English Edition
Dhivehi Edition

ކުށަކީ އިންސާނަކަށްވީތީ ކޮންމެ މީހަކަށްވެސް ކުރެވިދާނެކަމެކެވެ. ނަމަވެސް މިމުޖުތަމަޢުގައި ތިބޭ ބައެއް މީހުންނަކީ ކުށްކުރުމަށް އާދަވެފައިވާ އަދި ކުށްކުރާ ހިތްވާ މީހުންނެވެ.

ދިވެހިރާއްޖޭގެ ސްޕްރީމްކޯޓްގެ ނަންބަރ 2010/SC-A19 ޤަޟިއްޔާގައިވާ ގޮތުން ކުށެއް ފުރިހަމަވާނީ 4 މަރުހަލާއަކަށްފަހުގައި ކަމަށް ބުނެފައިވެއެވެ. އެގޮތުން ކުށުގެ ފުރަތަމަ މަރުހަލާއަކީ ކުށުގެ އަމަލު ހިންގުމާއިމެދު ޚިޔާލުކުރާ މަރުހަލާއެވެ. އެހެންނަމަވެސް މިމަރުހަލާގައި ކުރާ ކަންކަމަށް ޤާނޫނުގައި އަދަބު ކަނޑައަޅާފައި ނުވެއެވެ. ސަބަބަކީ މިކަމާއިމެދު ހިޔާލުކޮށް ވިސްނުން ހިންގުމަކީ އޭނާއާއި އޭނާގެ ނަފްސާއި މެދު ހިނގާކަމަށްވާތީ އެވެ. އަދި އޭނާގެ ފަރާތުން އެކަން ފާޅު ނުކުރަނީސް އިތުރު މީހަކަށް އެކަން ނޭނގޭނެތީ އެވެ. މީގެ އިތުރުން އޭނާ އެހިޔާލު ދޫކޮށް ހެޔޮމަގަށް ރުޖޫއަވުމަކީވެސް ވަރަށް ގިނަފަހަރަށް ވެދާނެ ކަމަކަށް ވާތީވެސްމެވެ.

ދެވަނަ މަރުހަލާ އަކީ އަމަލު ހިންގުމަށް ތައްޔާރުވާ މަރުހަލާ އެވެ. މިއަށް ޕްލޭނިންގ ސްޓޭޖް އޭވެސް ކިޔައެވެ. މިމަރުހަލާގައިވެސް މީހާ ކުރާ ކަންކަމަށް އަދަބު ޤާނޫނީ ގޮތުން ކަނޑައަޅާފައި ނުވެއެވެ. މިސާލަކަށް މީހަކު މެރުމަށްޓަކައި ނިޔަތްގަނެ ވަޅިއެއް ގަތުން ހިމެނޭނީ މިމަރުހަލާގައެވެ. އެހެންނަމަވެސް އޭނާ އެވަޅި ގަތީ ކީކުރަންކަން ކަނޑައެޅިގެން އިތުރު ބަޔަކަށް ސާބިތުކޮށް ނުދެވޭނެތީ މިމަރުހަލާގައި ކުރާ ކަންކަމަށް ވެސް އަދަބު ކަނޑައަލާފައި ނުވެއެވެ. އެހެނީ ކުށްކުރަން އުޅޭ މީހާ ފިޔަވައި އިތުރު މީހަކަށް އޭނާގެ ނިޔަތް ނޭނގޭނެތީ އާއި، މިމަރުހަލާގައިވެސް އޭނާގެ ހިޔާލު ބަދަލުވެ ހެޔޮމަގަށް އައިސްދާނެތީ އަދަބު ކަނޑައެޅިފައި ނުވެއެވެ.

މިމަރުހަލާއަކީ ކުށްކުރަން އުޅޭ މަރުހަލާއެވެ. މިއީ ތިންވަނަ މަރުހަލާއެވެ. ސްޕްރީމްކޯޓްގެ އިސްވެދެންނެވުނު މަރުހަލާގައިވާގޮތުން މިމަރުހަލާއަކީ ކުށުގެ އަމަލު ތަންފީޒުކުރަން ފަށާ މަރުހަލާކަމަށް ވެސް ބުނެފައި ވެއެވެ. މިމަރުހަލާއަކީ އަދަބު ކަނޑައެޅިފައިވާ މަރުހަލާއަކަށްވަނީ މިއީ އޭނާގެ ނިޔަތް އެނގޭގޮތަށް އޭނާގެ އަމަލުތަކުގެ ސަބަބުން މުޖުތަމަޢަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށްޓަކައެވެ. އެއީ އެންމެހައި ފަރުދުންނާއި މުޅި މުޖުތަމަޢުގެ ހައްޤާއި މަސްލަހަތަށް އޮތް ގޮންޖެހުމަކުން މުޅި މުޖުތަމަޢު ގެ އަފްރާދުން ހިމާޔަށް ކޮށްދިނުމެވެ.

ކުށެއް ކުރުމުގައި އޮންނަ އެންމެ ފަހުގެ މަރުހަލާ އަކީ ކުށުގެ އަމަލު ފުރިހަމަ ކުރާ މަރުހަލާއެވެ. މިމަރުހަލާގައި އެމީހަކު ކުށްކުރާނެއެވެ. ނަމަވެސް ބައެއް ފަހަރު އެމީހަކު ބޭނުންވާ ނަތީޖާ ނުނުކުމެދާނެއެވެ. މިމަރުހަލާގައި އެމީހަކު ކުރާ ކޮންމެ ކަމެއް ސާބިތުވެއްޖެނަމަ އެކުށަކަށް އަދަބު ލިބޭނެއެވެ.

ކޮންމެ ކުށަކީ އެކުށަކަށް އަދަބެއް ކަނޑައެޅިފައިވާ ކުށެކެވެ. ނަމަވެސް އެއަދަބެއް ލިބޭނީ އެމީހަކު އެކުއްކުރިކަން އެއްވެސް ޝައްކެއް ނެތްމިންވަރަށް ސާބިތު ވުމުންނެވެ. ކުށަކީ ހަމަ ހުރެފައި އެއްވެސް މީހަކު ކުރާނެ ކަމެއް ނޫނެވެ. އެހެނީ ކުށެއް ކުރުމުގެ ކުރިން މިދެންނެވި މަރުހަލާތައް ގިރާކުރާނެއެވެ. އެހެންކަމުން އެމީހަކު ކުށެއް ކުރުމުގެ ކުރިން އަބަދުވެސް އެކުށަކުން ސަލާމަތްވުމުގެ އިޙްތިޔާރު އެމީހަކަށް ލިބިގެން ވެއެވެ.

ކޮންމެ މީހަކީވެސް ކުށާއި، ކުށުގެ ނުރައްކަލުން އެކަހެރިވެގެންވާ މީހަކަށް ވުމަށްޓަކައި އެކި މަރުހަލާތަކުގައި ހެޔޮ މަގު ހިޔާލުކުރުން މުހިއްމެވެ. ސަބަބަކީ ކޮންމެ ކުށަކީ ކޮންމެވެސް މީހެއް ނުވަތަ އެތައް ފަރުދުންގެ ޙައްޤުތަކެއް އެކުލެވިގެންވާ ކަމަކަށް ވާތީވެސްމެވެ.