English Edition
Dhivehi Edition

ބްލައިންޑް އެންޑް ވިސުއަލީ އިމްޕެއަރޑް ސޮސައިޓީ އޮފް މޯލްޑިވްސް (ބީވީއައިއެސްއެމް) ގެ ރައީސް ކަމަށް ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ، ގަސްދޮށުގޭ ޢަލީ ޝަމީމް މުޙައްމަދު އިންތިޚާބު ކޮށްފިއެވެ.

އެ ޖަމިއްޔާ ގެ ފޭސްބުކް ޕޭޖްގައި ވަގުތުން ބީވީއައިއެސްއެމްގެ އިންތިޚާބީ މަޤާމްތަކަށް ބޭފުޅުން އިންތިޚާބު ކުރުމަށް ރޭ ބޭއްވި އިންތިޚާބުގައި އެ ޖަމްއިއްޔާގެ ރައީސް ކަމުގެ މަޤާމް ޢަލީ ޝަމީމް ކާމިޔާބު ކުރެއްވިއިރު، ނައިބު ރައީސް ކަމުގެ މަޤާމަށް އިންތިޚާބު ކޮށްފައިވަނީ އެ ޖަމްއިއްޔާގެ މިހާރުގެ ހިންގާ ސެކްރެޓަރީ ހުސައިން ޝަރީފްއެވެ.
ރޭ ބޭއްވި އިންތިޚާބުގައި އެ ޖަމްއިއްޔާގެ ރައީސް އާއި ނައިބު ރައީސްގެ އިތުރުން ފަސް މެންބަރުންނާއި، ހިންގާ ސެކްރެޓަރީއާއި، އިންތިޒާމް ސެކްރެޓަރީ އަދި ހަޒާންދާރުގެ އިތުރުން މީޑިއާ ކޯޑިނޭޓަރަކު އިންތިޚާބު ކޮށްފައިވެއެވެ.
ބީވީއައިއެސްއެމްގެ 4 ވަނަ ދައުރުގެ ހިންގާ ކޮމެޓީއަށް އިންތިޚާބުވި އެހެން ބޭފުޅުން:
އިތުރު ފަސްމެންބަރުން:
1- ސާހިން މުހައްމަދު
2- ފާތިމަތު އިބްރާހިމް
3- މުޙައްމަދު ޔަމާމް
4- އިބްރާހިމް ރުޝްދީ
5- ހުސައިން ރަޝީދު

ހަޒާންދާރު: މުޙައްމަދު ސައްދާމް
ހިންގާ ސެކެރެޓަރީ: މުޙައްމަދު މުސްލިމް
އިންތިޒާމް ސެކެރެޓަރީ: އަލީ އަމްޖަދު
މީޑިއާ ކޯޑިނޭޓަރ: އަބްދުﷲ ޒިއާއު
ވޯޓުގެ ކުރިން ޢަލީ ޝަމީމް ވިދާޅުވެފައިވަނީ، ބީވީއައިއެސްއެމް އިން ކުރަން ބޭނުންވާ ކަންކަން ހާސިލުކުރުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރައްވާނެ ކަމަށާއި، ވޭތުވެދިޔަ ދުވަސްތަކާ އަޅާބަލާއިރު ތަފާތުތަކެއް ފެނިގެންދާނެ ކަމަށް އަދި ޖަމްއިއްޔާގެ މެންބަރުންގެ ފޮނި އުއްމީދުތައް ބޮލާލައި ނުޖައްސަވާނެ ކަމަށެވެ.
“އުއްމީދަނީ ކަންކަން ހާސިލް ކުރުމުގައި މުއައްސަސާތަކާ އެކު މަސައްކަތް ކުރެވިގެން، ހެޔޮ ބަދަލެއް ފެނި، މެންބަރުންގެ މެދުގައި އިތުރަށް ގުޅުން ބަދަހިވެ، މެންބަރުންގެ ފަރާތުންވެސް ދިވެހި މުޖުތަމަޢުއަށް ފައިދާހުރި ކަންތައްތަކެއް ކުރެވޭނެފަދަ ޤާބިލް މެންބަރުންނަށް ބީވީއައިއެސްއެމްގެ މެންބަރުން ހެދުން” ވޯޓުގެ ކުރިން ޝަމީމް ވިދާޅުވެފައިވެއެވެ.

ބީވީއައިއެސްއެމް އަކީ ލޯފަން ކުދިންގެ ހައްޤުތައް ހިމާޔަތްކޮށް ޚާލަތު ރަނގަޅު ކުރުމުގެ މަސައްކަތް ކުރުމަށްޓަކައި 2010 ވަނަ އަހަރުގެ ތެރޭގައި އުފައްދާފައިވާ ޖަމްއިއްޔާއެކެވެ.