English Edition
Dhivehi Edition

ދިވެހިރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުގެ އާ ޖާޒީ ބޭންކް އޮފް މޯލްޑިވްސްއިން ދައްކާލައިފިއެވެ. ގައުމީ ފުޓުބޯޅަ ޓީމުގެ އާ ޖާޒީ ފަރުމާކުރުމަށް ބޭންކް އޮފް މޯލްޑިވްސް އިން ކުރިއަށް ގެންދިޔަ މުބާރާތުން އެއްވަނަ ހޯދި ޖާޒީ ފަރުމާކޮށްފައިވަނީ ޝާޒިފް އާދަމްއެވެ.

ގައުމީޓީމުގެ ޖާޒީ ފަރުމާ ކުރުމުގެ މުބާރާތުގައި ސަތޭކަ އަށް ވުރެ ގިނަ ފަރާތުން ބައިވެރިވިއެވެ. ޖާޒީ ފަރުމާކުރުމުގެ މުބާރާތަށް ހުށަހެޅުނު ސަތޭކަ އަށް ވުރެ ގިނަ ހުށަހެޅުންތަކަށް ބަލައި ޖަޖުންގެ ފަރާތުން އެންމެ މަތިން މާކްސް ލިބުނު ޝާޒިފްއަކީ ވަރަށް ހުނަރުވެރި އަދި ފަރުމާކުރުމުގެ ދާއިރާގައި ވެސް ނަންވިދާލާފައިވާ ޒުވާނެކެވެ.

ޖާޒީ ފަރުމާކުރުމުގެ މުބާރާތުން އެއްވަނަ ހޯދި ޝާޒިފްއަށް ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ވަނީ 25,000 ރުފިޔާގެ އިނާމެއް ދީފައެވެ.
ރާއްޖޭގެ ހޯމް ޖާޒީ ފަރުމާކުރުމަގައި ޝާޒިފް އަސްލަކަށް ބަލާފައި ވަނީ ބައިނަލްއަގްވާމީ ފުޓްބޯޅައިގައި ދިވެހި ގައުމީ ޓީމަށް ނިސްބަތްކޮށް ބޭނުންކުރާ ‘ރެޑް ސްނެޕަރ’ ނުވަތަ ރަތްމަހެވެ.

ބުދަ ދުވަހު ދައްކާލި ޖާޒީތަކުގައި ރަތްކުލައިގެ ހޯމް ޖާޒީ އާއި ނޫކުލައިގެ އަވޭ ޖާޒީ ވެސް ހިމެނެއެވެ. އަވޭ ޖާޒީ ފަރުމާކުރުމުގައި އަސްލަކަށް ބަލާފައި ވަނީ ކަނޑުގެ ރާޅުތަކެވެ.

ގައުމީ ޓީމްގެ އާ ޖާޒީއާ ގުޅޭ ގޮތުން ބޭންކް ހިންގެވުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ ސީއީއޯ އާއިޝަތު ނޫރައްދީން ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސްއަކީ 2017 އިން ފެށިގެން ގައުމީ ފުޓުބޯޅަ ޓީމުތަކުގެ ފަހުރުވެރި ސްޕޮންސަރ އަށް ވެފައި، ވޭތުވެދިޔަ ދެ އަހަރު ތެރޭގައި ގައުމީ ފުޓުބޯޅަ ޓީމުތަކުން ގައުމަށް ހޯދައިދީފައިވާ ރީތި ނަމަކީ ބޭންކުގެ ފަރާތުން ފަހުރުވެރިވާ އަދި ފާހަގަ ކުރާ ކާމިޔާބީތަކެއް ކަމަށެވެ.