English Edition
Dhivehi Edition

އައްޑޫސޓީގައި ކުރިއަށް ގެންދިޔަ ޓްރެފިކް އޮޕަރޭޝަންތަކުގައި އެއްގަމު އުޅަނދު ދުއްވުމުގެ ޤާނޫނާއި ޚިލާފްވުމުގެ ސަބަބުން ސިޓީގެ އެކިސަރަހައްދުތަކުން 87 ފަރާތެއް ޖޫރިމަނާ ކޮށް ނަސޭހަތްތެރިވެފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

އަތޮޅުތެރޭގައި ދިރިއުޅޭ ރައްޔިތުންނަށް އަމާން ވެއްޓެއް ޤާއިމުކޮށްދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އައްޑޫ ސިޓީގައި ދުއްވާ އެއްގަމު އުޅަނދުތައް ބަލައިފާސްކުރުމުގެ ޕްރޮގްރާމްތަކެއް ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންގޮސްފައިވެއެވެ.

މި ޕްރޮގްރާމްގެ ތެރެއިން، އައްޑޫ ސިޓީގެ ހުރިހާ ރަށެއް ހިމެނޭގޮތަށް ޖުމްލަ 1098 އުޅަނދު ބަލައިފާސްކޮށްފައިވެއެވެ. އެގޮތުން ހިތަދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށްގެންދިޔަ ޕްރޮގްރާމްގެ ތެރެއިން، ހިތަދޫގައި ދުއްވާ 712 އުޅަނދު ބަލައިފާސްކޮށްފައިވާއިރު އެއްގަމު އުޅަނދު ދުއްވުމުގެ ޤާނޫނާއި ޚިލާފްވުމުގެ ސަބަބުން 48 ފަރާތެއް ޖޫރިމަނާ ކޮށް ނަސޭހަތްތެރިވެފައިވާކަމަށް ފުލުހުން ބުނެއެވެ.

ގަން ޕޮލިސް ސްޓޭޝަނުން ކުރިއަށްގެންދިޔަ ޕްރޮގްރާމްގެ ތެރެއިން، އެރަށުގައި ދުއްވާ 376 އެއްގަމު އުޅަނދު ބަލައިފާސްކޮށްފައިވެއެވެ. އަދި އެއްގަމު އުޅަނދު ދުއްވުމުގެ ޤާނޫނާއި ޚިލާފަށް އުޅަނދު ދުއްވި 36 ފަރާތެއް ޖޫރިމަނާކޮށް ނަސޭހަތްތެރިވެފައިވެއެވެ.

މީގެއިތުރުން ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށްގެންދިޔަ ޕްރޮގްރާމްގެ ތެރެއިން، އެރަށުގައި ދުއްވާ 10 އުޅަނދު ބަލައިފާސްކޮށް އެއްގަމު އުޅަނދު ދުއްވުމުގެ ޤަވާއިދާއި ޚިލާފުވެފައިވާ ތިން މީހަކު ޖޫރިމަނާ ކޮށް ނަސޭހަތްތެރިވެފައިވެއެވެ.

އައްޑޫ ސިޓީގައި ކުރިއަށް އޮތްތަނުގައިވެސް މި ޕްރޮގްރާމް ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައި ކަމަށް ފުލުހުން ވިދާޅުވެއެވެ.