English Edition
Dhivehi Edition
ޓްރާސްޕޭރެންސީ މޯލްޑިވްސް އިން އީކުއޭޓަރ ވިލެޖްގައި ބޭއްވި ސެޝަނެ

ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ފަރާތުން އައްޑޫގައި މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ. މާޗް މަހުގެ 15 ވަނަ ދުވަހުން ފެށިގެން އައްޑޫގެ އެކި ސަރަހައްދު ތަކުގައި މައުލޫމާތު ސެޝަން ތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް ޓްރާންސްޕޭރެންސީން ބުނެއެވެ.

އައްޑޫގެ އެކި މުއައްސަސާތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މައުލޫމާތު ސެޝަންތަކެއް މިދިޔަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު އީކުއޭޓަރ ވިލެޖް ގެ ބްލޫ ލެގޫން ގައި ވަނީ ބާއްވާފައެވެ. މީގެ އިތުރުން ހޮނިހިރު ދުވަހުގެރޭ 8:00 އިން 9:00 އަށް، އޭއޯ ނިއުސް އިން ކުރިއަށްގެންދާ ބޭސިކް ޖާނަލިޒަމް ކޯހުގެ ބައިވެރިންނަށް ވެސް ވަނީ މައުލޫމާތު ދީފައެވެ.

މި ސެޝަން ތަކުގެ މައިގަނޑު މަޤްސަދަކީ އިންތިޚާބު ތަކުގައި ދިމާވާ ބޮޑެތި މައްސަލަ ތަކާއި، ކަންބޮޑުވުން ތަކާއި ބެހޭގޮތުން މައުލޫމާތުދީ އާންމުން ހޭލުންތެރި ކުރުވުމާއި މަޖްލިސް އިންތިޚާބުގައި ބައިވެރިވާ އޮބްޒާވަރުން ތަމްރީނުކުރުމެވެ. މި ބައްދަލުވުމުގެ ސެޝަންތައް ނަންގަވައިދެއްވީ ޓްރާންޕޭރަންސީ މޯލްޑިވްސްގެ ކޮމިއުނިކޭޝަން އެންޑް އެޑްވޮކޭސީ މެނޭޖަރ އައިމަން ރަޝީދެވެ.

މި ސެޝަންތަކުގެ އެންމެ ފަހު ބައްދަލުވުން ބާއްވާފައިވަނީ ހުޅުމީދޫގައެވެ. ހުޅުމީދޫގެ ސެޝަންތަކަކީ އާންމުންނަށް ވެސް ހުޅުވާލައިގެން ކުރިއަށްގެންދާ ސެޝަންތަކެއް ކަމަށް ޓްރާސްޕޭރެންސީ މޯލްޑިވްސް އިން ބުނެއެވެ.