English Edition
Dhivehi Edition

ވައްކަމާއި މަސްތުވާތަކެތީގެ ވަބާއިން މުޖުތަމަޢު ރައްކާތެރި ކުރުމަށްޓަކައި ކުރިނބީ ކައުންސިލުން އިސްނަގައިގެން ފައްޓަވާފައިވާ މަސައްކަތަށް ތާއިދުކޮށް، އިކޮނޮމިކް މިނިސްޓްރީގެ ނައިބު ޙުސައިން ޒާމިރު ކުރިނބީ ކައުންސިލަށް މަރުޙަބާ ދަންނަވައިފިއެވެ.

‘މަސްތުވާތަކެތީގެ ނުރައްކާތެރިކަމުން މުޖުތަމަޢު ސަލާމަތްކުރުމަށްޓަކައި ހދ.ކުރިނބީ ކައުންސިލުގެ ފަރާތުން އިސްނަންގަވައިގެން ތިޔަ ފެއްޓެވި މުހިއްމު މަސައްކަތަށް ވަރަށް ބޮޑަށް މަރުޙަބާ ދަންނަވަން’ ޒާމިރު މިކަމަށް ތަޢުރީފުކޮށް ކުރައްވާފައިވާ ޓްވީޓުގައި ވެއެވެ. އަދި ޒާމިރު އިތުރަށް ވިދާޅުވީ، ކުރިނބީ ކައުންސިލުގެ ފަރާތުން ފައްޓަވާފައިވާ މި މަސައްކަތަށް އެބޭފުޅާގެ ފުރިހަމަ ތާއިދު ފޯރުކޮށްދޭނެކަމަށެވެ.
ކުރިނބީގައި މަސްތުވާތަކެއްޗާއި ވައްކަން އިންތިހާއަށް އިތުރުވަމުންދާތީވެ ރައްޔިތުން އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައި ވަނިކޮށް، ރައްޔިތުންގެ މި އާދޭހަށް އިޖާބަދިނުމަށް ކުރިނބީ ކައުންސިލުން މީގެ 3 ދުވަސްކުރިން ވަނީ، ކުރިނބީ ރައްޔިތުންނާއި ބައްދަލުކުރައްވާ މިކަމަށް ހައްލެއް ގެންނައުމަށްޓަކައި މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ.

މި ބައްދަލުވުމުގައި މި މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި ރައްޔިތުންގެތެރެއިން ގިނަބަޔަކު ހިޔާލު ފާޅުކޮށްފައިވެއެވެ. އެގޮތުން ގްރޭޑް 10 ނިންމާ އުމުރުގެ ޒުވާނުން މަސްތުވާތަކެއްޗާ ދުރުކުރުމާއި، މަސައްކަތެއް ނެތި ރަށުތެރޭ އުޅޭ ޒުވާނުން މަދުކުރުމަށް އަދި ބެލެނިވެރިންގެ ޒިންމާ ފުރިހަމައަށް އަދާކުރުން މުހިންމުކަމަށް ރައްޔިތުންގެ ޝުޢޫރު ފާޅުކޮށްފައިވާއިރު، ދީނީ ހޭލުންތެރިކަން އިތުރުކޮށް ޒުވާނުން ހުނަރުވެރި ކުރުމަށްވެސް ރައްޔިތުން ހިޔާލު ދީފައިވެއެވެ. މީގެ އިތުރުން މި ބައްދަލުވުމުގައި ކައުންސިލުން ވިދާޅުވީ، މިހާރުން މިހާރަށް ކުރެވެންހުރި މަސައްކަތްތަށް ކުރަމުންދާކަމަށާއި، އޭގެތެރެއިން ކުރިނބީގައި ޕޮލިސް ޑެސްކެއް ޤާއިމުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގައި އެދިފައިވާނެކަމަށެވެ.

މި ބައްދަލުވުމަކީ، މަސްތުވާތަކެއްޗާއި ވައްކަމުގެ މައްސަލައިގައި ރައްޔިތުނާއެކު މަޝްވަރާކުރުމަށް ކުރިނބީގައި ފުރަތަމަ ފަހަރަށް ބޭއްވުނު ބައްދަލުވުމެވެ.