English Edition
Dhivehi Edition

ރާއްޖޭގެ ނަން މަޝްހޫރު ކުންފުންޏެއް ކަމަށްވާ އޮންދިގޯ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ވިއްކަމުން އަންނަ އައިކޮކޯ ބްރޭންޑްގެ ސޮފްޓް ޑްރިންކާއި ބެހޭ ގޮތުން އަންހެނަކު ސޯޝަލް މީޑިއާ ގައި އެންޓި ކެމްޕެއިން ކޮށް ކުންފުނީގެ އަގު ވައްޓާލުމަށް މަސައްކަތް ކުރި މައްސަލައެއް ކޯޓަށް ހުށަހަޅާނެ ކަމަށް އޮންދިގޯއިން ބުނެފިއެވެ.

އޮންދިގޯ ގެ ޗެއަރމަން އަދި މެނޭޖިން ޑައިރެކްޓަރ މުޙައްމަދު ޖުނައިދު ވިދާޅުވީ މައްސަލަ ބަލާނެ ކަމަށާއި ޕްރޮޑަކްޓްގެ އަގު ވައްޓާލުމަށް އޭނާ ކުރި ކަންތައްތަކުގެ އަގު ދޭން ޖެހޭނެ ކަމަށެވެ.

މިމަހުގެ 5 ވަނަ ދުވަހު ސަމިއްޔާ އަބްދުﷲ ނަމަކަށް ކިޔާ އަންހެނަކު އޭނާގެ ފޭސް ބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އައިކޮކޯގެ މި ބުއިމަށް ސަމާލުވާން ޖެހޭ ކަމަށާއި މީގެ ތެރޭގައި ހުންނަނީ ފައިބަރ އަދި ރަބަރު ވައްތަރުގެ އެއްޗެއް އަޅާފައި ކަމަށެވެ. އަދި މިކަން އެންމެ ފުރަތަމަ ފާހަގަކުރެވުނީ އޭނާގެ ދަރިއަކަށް ކަމަށާއި ފަހުން އޭނާ ވެސް ބެލި ބެލުމުން ރަބަރު ވައްތަރެއްގެ ނުވިރޭ ޕްލާސްޓިކް ގެ ބާވަތެއް ފުޅީގައި ހުރިކަމަށެވެ. އަދި އެފުޅި ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާއި ހަވާލުކޮށް ދޭނެ ކަމަށާއި އަދި އެ ޕޯސްޓް ޑިލީޓް ކުރާނީ އެ އޮތޯރިޓީގެ ބަހެއް ލިބުމުން ކަމަށް ބުނެ 89 މީހަކު ޓެގް ކުރި ޕޯސްޓް ވަނީ އިރުކޮޅެއް ނުވަނީސް ރިމޫވް ކޮށްފައެވެ. ނަމަވެސް އޮންދިގޯއިން ވަނީ އެ ޕޯސްޓާއި އޭގެ ދަށުން މީހުން ކޮށްފައިވާ ކޮމެންޓް ތަކުގެ ސްކްރީންޝޮޓް ނަގާފައެވެ.

މި ކަމާ ގުޅިގެން އޮންދިގޯއިން ބުނީ އެކުންފުނިން މާކެޓްކޮށް ބާރު ސްޕީޑުގައި ވިކެމުން ގެންދިޔަ ޕްރޮޑަކްޓެއްގެ އަގު ވައްޓައި އަދި ކުންފުނީގެ ވެރި ފަރާތުގެ އަގު ވައްޓާލުމަށް މީހަކު ކުރި މި އަމަލު ކުއްވެރި ކުރާ ކަމަށާއި މިފަދަ ނާތަހުޒީބު އަމަލު ހިންގަމުންދާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.

އޮންދިގޯއިން ހަމަ އެދުވަހު ( 5 ޖެނުއަރީގައި ) މި މައްސަލަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އަށް ވަނީ ހުށަހަޅާފައެވެ. އަދި ޕްރޮޑަކްޓް ތަހުލީލު ކުރުމަށް ފަހު އެ އޮތޯރިޓީން އޮންދިގޯއަށް ފޮނުވި ލިޔުމުގައިވަނީ އައިކޮކޯ ބްރޭންޑްގެ ސޮފްޓް ޑްރިންކުތަކުގައި ހުރި ޖެލީފަދަ އެތިކޮޅު ތަކަކީ ޕްލާސްޓިކް ނޫން ކަމަށާއި ފުޅީގެ ލޭބަލް ގައިވާ ގޮތަށް އެއީ “ނަޓާޑިކޮކޯ” ކަމަށެވެ. އެއީ ކާށިކިރު ފާމެންޓް ކޮށްގެން އުފައްދާ ޖެލީފަދަ އެއްޗެއް ކަމަށް އެ އޮތޯރިޓީން ފޮނުވި ލިޔުމުގައި ވެއެވެ.

އޮންދިގޯ އިަކީ ފެންވަރު ރަނގަޅު، މަޝްހޫރު ބްރޭންޑްތަކުގެ ކާނާ މާކެޓްކޮށް ވިއްކާ ކުންފުންޏެކެވެ. މީގެ ކުރިންވެސް އޮންދިގޯ އިން ވަނީ އެކުންފުނިން ވިއްކާ ޕްރޮޑަކްޓުތަކުގެ ފެންވަރު ބަލާލުމުގެ ފުރުސަތު ކަސްޓަމަރުންނަށް ހުޅުވާލާފައެވެ.

އޮންދިގޯއިން ވިއްކާ ބައެއް ޕްރޮޑަކްޓް ތަކުގެ ތެރޭގައި އައިކޮކޯ ބުއިމުގެ އެކި ފްލޭވާ ތަކާއި އާޝިރުވާދް އާޓާ، ޝެފް ބްރޭންޑްގެ ބާސްމަތީ ރައިސް ، އަލިކެފޭ އަދި ޑެއިލީ މިލްކްފަދަ މަޝްހޫރު ޕްރޮޑަކްޓް ތައް ހިމެނެއެވެ.

ޓެގު