މުޖުތަމަޢުގައި އުޅޭއިރު އެންމެންނަކީ އެއް މިޒާޖެއްގެ ބައެއް ނޫނެވެ. އެހެންކަމުން އެކި މީހުން ކުރަން ބޭނުންވާ ކަންތައްތަކާއި ކުރުވަން ބޭނުން ނުވާ ކަންތައްތައް ހުންނާނެއެވެ. ނަމަވެސް އެހުރިހާ ކަމަކީ އެންމެންނަށް ކިޔާދީފައި ހުންނަ ކަންތައްތަކެއް ނޫނެވެ. އަދި ކޮންމެ ފަހަރަކު މީހަކު ކިޔާވެސް ނުދީފާނެއެވެ. އެހެނީ އެއީ އަމިއްލަ ބުއްދިން ވިސްނާލުމުން ވެސް ކޮށްގެން ނުވާނެ ފަދަ ކަންތައްތަކެވެ.
އެގޮތުން ބަލާއިރު އަހަރުމެން ތެރެއިން އެންމެންވެސް ކުޑަކުދިން ދެކެ ވަރަށް ލޯބިވެއެވެ. އަދި ޙާއްސަކޮށް ތުއްތު ކުދިން ދެކެ ވަރަށް ލޯބި އެވެ. ތުއްތު ކުއްޖަކު ފެންނައިރަށް ދޮންދީ އުރާލާހިތްވާނެއެވެ. އެހެންނަމަވެސް އެނގޭ ހެއްޔެވެ؟ ތިމާގެ އަމިއްލަ ދަރިއަކު ނޫން ދަރިއަކު އުރާލައި ދޮންދީ ހެދުމަކީ އެއްވެސް މުޖުތަމައެއްގެ މީހުން އެދޭނެ ކަމެއް ނޫނެވެ. ނަމަވެސް ސީދާ ކުރިމަތީގައި އެހެން ބުނަން ނުކެރިދާނެއެވެ.
އިތުރު ކަމަކަށް ބަލާއިރު ވަރަށް ގިނައިން އަހަރުމެން މީހުންނަށް ފޯން އިން ގުޅާ ހަދަމެއް ނުންހެއްޔެވެ. އެގޮތަށް ގުޅުމުން ފޯނަށް ޖަވާބު ނުދެނީ ކިތައް މީހުންހެއްޔެވެ. އާއްމުކޮށް މީހަކަށް ގުޅުމުން އެމީހަކު ފޯނަށް ޖަވާބު ނުދޭނަމަ އެއީ ވިސްނާލަން ޖެހޭ ކަމެކެވެ. އަދި ހާއްސަކޮށް ދެފަހަރު މަތިން މީހަކަށް ގުޅުމުން އެމީހަކު ޖަވާބު ނުދޭނަމަ އެއީ އެމީހަކު ހަޤީގަތުގައި ވެސް ތިބާގެ ފޯނަށް ޖަވާބު ދޭން ބޭނުން ނުވަނީ އެވެ. އެހެންކަމަށްވާނަމަ ތިންވަނަ ފަހަރަށް ގުޅުމަކީ އެހާ ރީތި ކަމެއް ނޫނެވެ. އޭގެ ބަދަލުގައި މުހިއްމު ކަމެއް ނަމަ މެސެޖެއް ފޮނުވާލާށެވެ.
މީހުންނާއި އަލަށް ދިމާވާއިރު އެހާ ގިނައިން ވާހަކަ ދެއްކުމަކީ ރީތި އާދައެއް ނޫނެވެ. އަދި މާ ހަމަޖެހޭ މީހަކަށް ވެގެން ވާހަކަ ދެއްކުމަކީ ވެސް އެހާ ރަނގަޅު ކަމެއް ނޫނެވެ. ސަބަބަކީ އެވަގުތު ދެވަނަ މީހާގެ ވިސްނުން ހުންނާނެ ގޮތެއް ނޭނގިދާނެތީ އެވެ. އެހެން ނޫނަސް ފުރަތަމަ ފެންނަ އިރަށް އެއީ އެތައް ދުވަހެއްވީ ރައްޓެހިންގޮތަށް ހެދުމީ މޮޔަކަމެކެވެ.
މުޖުތަމައުގައި އުޅޭއިރު ރެސްޓޯރެންޓް ފަދަ ތަންތަނުގެ ވެއިޓަރުންނަކީ އިހްތިރާމް ލިބެންޖެހޭ ބަޔެކެވެ. އަދި އެމީހުންނަށް ދޭ އިޙްތިރާމް އަކީ މަސައްކަތް ކުރާ ކުންފުނީގެ ސީ.އީ.އޯ އަށް ކުރާ ފެންވަރުގެ އިޙްތިރާމް އަކަށް ހަދަން ޖެހެއެވެ. އެހެނީ ވެއިޓަރުންނަކީ ވަރަށް ހެޔޮ ހިތުން އެހާމެ މާތް ހިދުމަތެއް ތިބާއަށް ފޯރުކޮށްދޭ މީހުންނެވެ. އެމީހުންނަކީ ތިބާގެ ޙިދުމަތުގައި ވަރަށް ސާބިތުކަމާއި އެކު ހުންނަ މީހަކަށް ވެފައި އެއީ ތިބާ ވަރަށް ބޮޑަށް އިތުބާރު ކުރަން ޖެހޭ މީހަކަށް ވާތީ އެވެ.
ރައްޓެހިންނާއި އެކު ކެއުމަކަށް ގޮސް ކާންތިބޭއިރު ވަރަށް ވާހަކަ ދައްކާހިތްވެއެވެ. އެހެންނަމަވެސް އޭގެ އެންމެ ރީތި ގޮތް އެނގޭހެއްޔެވެ. އަނގަޔަށް ކާއެއްޗެހި ލުމަށްފަހު ދިރުވާލުމުގެ ކުރިން ވާހަކަ ދެއްކުމަކީ ބޭއަދަބީ ކަމެކެވެ. އޭގެ ސަބަބުން ތިބާ ލަދުގަންނަން ޖެހޭ ކަހަލަ ކަމެއް ވެސް ވެދާނެއެވެ.
ގަޑިއަށް ފަރުވާތެރިވާން ޖެހޭ ވާހަކަ އަބަދުވެސް އަހަރުމެންގެ ތެރޭގައި ދައްކައެވެ. ނަމަވެސް އެކަމާއި ގިނަ މީހުން މާބޮޑު ފަރުވާލެއް ނުބަހައްޓައެވެ. ގަޑިއަށް ފަރުވާ ބަހައްޓަން ޖެހޭ ކަމުގެ މުހިއްމުކަން އެނގޭނީ އެފަދަ ހިތްދަތި ކަމަކާއި ދިމާވުމުންނެވެ. ކޮންމެ މީހަކީ ގަޑި އަށް ފަރުވާތެރި ނުވާ މީހަކާއިމެދު ހަރުކަށި މީހަކަށް ނުވެދާނެއެވެ. ނަމަވެސް އެއީ ބޭރުފުށުން ނެވެ. ގަޑިއަށް ފަރުވާތެރި ނުވާ މީހަކާއި މެދު ހިތް ހަލާސް އެއްވެސް މީހަކު ނުހުންނާނެއެވެ. މިސާލަކަށް ބަލާއިރު ތަނަކަށް އެޕޮއިންޓްމަންޓަކަށް ނުވަތަ ލޯބިވެރިއަކާއި ބައްދަލު ކުރުމަށް ގަޑިއަށް ނުދެވިއްޖެ ނަމަ ނުވަތަ އެމީހަކު ގަޑިއަށް ނާދެވެނީސް ތިބާ އިންތިޒާރުގައި ހުންނަން ޖެހިއްޖެ ނަމަ ހިތަށް އަރާނެ އެއްޗެއްސާއި މެދު ވިސްނާލާށެވެ.
ގިނަ ބައެއްގެ ތެރޭގައި އުޅޭއިރު އަބަދުވެސް މިކަހަލަ ކުދި ކުދި ކަންކަމާއި މެދު ވިސްނާލަން ޖެހޭނެއެވެ. ވަރަށް ކުދި ކުދި ކަންތައްތަކުން ބޮޑެތި ކުރިއެރުންތައް ހޯދިދާނެއެވެ. އެހެނީ ތިބާ ކުރާ މިފަދަ ކުދި ކުދި ކަންތައްތަކަކީ އެހެންމީހުންނަށް ވަރަށް އިބްރަތްތެރި ކަންތައްތަކަށް ވެދާނެއެވެ.