English Edition
Dhivehi Edition

ވިޔަފާރީގެ ދާއިރާ އާއި ރައްޓެހި މާޙައުލެއް ޤާއިމުކުރުމުގެ ސިޔާސަތަށް ބާރު އެޅުމުގެ ގޮތުން “ބިޑްކުރުމުގެ ދައުވަތަކާ ނުލައި ސަރުކާރަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ އުސޫލު” ކަނޑައަޅުއްވައި ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢުކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ ބިޑް ކުރުމުގެ ދައުވަތަކާ ނުލައި ހުށަހަޅާ ޕްރޮޕޯޒަލް ތަކަކީ އަމިއްލަ ފަރާތްތަކުގެ އިސްނެގުމާއެކު، ރައްޔިތުންގެ ތެރޭގައި އުފެދިފައިވާ ބޭނުމެއް ދެނެގަނެ އެކަމަކަށް ރިއާޔަތްކޮށް ޕްރޮޕޯޒަލްތައް ހުށަހެޅުމަށް ފަހިކޮށްދެވޭ ނިޒާމެެއް ކަމަށެވެ.

ޕްރޮޕޯޒަލްތައް އެސެސްކުރުން 3 މަރުޙަލާއަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، މިފަދަ ޕްރޮޕޯޒަލްތައް ހުށަހަޅުއްވަންޖެހޭ އިދާރާއަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ކަމުގައިވަނީ ހަމަޖައްސަވާފައެވެ. ޕްރޮޕޯޒަލްތައް އެސެސްކުރުމުގެ ފުރަތަމަ މަރުޙަލާގައި އުސޫލުގައި ކަނޑައަޅާފައިވާ މިންގަނޑުތަކަށް ޕްރޮޕޯޒަލް ފެތޭތޯ ބަލައި، ސްޓްރަޓީޖިކް އެސެސްމަންޓް ހެދުމަށްފަހު، އެ ހުށަހެޅުމަކީ ސީދާ މަޝްވަރާއަކަށް ދިއުމަށް އެންމެ އެކަށީގެންވާ ހުށަހެޅުމެއްތޯ ބެލޭނެއެވެ.

މިއުސޫލުގެ ދަށުން ސަރުކާރަށް ހުށަހަޅާ ޕްރޮޕޯޒަލްތައް ރިވިއުކޮށް ބެލެހެއްޓުމުގައި ދެފުށްފެންނަ، ހުރިހާ ފަރާތްތަކަށްވެސް ހަމަހަމަ އުޞޫލަކުން ޢަމަލުކުރަމުން ގެންދެވޭނެ ފަދަ ނިޒާމެއް ބައްޓަންކުރެވިފައިވާނެއެވެ. ހަމަމިއާއިއެކު، މިއުސޫލުގެ ދަށުން ފިކުރީ މިލްކުވެރިކަމުގެ ޙައްޤުތައް ހިފެހެއްޓޭނެ މިންގަނޑުތަކެއްގެ މައްޗަށް ބަރޯސާވެ، އަމިއްލަ ވިޔަފާރިތަކަށް ރަނގަޅު އީޖާދީ ޚިޔާލުތައް ސަރުކާރަށް ހުށަހެޅުމަށް ހިތްވަރުދީ ބާރުއަޅާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.