އިނގިރޭސި ޕްރިމިއާ ލީގުގެ މެޗެއް ބަލައިލުމަށް ލަންޑަނަށް ދިޔުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ކޮކާކޯލާއިން ފަށައިފިއެވެ.
އިންގްލިޝް ޕްރިމިއާ ލީގުގެ ޕާޓްނަރަކަށް ކޮކާ ކޯލާ ވުމާގުޅިގެންރޭ ފެށި މި ޕްރޮމޯޝަންގައި ކުރަންޖެހޭ ކަމަކީ ކޯކު ފުޅީގެ މަތިގަނޑުގައިވާ ނަންބަރު އެސްއެމްއެސްކޮށްލުމެވެ . ނަންބަރު 2626 އަށް އެސްއެމް ކުރުމުން އެ ޕްރޮމޯޝަންގައި ބައިވެރިވެވުނީއެވެ.
އަންނަ މާޗް މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަން ގައި ނަސީބުވެރި ދެ ފަރާތަކަށް ކޮންމެ ހަފްތާއަކު ޕްރިމިއާ ލީގުގެ މެޗެއް ބަލައިލުމަށް ލަންޑަނަށް ދިޔުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މެޗު ބަލައިލަން ލަންޑަނަށް ދިޔުމުގެ އިތުރުން ގުރުއަތުން ހޮވޭ 45 ފަރާތަކަށް 45 އެލްއީޑީ ޓީވީވެސް ލިބިގެންދާނެ ކަމަށް ކޮކާ ކޯލާއިން ބުނެއެވެ.
ރޭ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި މި ޕްރޮމޯޝަން ލޯންޗުކޮށްދެއްވީ ރާއްޖޭގެ މަޝްހޫރު ގޯލް ކީޕަރު އިމްރާން މުހައްމަދާއި ކޮކާކޯލާ ރާއްޖޭގެ ކުންފުނީގެ ޖެނެރަލް މެނޭޖަރު މިލިންދު ދެރަސާރީއެވެ. އެ ދެބޭފުޅުން ވަނީ މި ހަފްލާގައި ވަރައް ހާއްސަ ފުޓްބޯޅަ މެޗެއްވެސް ކުޅެފައެވެ.
ޕްރޮމޯޝަން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮކާކޯލާގެ ރާއްޖޭގެ ކުންފުނީގެ ޖެނެރަލް މެނޭޖަރު މިލިންދު ދެރަސާރީ ވިދާޅުވީ ދިވެހިންނާއި ފުޓްބޯޅައާއި ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ކަމަށާއި ކޮކާ ކޯލާގެ އަމާޒަކީ ދިވެހިންނަށް އިތުރު ފުރުސަތުތައް ހޯދައިދިނުން ކަމުގައެވެ.
ކޮކާކޯލާގެ މި ޕްރޮމޯޝަންގެ ލަކީ ޑްރޯ ކުރިއަށް ދާނީ ޓީވީއެމްއިން ލައިވްކޮށް ކޮންމެ ރެއެއްގެވެސް 19:50 ގައެވެ. އަދި އެރެެއްގެ ލަކީ ޑްރޯގައި ބައިވެރިވާން ބޭނުން ނަމަ އެރެއެއްގެ އިރުއޮއްސި 16:00 ގެ ކުރިން އެސްއެސްއެމް ކުރަން ޖެހޭއިރު އެންމެ ފުރަތަމަ ލަކީ ޑްރޯ ކުރިއަށްދާނީ 30 ޖެނުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 10:50 ގައެވެ.