އެންމެ ފަހު ވަޒަނާ ހަމައަށް، އެންމެ ފަހު މީހާއާ ހަމައަށްވެސް ހަނގުރާމަ ކުރާނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ. ރޭ ކަޅުތައްކަލާ ކޮށީގައި ސިފައިންނާ ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގައި ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލާ ސިޔާދަތުގައި މިވަރު ކުޑަކުޑަ ކޫރެމުއް އެޅެންޏާވެސް އަޅުގަނޑުމެން އެ ފުރުޞަތެއް ނުދޭނެ ކަމަށާއި އަޅުގަނޑުމެން އެންމެ ފަހު ވަޒަނާ ހަމައަށް، އެންމެ ފަހު މީހާއާ ހަމައަށްވެސް ހަނގުރާމަ ކުރާނެ ކަމަށެވެ.
މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވިދާޅުވީ ޤާނޫނު އަސާސީން ދިވެހިރާއްޖޭގެ މިނިވަންކަމާއި، އިސްތިޤްލާލާއި ސިޔާދަތު ދެމެހެއްޓުމުގެ ޒިންމާ އޮތީ ސިފައިންނަށް ކަމަށާއި، އެކަން ކުރަން އެހެން ބަޔަކު އަންނާނެކަމަށް ގޮވާލުމަކީ ސިފައިންނަށް ބުނާ ބަދުބަހެއް ކަމަށެވެ.
“ޤާނޫނު އަސާސީން ދިވެހިރާއްޖޭގެ މިނިވަންކަމާއި، އިސްތިޤްލާލާއި ސިޔާދަތު ދެމެހެއްޓުމުގެ ޒިންމާ އޮތީ ސިފައިންނަށް، އެހެން ބަޔަކަށް ނޫން. އެހެން ބަޔަކު އެކަން ކުރާނެކަމަށް ގޮވާލާކަމަށްވަންޏާ އެއީ އަޅުގަނޑުމެންނަށް ބުނާ ބަދު ބަހެއް.” ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވިދާޅުވިއެވެ.
ދިވެހިރާއްޖޭ ދިފާއު ކުރާނީ އެހެން ބަޔަކު ކަމަށް ގޮވާލުމަކީ ދިވެހި ސިފައިންނަށް ބުނާ ބަދު ބަހެއް ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވިދާޅުވެފައި މިވަނީ، އިންޑިއާއިން ދިވެހިރާއްޖެ ހިފަން ބޭނުންވެއްޖެ ހިނދެއްގައި އެކަން ކުރެވޭނެ ކަމަށާއި، އެކަން ހުއްޓުވަން ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށް ޑިފެންސް މިނިސްޓަރ ވިދާޅުވެފައިވާ މައްސަލަ ހޫނުވެފައިވަނިކޮށެވެ.