English Edition
Dhivehi Edition

ކުރިއަށް އޮތް ރައްޔަތުންގެ މަޖިލީހުގެ އިންތިހާބުގައި އިދިކޮޅު ޕީޕީއެމް އިން އައްޑޫ ސިޓީ މީދޫ ދާއިރާއަށް ވާދަނުކުރަން ނިންމައިފިއެވެ

މީގެ ކުރިން ޕީޕީއެމް މީދޫ ދާއިރާގެ ޓިކެޓް އަހްމަދު އަސްލަމްއަށް ދީފައިވާއިރު ‘އޭއޯ ނިއުސް’ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު ޕީޕީއެމް އިން ވަނީ އެ ދާއިރާއަށް ޖޭޕީއިން މަޖިލީސް އިންތިހާބުގައި ވާދަކުރައްވާ ފަރްހާދުއަށް ތާއިދުކުރުމަށް ނިންމާފައެވެ. ޕީޕީއެމް އިން މި ގޮތަށް ނިންމާފައިވަނީ އެ ދާއިރާއަށް ވާދަކުރެއްވުމަށް އަސްލަމްއަށް ތާއިދުކޮށް އަސްލަމްގެ ކެމްޕެއިންގެ ހަރަކާތްތައްވެސް މީދޫ އާއި މަރަދޫފޭދޫގައި ކުރިއަށް ގެންދަވަނިކޮށެވެ.

އައްޑޫ މީދޫ ދާއިރާގެ އިތުރުން ޕީޕީއެމްގެ ފަރާތުން ގެމަނަފުށީ ދާއިރާއަށް ވާދަކުރައްވާ ޖަމީލް އުސްމާން އާއި ކޮންގްރެސްގެ ފަރާތުން މަތިވެރި ދާއިރާއަށް ވާދަކުރުމަށް ނިންމާފައިވާ ލަޔާލް މަނިކު އަތުންވެސް ވަނީ ޓިކެޓް އަތުލާފައެވެ.އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީޙްވެސް ވަނީ ފުވައްމުލަކު ދެކުނު ދާއިރާއަށް ވާދަ ނުކުރަން ނިންމާފައެވެ. މީގެ އިތުރުން ވިލިމާލޭ ދާއިރާއަށް ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ އެމްޕީއެލްގެ ކުރީގެ ސީއީއޯ އަބްދުލްރައްޒާގު ހަލީމް ވަނީ ޓިކެޓް ހަވާލުކުރުން ލަސްވަމުންދާތީ ވިލިމާލޭ ދާއިރާއަށް ވާދަނުކުރައްވަން ނިންމާފައެވެ.

ރައްޔަތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް އިން ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓުންނަށް ފުރުސަތު ދީ އެ ކެންޑިޑޭޓުންނަށް ތާއިދުކޮށްފައިވާއިރު ޖުމުހޫރީ ޕާޓީގެކެންޑިޑޭޓުންނަށް ޕީޕޢެމް އިން ތާއީދުކުރަން ނިންމަމުންދަނީ ޖޭޕީއާއި ޕީޕީއެމްއާ ދެމެދު މަޝްވަރާއެއް ކޮށްގެން ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ އިސް ތަރުޖަމާނު އަލީ ސޯލިހްވަނީ ވިދާޅުވެފައެވެ. ޖުމްހޫރީ ޕާޓީން މިހެން ބުނެފައިވީނަމަވެސް ‘އޭއޯ ނިއުސް’ އަށް މައުލޫމާތު ލިބިފައިވާ ގޮތުން ޕީޕީއެމް އަދި ކޮންގްރެސް އިން ވާދަކުރަން މިހާތަނަށް ޓިކެޓް ދީފައިވާ ކެންޑިޑޭޓުންގެ ތެރެއިން 25 ދާއިރާއެއް ޖުމްހޫރީ ޕާޓީއަށް ދޫކޮށްލަން ވަނީ ނިންމާފައެވެ