English Edition
Dhivehi Edition

ކްރެޑިޓް ކާރޑަކީ ދުނިޔޭގެ ވަރަށް ގިނަ ބަޔަކު ގެންގުޅޭ އެއްޗެކެވެ. ޙާއްސަކޮށް ތަނަވަސް މީހުން ގެންގުޅޭތަން ފެނެއެވެ. ނަމަވެސް އެކި މީހުން ގެންގުޅޭ ކާރޑް ބަލާބެލުމަށް ތަފާތެވެ. ޙާއްސަކޮށް މިދެންނެވި ފަދަ ތަނަވަސް މީހުން ގެންގުޅޭ ކާރޑްތައް ރީތިވެފައި ހިތްކިޔާކަހަލަ ގޮތްތަކެއް ހުރެއެވެ.

އެމެރިކާގައި އެންމެ އަގުބޮޑު ކްރެޑިޓް ކާރޑެއްގެ ގޮތުގައި މަޝްހޫރު ވެފައި އޮންނަނީ “ބްލެކް ކާޑް” އެވެ. ނަމަވެސް މި ކާޑުގެ އަސްލު ނަމަކީ “އެމެރިކަން އެކްސްޕްރެސް ސެންޗޫރިއަން ކްރެޑިޓް ކާޑެވެ” . އަދި މިކާޑަކީ އާއްމުން ބޭނުންކުރުމަށް ދޫކުރެވޭ ކާޑެއް ނޫނެވެ. މިއީ ވަކި ފަންތީގެ އަދި ވަކި ބަޔަކަށް ހާއްސަ ކުރެވިފައިވާ ކާޑެކެވެ. މިކާޑް ލިބިގަތުމަށްޓަކައި އެމެރިކަން އެކްޕްރެސް ކާރޑް ބޭނުންކޮށްގެން އަހަރެއްގެ މައްޗަށް 250،000 ނުވަތަ 350،000 ޑޮލަރު ހޭދަ ކުރަން ޖެހެއެވެ. މިކާޑުން ވިޔަފާރި ކުރުމުން ވަރަށް ގިނަ ފައިދާތައް ލިބެއެވެ. އޭގެ ތެރޭގައި އޮޓަމެޓިކްކޮށް އަގުބޮޑު ހޮޓަލްތަކުން ކޮޓަރި ލިބުމާއި، ފްލައިޓް އަޕްގްރޭޑް ވުމާއި، ކަނޑު އޮޑިއާއި އެއްގަމު އުޅަދުތައް ކުއްޔަށް ހިފާއިރު ބޮޑު ޑިސްކައުންޓް ލިބުން ކަހަލަ ފަސޭހަތައް ލިބެއެވެ. މީގެ އިތުރުން ބައެއް އެއަރޕޯޓްތަކުގައި މިކާޑު އޮންނަ މީހުންނަށް ޙާއްސަ މާލަމްތައް ތައްޔާރުކޮށްފައި ހުރެއެވެ.

ދުބާއީ ފަސްޓް ރޯޔަލް މާސްޓަރ ކާޑަކީ ވެސް އާދައިގެ މީހަކަށް ބައްލަވައި ގަނެވޭނެ ފެންވަރުގެ ކާޑެއް ނޫނެވެ. އެއީ ދުނިޔޭގައި މިވަގުތު އޮތް އެންމެ ތަފާތު ބޮޑު އެއް ކާޑެވެ. މިކާޑް ފަރުމާކޮށްފައިވާ ގޮތަށް ބަލާއިރު ކާޑްގެ ދެފުށުގައި ރަން ހިމެނޭއިރު އެކާޑްގައި 235 ކެރެޓްގެ ޖަވާހިރު ހިމަނާފައި ވެއެވެ. އަދި މިކާޑަކީ ހާއްސަކޮށް ޔުނައިޓެޑް އަރަބި އެމަރޭޓްސްގެ މީހުން ބޭނުންކުރާ އެއްޗެކެވެ. މިކާޑް ލިބެނީ ކަނޑައެޅިގެން ކިހިނެއްކަން މިހާތަނަށް އެނގިފައި ނުވެއެވެ. އަދި އެކަމަކީ ސިއްރެއްގެ ގޮތުގައި ބޭއްވުމަށް މިކާޑްގެ ބެލެނިވެރި ފަރާތުން މަސައްކަތް ކުރެއެވެ. މިކާޑާއި ބެހޭ ގޮތުން އެނގޭހާވެސް އެއްޗަކީ ކާޑްގެ ވެރިފަރާތުން މިކާޑް ބަލަހައްޓާ ކްލަބާއި ގާތްގުޅުމެއް ބާއްވައި، ބޮޑު އަދަދުތަކުން ހަރަދުކުރަންޖެހޭ ކަމެވެ.

މަސްޓަރ ގޯލްޑް ކާޑަކީ ވެސް 24 ކެރަޓް ރަން ބޭނުންކޮށްގެން ހަދާފައިވާ އަގުބޮޑު ރީތި ކާޑެކެވެ. އެހެން ކާޑްތަކެކޭ އެއްގޮތަށް މިކާޑް ވެސް ލިބެނީ ގިނަ އަދަދަކަށް ހޭދަކުރާ މީހުންނަށެވެ. ޙާއްސަކޮށް ވިޔަފާރިވެރިންނަށް ތައްޔާރުކޮށްފައިވާ މިކާޑް ބޭނުންކުރުމުން އެއަރފެއަރ އިން ދެގުނަ އިތުރަށް ޕޮއިންޓް ލިބުމާއި، ފްލައިޓާއި، ހޮޓަލާއި ދަތުރުމަތީގައި ބޮޑެތި ޑިސްކައުންޓްތައް ލިބިގެން ދެއެވެ.

ދަ ޖޭޕީ މޯގަން ރެޒާވް ކާޑް” ބޭނުންނަމަ 10 މިލިއަން ޑޮލަރު ހޭދަކުރަން ޖެހެއެވެ. މިކާޑަކީ ދުނިޔޭގެ އެހެން ކާޑްތަކާއި ޚިލާފަށް ދަގަނޑު އިން ހަދާފައިވާ ކާޑެކެވެ. އަދި މިކާޑްގެ ވެރިފަރާތުން ކޮންމެ އަހަރު އަހަރީ ފީގެ ގޮތުގައި 450 ޑޮލަރު ދައްކަން ޖެހޭއިރު ފުރަތަމަ 3 މަސްތެރޭގައި 4000 ޑޮލަރު ހޭދަ ކުރުމުން 100،000 ޕޮއިންޓް ލިބިގެން ދެއެވެ. މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ފްލައިޓް ދަތުރުކުރުމާއި، ހޮޓަލް ލިބިގެން ދެއެވެ.

މީގެ އިތުރުންވެސް ތަފާތު އެކި ފަންތީގެ މީހުންނަށް ހާއްސަކޮށްފައި ހުންނަ ކާރޑްތައް ހުރެއެވެ. އޭގެތެރެއިން ” ދަ ޗޭސް ސަޕަޔާ ރިޒާވް ކާޑް” އަކީ އަހަރަކު 450 ޑޮލަރު ދައްކަން ޖެހޭ ކާޑެކެވެ. މިކާޑުންވެސް ދަތުރު ތަކާއި ހޮޓަލްތަކުން ޑިސްކައުންޓް ލިބޭއިރު މިކާޑްގެ އެންމެ ހާއްސަ އެއްކަމަކީ ވޮލެޓްގައި މިކާޑް އޮވެ އެއިން ޚަރަދު ނުކޮށް ދުނިޔޭގެ 1000 އެއަރޕޯޓުން މަތީ ފަންތީގެ ހިދުމަތް ލިބޭކަމެވެ.

ކާޑްތަކުގެ ތެރެއިން މިވަގުތު ލިސްޓްގެ އެއްވަނައިގައި އޮތީ ގިނަ ކާޑް ހޯލްޑަރުންގެ ޝަކުވާތަކާއި އެކު އުފައްދާފައިވާ ‘ދަ ވިސާ އިންފިނިޓް ކާޑް’ އެވެ. މިއީ އާދަޔާ ޚިލާފަށް މުއްސަނދި މީހުންނަށް ޙާއްސަކޮށްގެން ފަރުމާކޮށްފައިވާ ކާޑެކެވެ. މިކާޑް އެމީހެއްގެ އަތުގައި އޮވެ އެއިން ޚަރަދު ނުކުރި ނަމަވެސް އެމީހަކު ބޭނުން ހިދުމަތެއް ލިބުގެ ފުރުސަތު ތަނަވަސް ވެފައި ވެއެވެ. މީގެ ކާޑެއް ބޭނުންކޮށްގެން މަތީ ފަންތީގެ ހޮޓަލް ރޫމެއްގެ ބުކިންގ ހަދައިފިނަމަ، އެރޫމް އަށް އޮޓަމެޓިކް އަޕްޑޭޓް ލިބި ހިލޭ ހެނދުނުގެ ނާސްތާ ލިބެއެވެ. އަދި ދުނިޔޭގެ މަތީފެންވަރުގެ 900 ހޮޓަލްއިން މި ހިދުމަށް ލިބޭއެވެ.

ފައިސާ ބޭނުންކުރުމުގެ ބަދަލުގައި ކާޑް ބޭނުންކުރުމަކީ މިހާރު އެންމެންގެ ވެސް އާދައެވެ. އެގޮތުން ކާޑް ބޭނުންކުރާއިރު މިކަހަލަ މަތީ ފަންތީގެ ކާޑް ބޭނުންކުރުމުން ލިބޭ ފައިދާތައް ވަރަށް ގިނައެވެ. އެހެންނަމަވެސް އެފަދަ ކާޑަކާއި ހަމައަށް ދެވޭނީ އެފަދަ ފެންވަރެއް ހުރެ، އެކަށީގެންވާ ވަރަށް ފައިސާ ހޭދަކޮށްގެންނެވެ.