English Edition
Dhivehi Edition

މިސަރުކާރުން މަސައްކަތްކުރަމުންދަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށްތަކެއްގައި ވެސް ސާފު ބޯފެނާއި ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަށުގެ އާބާދީއަށް ބެލުމެއްނެތި، އެއްއުސޫލަކުން، ފޯރުކޮށްދިނުމަށް ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރު ޑރ ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

އއ.މަތިވެރީގައި ފެނުގެ ދުވަހާއި ގުޅިގެން ބޭއްވި ހަފްލާގައި މިނިސްޓަރު ހުސެއިން ވިދާޅުވީ ގިނަ ރަށްރަށުގެ ރައްޔިތުން އަދިވެސް ތިބީ އެންމެ އަސާސީ ޚިދުމަތްތަކުން ވެސް މަޙުރޫމްވެފައި ކަމަށެވެ. އަދި ސަރުކާރުން ސާފުފެން ފޯރުކޮށްދިނުމަށް ރައްރަށުގައި ގާއިމްކުރުމުންދާ ރައްކާތެރި ފެނުގެ ނިޒާމްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުން ނުކުރާކަމީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ހުސައިންވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ހުސައިން ވިދާޅުވީ މިއަހަރު ރާއްޖޭގެ 60،000 އެއްހާ އާބާދީއަކަށް ސާފުބޯފެނުގެ ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށެވެ. “2019 އަހަރަށް ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓްގައި 63 ރަށެއްގައި މުޅިން އަލަށް ނަރުދަމާގެ ނިޒާމު ގާއިމްކުރުމަށް ވަނީ ހިމަނާފަ އަދި 82 ރަށެއްގައި ފެނުގެ ނިޒާމް ގާއިމްކުރުމަށް ވަނީ ބަޖެޓްކޮށްފަ” ހުސައިން ވިދާޅުވިއެވެ.

ސާފުބޯފެނުގެ މުހިންމު ކަމާއި ބެހޭ ގޮތުން ވާހަކަދައްކަމުން ހުސައިން ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ފޯރުކޮށްދެވޭ ފެނަކީ ސިއްހަތަށް ރައްކާތެރި އަދި ކަނޑައެޅިފައިވާ މިންގަނޑުތަކަށް ފެތޭ ސާފު ފެންކަމުގައި ކަށަވަރުކޮށްދިނުން ކަމަށެވެ.