އައްޑޫސިޓީގެ ފޭދޫ ދާއިރާއިން މަޖިލިސް އިންތިޚާބަށް އަމިއްލަ ގޮތުން ވާދަކުރައްވަވާ ކެންޑިޑޭޓު ، އިބްރާޙިމް ދީދީ (އައިބީ) ގެ ކެމްޕެއިން ލޯންޗުކުރުމަށް ބާއްވާ ޖަލްސާއަށް އައްޑޫސިޓީ ކައުންސިލުން ހުރަސް އަޅައިފިއެވެ.
އައިބީގެ ކެމްޕެއިން އޮފީހުން “އޭއޯ ނިއުސް “އަށް މައުލޫމާތު ދެއްވަވަމުން ވިދާޅުވީ މާޗް 8 ވަނަ ދުވަހުގެ ރޭ ފޭދޫ ބަނދަރު ސަރަހައްދުގައި ބޭއްވުމަށް ތައްޔާރުވަމުން ދިޔަ ޖަލްސާ އެތަނުގައި ބޭއްވުމުގެ ހުއްދަ ކައުންސިލުން ނުދެއްވެވި ކަމަށެވެ.
“ލޯންޗިން ޖަލްސާ ބޭއްވުމަށް ފޭދޫ ބަނދަރު ސަރަހައްދު ހޯދުމަށް އެދުމުން ކައުންސިލުން އެ ހުއްދަ ނުދެއްވި. ސަބަބަކަށް ދަންނަވަނީ ރައީސުލް ޖުމުހޫރިއްޔާ އެދުވަހު އައްޑޫއަށް ވަޑައިގަންނަވާތީ ކަމަށް” ކެމްޕެއިން ގައި އިސްކޮށް ހަރަކާތްތެރިވާ އޮފިޝަލަކު ވިދާޅުވިއެވެ.
މިއީ، މަޖިލިސް އިންތިޚާބުގައި ވާދަކުރައްވަވާ އެމްޑީޕީގެ ކެންޑިޑޭޓުންގެ ކެމްޕެއިން އަށް އައްޑޫއަށް ރައީސް ކުރައްވަވާ ދަތުރުފުޅެއްގައި، ސަރުކާރުގެ ބާރާއި ނުފޫޒު ބޭނުންކުރައްވައިގެން އަނެއް ކެންޑިޑޭޓަށް ހުރަސް އެޅުއްވުން ކަމަށް އައިބީގެ ކެމްޕެއިން ޓީމުން ފާހަގަ ކުރައްވައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް އައްޑޫއަށް ކުރައްވަވާ ދަތުރުފުޅުގެ ޕްރޮގްރާމުގައި އޮތީ 8 މާޗް ވާ ހުކުރު ދުވަހު ހަވީރު އައްޑޫއަށް ވަޑައިގެން އެ ރޭ ރޭގަނޑު މަރަދޫގައި ބޮޑު ޖަލްސާއެއް ބާއްވާ ގޮތަށެވެ. ފޭދޫގައި އެއްވެސް އިވެންޓެއް ވިޔަސް އަދި ޕްރޮގްރާމެއް ވިޔަސް ބާއްވާ ކަމަށް މީޑިއާއަކަށް ވެސް މައުލޫމާތު ލިބިފައެއް ނުވެއެވެ.
މިހާރުވެސް ފޭދޫ ދާއިރާގެ މަޖިލިސް ގޮނޑި ފުރުއްވަވަމުން ގެންދަވާ އައިބީގެ ކެމްޕެއިން ލޯންޗު ކުރުމަށް ބާއްވާ ޖަލްސާ ބޭއްވުމަށް ހަމަޖައްސާފައި އޮތީ ފޭދޫ ބަނދަރު ސަރަހައްދުގައި މަގާއި އަދި ޕާކު ކުރާ ސަރަހައްދާ ވެސް ދުރުގައި ބަނދަރު ކައިރީގައެވެ. މަތީގައިވާ ފޮޓޯގައި ފެހިކުލައިން ފާހަގަކޮށްފައި އެވަނީ އައިބީގެ ޖަލްސާ ބޭއްވުމަށް ހުއްދައަށް އެދިފައިވާ ސަރަހައްދެވެ.
ރައީސުލް ޖުމުހޫރިއްޔާ އާއި ޑެލިގޭޝަނުގެ ބޭފުޅުންނަށް ޖަލްސާ ކުރިއަށް ދާ ވަގުތުގައި އެމަގުން ވަޑައިގަންނަވަން ބޭނުންފުޅު ވިޔަސް ދަތުރު ކުރެއްވޭ ގޮތަށް މަގު އޮންނާނީ ހުސްކޮށެވެ.