ކުރީގެ ރައީސް އަބްދުﷲ ޔަމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލަ ނިމެންދެން އެމަނިކުފާނު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުންއަމުރުކޮށްފި އެވެ.
ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވަނީ، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ޚިޔާނާތުގެ ފައިސާ އިން ޔާމީންގެ އެކައުންޓަށް ޖަމާކުރި ފައިސާ ލޯންޑަކުރި މައްސަލައިގަ އެވެ.
ޔާމީން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރު ކުރީ، ޝަރީއަތަށް ހުށަހެޅިފައިވާ މައްސަލައިގެ ހެކިތަކަށް ރައީސް ޔާމީން ނުފޫޒު ފޯރުވަފާނެ ކަމަށް ގަބޫލު ކުރެވޭތީ ޕީޖީއިން އެގޮތަށް އެދިގެން އެވެ. ކްރިމިނަލް ކޯޓުން އަމުރުކުރީ ރިމާންޑް ޖަލެއްގައި އެމަނިކުފާނު ބަންދުކުރުމަށެވެ.
މިމައްސަލާގައި ވާހަަކަދައްކަވަމުން ދައުލަތުގެ ވަކީލާ އައިޝަތު މުހައްމަދ ވިދާޅުވީ ރައީސްޔާމީން ވަނީ ހެއްކަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރައްވާފައި ކަމަށެވެ. އެހެންކަމުން ގާނޫނުއަސާސީގެ ދަށުން ވަކި ގޮތެއް ނިމެންދެން ރިމާންޑް ޖަލެއްގައި އެމަނިކުފާނު ބަހައްޓަން އަމުރުކުރާ ކަމަށް ގާޒީ ހައިލަމް ވަނީ އަމުރު ކުރެއްވާފައެވެ.
ރައީސްޔާމީންގެ މަނީލޯންޑަރިންގެ ޝަރީއަތް ހިންގަމުން ދާއިރު މީގެ ކުރިން ހިނގި ޝަރީއަތުގައި ވިދާޅުވެފައިވަނީ އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓްގައި ހުންނާނީ އެކި އެކި ފަރާތްތަކުން ކެމްޕޭނަށް ހަދިޔާ ކުރި ފައިސާކަމަށެވެ.