވެ.

ބޮލުގެއެތެރޭގައި އުފެދެމުން އައި ސިސްޓު ނެގުމަށް އުފަންވިތާ 14 ވަނައަށް ވީ ދުވަހު އިންޑިއާގެ ކިމްސް ހޮސްޕިޓަލުގައި އޮޕަރޭޝަން ކުރެވުނެވެ. އެހެން ނަމަވެސް މި އޮޕަރޭޝަންގެ ސަބަބުން ޒައުލްއަށް ލިބުނު މާ ބޮޑު ލުޔެއް ނެތެވެ. ދުވާލަކު އަތެއް ފަހަރަކު ފިޓްޖެހެމުންދާއިރު ކޮންމެ ތިންމަހުން އެއް މަހު ދަރިފުޅުގެ ސިކުނޑީގެ ހާލަތު ބެލުމަށް އެމްއާރްއައި ހަދައި އިތުރު ޓެސްޓުތައް ކުރުމަށް ޑޮކްޓަރުވަނީ ލަފާ ދެއްވާފައެވެ. ކުރިން އިންޖެކްޝަން ޖަހަމުން ދިޔަ އިރު ފިޓްޖެހުން މަދުވެ ޒައުލްގެ ހާލަތު ވަރަށް ބޮޑަށް ރަނގަޅުވެގެން ދިޔައެވެ. އަމިއްލައަށް ހީނލާ އަޑުލައްވާ ހެދި ނަމަވެސް ޑޮކްޓަރު ބުނަމުން ދިޔައީ އެހާ ބާރު ގަދަ އިންޖެކްޝަނެއް ދިނުން އެއީ ދާއިމީ ހައްލެއް ނޫންކަމުގައެވެ.

“ފަހުން ޑޮކްޓަރު ދިނީ ބޭސް. އެއް މަސް ދުވަހަށް ބޭނުންކުރަން. އެއް މަސް ފަހުން ޑޮކްޓަރަށް ދައްކަން ޖެހެނީ. އެކަމަކު މިހާރު ބޭސް ހުސްވެ ހަތަރު މަސްވެއްޖެ. މިހާރު މާ ގިނައިން ފިޓްޖެހޭ. އަޅުގަނޑުމެންގެ މާލީ ހާލަތު ހުރި ގޮތުން އަދިވެސް ރާއްޖެއިން ބޭރަށް ނުދެވުނު ނަމަވެސް މިތާގެ ޑޮކްޓަރުންނަށް ދައްކަން. އެކަމަކު ޒައުލްއަށް އެކަމުން އިތުރު ލުޔެއް ނުލިބޭ” ޒައުލްގެ މަންމަ ބުންޏެވެ.

ޒައުލްގެ ބައްޕަ މުހައްމަދު އަށް ލިބޭ މަދު އާމްދަނީ ކޮޅުން ތިންކުދިންގެ ހަރަދު ބަލަހައްޓަމުން ދާއިރު ޒައުލްގެ ފަރުވާއަށް އެމީހުން ވަނީ ދީލަތި ފަރާތްތަކުގެ އެހީއަށް ބޭނުންވެފައެވެ.

” ޒައުލް އަށް ބޭނުންވާ ބައެއް ބޭސްތައް އާސަންދައިން ލިބޭ. އެކަމަކު ހިތަދޫ ހޮސްޕިޓަލުން ދޭ ލިޔުމަށް އާސަންދަ ނުލިބޭތީ މާލޭގައި މަޑުކޮށްގެން އައިޖީއެމްއެޗް އިން ލިޔުން ހޯދަންވެސް ދުވަސް ނަގާ. ތަނެއް ކުއްޔަށް ހިފައިގެން މާލޭގަ މަޑުކުރުމަކީވެސް އަތުން ހިނގާ ހަރަދެއް. ދަރިފުޅު ޑޮކްޓަރަށް ދައްކާ ނިމެންދެން ރާއްޖެއިން ބޭރުގައި މަޑުކުރުމަށްވެސް ވަރަށް ބޮޑު ހަރަދެއް ހިނގާ” ރަޝީދާ ބުންޏެވެ.

ޒައުލްގެ ބަލި އެއްކޮށް ފަސޭހަ ނުވިނަމަވެސް ޑޮކްޓަރުވަނީ ޒައުލްއަށް ރަގަޅު ފަރުވާއެއް ކުރެވި ފިޓްޖެހުން ހުއްޓުވިއްޖެ ނަމަ އެ ތުއްތު ކުއްޖާއަށް ދިމާވަމުންދާ ސިއްޙީ އެހެން މައްސަލަތަކަށްވެސް ހައްލު ލިބިގެންދާނެކަމުގައެވެ. ކިތަންމެ ބޮޑު ގުރުބާނީއެއްވެގެންވެސް ދަރިފުޅުގެ ބައްޔަށް ލުޔެއް ހޯދައިދިނުމަށް ޒައުލްގެ މައިންބަފައިން ދަނީ މަސައްކަތްކުރަމުންނެވެ.

އެ ތުއްތު ކުއްޖާގެ ހަށިގަނޑުގައި އަޅަމުންދާ ވޭނާއި ކެކުޅުން ލުއިކޮށްދިނުމަށް ތިޔަ ފަރާތްތަކުގެ ދީލަތި އެހީއަށް އެ އާއިލާއަށް ވަނީ ނުހަނު ބޭނުންވެފައެވެ. މި ކުޑަކުޑަ އާއިލާ އަށް އެހީތެރިވާން ބޭނުންފުޅުވާ ފަރާތްތަކުން 7505384 މި ނަންބަރަށް ގުޅައިގެން ކުރިއަށް ގެންދިއުމަށް އާއިލާއިން އެދެއެވެ. އަދި ފައިސާގެ އެހީ ދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން އައިޝަތު ޒާހިރާގެ ބީއެމްއެލް އެކައުންޓް 7701166339101އަށް ފައިސާ ޓްރާންސްފާ ކުރެވޭނެއެވެ.

ދުޢާ އަކީ މުސްލިމުންގެ އެންމެ ބާރުގަދަ ހަތިޔާރުކަމުގައިވާ އިރު އެހީވެވެން ނެތް ފަރާތްތަކުން އެ ދަރިފުޅަށް އަވަސް ޝިފާއެއް ދެއްވާތޯ ދުޢާކޮށް ދެއްވާށެވެ.