English Edition
Dhivehi Edition
ފުލުހުން މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންސްޕެކްޓާ ސާމިހު: ފޮޓޯ: މިހާރު

ފުރާޅެއް މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ޒުވާން އަންހެން ކުއްޖާ ވެއްޓުމުގައި އެހެން މީހެއްގެ އަތެއް ނެތް ކަމަށާއި ބެލެވެނީ ތިބީ މަސްތުގެ ހާލަތުގައި ކަމަށް ފުލުހުން ރޭ ބުނެފިއެވެ.

މި ހާދިސާގެ ރިޕޯޓްކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ހެނދުނުގައެވެ. ހާދިސާގައި ފުރާޅު މައްޗަށް ވެއްޓިފައި އޮތީ 21 އަހަރުގެ ޙައްވާ ޔުމްނާއެވެ.

މި ހާދިސާ އާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ފުލުހުން ރޭ، ކުއްލި ގޮތަކަށް ބޭއްވި “ކްލޯސްޑޯ” ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ހާދިސާ ހިނގި ވަގުތުގެ ސީސީޓީވީ ފުޓޭޖުތައް ވަނީ ދައްކާފައެވެ.

ފުލުހުން ކިޔައިދިން ގޮތުގައި އެރޭ ޔުމްނާއާ އެކު އިތުރު ހަތް މީހަކު އުޅުނެވެ. އެއީ، ޖުމުލަ ތިން އަންހެނުންނާއި ފަސް ފިރިހެނުންނެވެ. އެ މީހުން އެރޭ 12:30 އެހާކަންހާއިރު ގޮސް ވަނީ މާލޭގެ މެދުތެރޭގައި ހުރި ގެއަކަށެެވެ. އެ ގެއިން އެ މީހުން ނުކުތީ 3:40 އެހާކަންހާއިރެވެ. އެއަށް ފަހު، އޭގެ ތެރެއިން ހަތަރު މީހަކު 4:00 އެހާކަންހާއިރު ގޮސް އަމީނީ މަގުގައި ހުރި ގެއަކަށް ވަނީ ކަމަށް ފުލުހުން ބުންޏެ

ފުލުހުން ރޭ ދެއްކި ފުޓޭޖުން ފެންނަ ގޮތުގައި އަނިޔާވި އަންހެން ކުއްޖާ އާއި އޭނާއާ އެކު ހުރި އުމުރުން 21 އަހަރުގެ އެހެން ފިރިހެން ކުއްޖަކު މަގުމަތީ ހުސްފައިގައި ހިނގާފައި ދެ އެވެ. އެ އަންހެންކުއްޖާ ހިނގާފައި ދަމުން ބުރުޒުމަގުގައި ހުރި ގެއަކަށް ވަންނަތަން ފުޓޭޖުން ފެނެ އެވެ. އޭނާގެ ފަހަތުން ފިރިހެން ކުއްޖާ ވެސް ދުވެފައި އެ ގެއަށް ވަދެ އެވެ. އެ މީހުންގެ އަމަލުތައް ހުރި ގޮތުން ވެސް ތިބީ މަސްތުގެ ހާލަތުގައި ވެސް ސާފުވެ އެވެ. އެއީ ހިނގާފައި ދިޔައިރު އަރިއަޅާލާ މަންޒަރު ފެންނާތީ އެވެ

.ޔުމްނާއާއި ފިރިހެން މީހާއާ ދެ މީހުން ދެން ވަންނަނީ އެ ހިސާބުގައި ހުރި އެ މީހުންނަށް އެއްވެސް ގުޅުމެއް ނެތް ގެއަކަށް ކަމަށް ފުލުހުން ބުންޏެވެ.

އެ މީހުން އެ ގޭގެ ސިޑިގޮޅީގައި ތިބި މަންޒަރު ފެނެއެވެ. އަދި، އެ ތަނުގައި އެ މީހުން ބަދުއަހުލާގީ އަމަލު ހިންގާ މަންޒަރު ވެސް ވީޑިއޯއިން ފެނެއެވެ. އެ މީހުން އެ ވަގުތު ތިބީ މަސްތުގެ ހާލަތުގައި ކަމަށް ފުލުހުން ބުންޏެވެ. އެ ގޮތުން، އެ ފިރިހެން މީހާ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާއިރު އަންހެން ކުއްޖާގެ ވަގުތީ ނަތީޖާ ވެސް ޕޮޒިޓިވްވި ކަމަށް ފުލުހުން ބުންޏެވެ.

ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި ޔުމްނާ ވެއްޓުނީ އެ ގޭގެ ނުވަވަނަ ފަންގިފިލާއަށް ފިރިހެން ކުއްޖާ ސިޑިން އަރަނިކޮށެވެ. އޭނާ ވެއްޓުނުއިރު ކައިރީގައި ފިރިހެން މީހާ ނެތް ކަމަށާއި ވެއްޓުމުގައި މީހެއްގެ އަތެއްނުވާކަން ޔަގީންވާ ކަމަށް ފުލުހުން ބުންޏެވެ. ފުޓޭޖުން ފެންނަ ގޮތުގައި ޔުމްނާ މައްޗަށް އެރިތާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ފިރިހެންކުއްޖާ ވެސް ހުސްގަޔާ ހުރެ 8 ވަނަ ފަންގިފިލާ އަށް އަރަ އެވެ. އޭރު ގަޑިން ފަތިހުގެ 4:52 ހާއިރު އެވެ. އެ ތަނުން ޔުމްނާ ފެންނަން ނެތުމުން 9 ވަނަ ފަންގިފިލާ އަށް ފިރިހެންކުއްޖާ ސިޑިން އަރަނިކޮށް ބާރުގަދަ އަޑެއް އިވެ އެވެ. ފުލުހުން ބުނާ ގޮތުގައި ތަހުގީގަށް މިހާތަނަށް ބެލި ބެލުމުން އެއީ ޔުމްނާ ވެއްޓޭ އަޑެވެ. އެ އަޑު އިވުނުއިރު، ފިރިހެންކުއްޖާ ސިޑިމަތީގައި ހުންނަ މަންޒަރު ފެނެ އެވެ.

އޭނާ ވެއްޓުނު އަޑަށް ފިރިހެން މީހާ ވެސް އެ ތަނަށް އައެވެ. އެ އަޑަށް އެ ގޭގައި އުޅޭ އެހެން ބައެއް މީހުން ވެސް ބޭރަށް ނުކުތެވެ. އެއީ ބުރާސްފަތި ދުވަހުގެ ރޭ ގާތްގަނޑަކަށް 4:52 އެހާކަންހާއިރެވެ. އޭރު ފިރިހެން މީހާ ހުރީ ވެސް ހުސް ގަޔާއެވެ.

ފުލުހުންގެ އިންސްޕެކްޓަރު މުހައްމަދު ސާމިހު ވިދާޅުވި ގޮތުގައި، އަންހެން ކުއްޖާ ގަދަކަމުން ވައްޓާލި ކަމުގެ އެއްވެސް ހެއްކެއް ނެތެވެ. އަދި ސީސީޓީވީ ފުޓޭޖުތަކުން ވެސް ފުލުހުންނަށް އެފަދަ ކަމެއް ފާހަގަވެފައެއް ނުވެ އެވެ.

އަންހެން ކުއްޖާ ވެއްޓުނުކަން ފުލުހަށް ރިޕޯޓުކުރީ އާންމުންގެ މީހެކެވެ.

ފުލުހުން ބުނި ގޮތުގައި ވެއްޓުމުގެ ތެރޭގައި ވަރަށް ބޮޑަށް އަނިޔާވެފައިވުމުގެ ސަބަބުން އަންހެން ކުއްޖާއަކީ ކާކުކަން ވެސް ދެނެގަނެފައިވަނީ ފޭސް ރިކޮގްނިޝަން ޓެސްޓް ހަދައިގެންނެވެ. އެ ކުއްޖާއަށް ފުރަތަމަ ފަރުވާ ދިނީ ވެސް އައިޖީއެމްއެޗްގައި ވެންޓިލޭޓަރުގައެވެ. މިހާރު އެކަމަކު ޔުމްނާ ވަނީ ވެންޓިލޭޓަރުން ނަގައިފައެވެ.

ސާމިހު ވިދާޅުވީ، އަންހެންކުއްޖާއާ މެދު ގަދަކަމުން ޖިންސީ ގުޅުން ހިންގާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެއްކެވޭ ވާހަކަތަކަށް ބާރު ދޭ ހެއްކެއް މިހާތަނަށް ލިބިފައި ނެތް ކަމަށެވެ.

ޔުމްނާއާއި އެކު، އެންމެ ފުރަތަމަ ގެއަށް ވަން 8 ޒުވާނުންނަކީ ކޮން ބައެއް ކަން ދެނެގަނެވިފައިވާ ކަމަށާއި އޭގެ ތެރެއިން ގިނަ މީހުންނާ ސުވާލު ކޮށްފައިވާ ކަމަށް ވެސް ސާމިހު ވިދާޅުވި އެވެ. އެއީ ތިން އަންހެނުންނާއި ފަސް ފިރިހެނުންނެވެ. އޭގެ ތެރޭގައި ސިޔާސީ މަގާމެއްގައި ހުރި އެއްވެސް މީހަކު ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.